ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އުމަރުގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ. އޭނާއަކީ އުމަރުއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.
އުމަރަކީ 2008 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އެ އިންތިހާބުގައި އުމަރަށް ލިބިވަޑައިގަތީ 2،472 ވޯޓެވެ. އަދި 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވާދަކުރެއްވި އެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޔާމީނެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވަން އުމަރު ދަރުބާރުގެ އަށް ވަޑައިގަތީ ސަޕޯޓަރުންނާ އެކު އެވެ.
އަމިއްލަ ގޮތުން އިންތިހާބަށް ވާދަކުރައްވާ ނަމަ 1،500 ސޮޔާއި 100،000ރ. އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އެއީ އަނބުރާ ލިބޭ ފައިސާއެއް ނޫނެވެ.
އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން މިއަދު މެންދުރު 2 ގައި ހަމަވާއިރު، މިހާތަނަށް ފޯމު ހުށަހެޅުއްވީ އުމަރުގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ހަސަން ޒަމީލެވެ. ޒަމީލަކީ ޓޫރިޒް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ ނައިބުކަން ކުރިން ކުރެއްވި ބޭފުޅެކެވެ.
އިދިކޮޅު ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ވެސް މިއަދު ހެނދުނު ވަނީ ހުށަހަޅުއްވައިފަ އެވެ.