މިސްރުގެ ނަސާރާ (ކްރިސްޓިއަން) ދީނުގެ ފިރިހެނަކު، ގުރުއާންގެ އިލްމާ ބެހޭ މުބާރާތެއްގައި ބައިވެރިވެ ސުވާލުތަކަށް ޖަވާބުދީގެން ހިލޭ އުމްރާ ދަތުރެއް ކާމިޔާބުކޮށްފި އެވެ.

މީނާ ނަމަކަށް ކިޔާ މި މީހާގެ މައިގަނޑު ބޭނުމަކަށްވީ މުބާރާތުން ލިބޭ އިނާމު އޭނާގެ މުސްލިމް އަވަށްޓެރިޔާ "އުންމު އަލީ" އަށް ދިނުމެވެ. އެއީ އުމްރާއެއް ކުރުމަށް އޭނާގެ އަވަށްޓެރިޔާ ކުރަމުން އައި އުއްމީދު ހަގީގަތަކަށް ހަދައިދިނުމަށެވެ.

ސްކައި ނިއުސް އަރަބިއާ އަށް މީނާ ބުނެފައިވާ  ގޮތުގައި، މި މުބާރާތުގެ މައުލޫމާތު އެނގުނީ އިސްލާމީ ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. އައިމަން އަބޫ އުމަރު ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ލައިވްސްޓްރީމަކުންނެވެ. އެ ލައިވްގައި އޭނާގެ އަވަށްޓެރިޔާ އުމްރާ ދަތުރު ކާމިޔާބުކުރުމުގެ އުއްމީދުގައި، ގުރުއާނާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބުދެމުންދިޔަތަން މީނާއަށް ފެނުނެވެ. އަވަށްޓެރިޔާއަށް މި ދަތުރުގެ މުހިންމުކަން އެނގުމުން، މީނާ ނިންމީ އަމިއްލައަށް ވެސް މުބާރާތުގައި ބައިވެރިވާށެވެ.

"އަހަންނަކީ ނަސާރާއެއް، ނަމަވެސް އަހަރެން އިސްލާމީ ދީނީ މުބާރާތުގައި ބައިވެރިވިން،" މީނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބައިވެރިވި ހަމައެކަނި ބޭނުމަކީ އަވަށްޓެރިޔާއަށް އެ އުމްރާ ދަތުރު ކާމިޔާބުކޮށްދިނުމެވެ.

މީނާ ބުނި ގޮތުގައި އޭނާ އުންމު އަލީ ގާތު ވެސް  މުބާރާތުގައި ބައިވެރިވާނެ ކަމަށް ބުންޏެވެ. އެއީ އުންމު އަލީއަށް މުބާރާތް ކާމިޔާބު ނުވެއްޖެ ނަމަ، އޭނާގެ ފަރާތުން ނަމަވެސް އެ އިނާމު ހޯދައިދެވިދާނެ ކަމުގެ އުއްމީދުގަ އެވެ. މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކުރުމުގެ ގޮތުން މީނާ ވަނީ ރަނގަޅު ޖަވާބު 50 އާއި 60 އާ ދެމެދުގެ އަދަދަކަށް ތަކުރާރުކޮށް ފޮނުވައިފަ އެވެ. އޭނާގެ މި ރޭވުން ކާމިޔާބުވެ، ހިލޭ ލިބޭ އުމްރާ ދަތުރު ލިބުނީ އެވެ. އަދި ވަގުތުން އެ އިނާމު އޭނާގެ އަވަށްޓެރިޔާއަށް ހަދިޔާކުރި އެވެ.

އުންމު އަލީ ބުނި ގޮތުގައި މުބާރާތުގެ ތެރޭގައި މީނާ ބައިވެރިވުމުން އެކަން އޮތީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފަ އެވެ. އަދި އޭނާއަށްޓަކައި އުމްރާ ދަތުރެއް ކާމިޔާބުވެއްޖެކަން އެނގުމުން ވަރަށް ބޮޑަށް އުފާވެ، އަސަރުކުރި ކަމަށް އޭނާ ބުންޏެވެ. އުމްރާއެއް ކުރުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، ހިނގާބިނގާވެ އުޅެވޭފަދަ ސިއްހީ ހާލަތެއްގައި ހުރެ އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުމަށް އެދި އަބަދުވެސް ދުއާކުރާ ކަމަށް އުންމު އަލީ ބުންޏެވެ.

"އުމްރާއަކުން މިފަދަ ބޮޑު އުފަލެއް ލިބޭނެ ކަމެއް އަހަންނަކަށް ކުރިއަކުން ނޭނގެ،" މީނާ ބުންޏެވެ.

މީނާ ބުނި ގޮތުގައި އުންމު އަލީ އާއި އޭނާގެ އާއިލާއާ އެކު އޮތް ގުޅުމަށް 20 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އެއީ އާދައިގެ އަވަށްޓެރިކަމުގެ ގުޅުމަކަށްވުރެ މާ ބަދަހި ގުޅުމެއް ކަމަށް ބުންޏެވެ. އޭނާ އުންމު އަލީ ބަލަނީ އަމިއްލަ ދައްތައެއްގެ ގޮތުގަ އެވެ. އަދި އޭނާގެ މައިންބަފައިންނަށް ކުރާ ފަދަ ގަދަރާއި ލޯބި އުންމު އަލީގެ މައިންބަފައިންނަށް ވެސް ކުރެ އެވެ.

މި ވާހަކަ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު މިސްރުގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އަދި މުސްލިމުންނާއި ނަސާރާ އަވައްޓެރިންގެ މެދުގައި އޮންނަންޖެހޭ ބަދަހި ގުޅުމުގެ ރީތި ނަމޫނާއެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ މީނާގެ މި އަމަލަށް ތައުރީފުކޮށްފަ އެވެ.