އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ފެނުނު މައްސަލައެއްގައި ސްރީލަންކާއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ދެ ދިވެހިންނާ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ބޭސްފަރުވާ އަށް ލަންކާ އަށް ގޮސް އުޅެނިކޮށް މިދިޔަ ހަފްތާގައި ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ އިސް ދެ އެކްވިސްޓުން ކަމަށްވާ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކެވެ.

ބަންދުގެ މުއްދަތަށް 13 ދުވަސް ޖަހާފައިވާ އެ ދެ ދިވެހިންނާ ސަފީރު މިއަދު ބައްދަލު ކުރައްވާފައިވާއިރު ސަފީރު، "މިހާރު" އަށް ވިދާޅުވީ އެ ދެ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއްވި އެވެ.

އެނގިފައިވާގޮތުގައި އެ ދެ މީހުން އެދުނު ބައެއް ކަންކަން ސަފީރު ވަނީ ލަންކާ ސިފައިންނާ ވާހަކަ ދައްކައިގެން ހަމަޖައްސައި ދީފަ އެވެ.

އެ ދެ މީހުން ހައްޔަރުކުރީ އެ މީހުން ލަންކާގައި ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރިއިރު އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅޭ ފޮތެއް އެ ގެއިން ފެނިގެންނެވެ. އެނގިފައިވާގޮތުގައި އެ ފޮތާއި އެ މީހުންނާ ގުޅުމެއް ނެތެވެ. އެއީ އެ ގޭގައި އުޅުނު މީހަކު ގެންގުޅުނު ފޮތެކެވެ. އެ ފޮތުގެ ވެރިޔާ މި ވަގުތު ހުރީ ވެސް މާލޭގަ އެވެ.

އެ ފޮތަކީ، އައިއެސް ޖަމާއަތް އުފެދިގެން އައި ގޮތާ ގުޅޭގޮތުން އެމެރިކާގެ ނޫސްވެރިއަކު ލިޔެފައިވާ "ބްލެކް ފްލެގްސް ދަ ރައިޒް އޮފް އައިއެސްއައިއެސް" އެވެ.

އެ ދެމީހުންގެ އިތުރުން ދެން ހައްޔަރު ކުރި ހަތަރު ދިވެހިން މިއަދު ވަނީ މިނިވަންކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ ދިރިއުޅޭ ގެއިން އެއާ ގަންއެއް ފެނިގެންނެވެ. އެމީހުންގެ ބަންދުގެ މުއްދަތު ލަންކާ ކޯޓުން އިތުރު ކޮށްދީފައި ނުވެ އެވެ.

ސްރީ ލަންކާގައި ބޮން ގޮއްވާލައި ދިން ހަމަލާތަކާ އެއްވެސް ދިވެއްސަކާ ގުޅުން ހުރި ކަމަށް ތުހުމަތެއް ނުކުރެ އެވެ.