ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2030 ވަނަ އަހަރު ބާއްވަން ސްޕެއިނާއި ޕޯޗުގަލުން ހުށަހަޅާ ބިޑުގައި، ހަނގުރާމައިގެ ތެރޭގައި މިވަގުތު އޮތް ޔޫކްރޭން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މުބާރާތުގެ އެއް ގްރޫޕުގެ މެޗުތައް ޔޫކްރޭނުގައި ބާއްވާ ޕްލޭނަށް އެ ގައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އާއި ސްޕެއިނާއި ޕޯޗުގަލްގެ ސަރުކާރުން ރުހުން ދީފައިވާ ކަމަށްވެ އެވެ.
މިކަން މިއަދުގެ ވަގުތެއްގައި ސްޕެއިނާއި ޕޯޗުގަލް އިން ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެ އެވެ.
އަވަށްޓެރި ރަޝިއާ އިން މި އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް އަރައި ދަނީ ހަނގުރާމަކުރަމުންނެވެ. އަދި ރަޝިއާ އިން ވަނީ ޔޫކްރޭނުގެ ބައެއް ހިސާބުތައް ހިފައިފަ އެވެ. އެފަދަ ހާލަތެއްގައި ގައުމު އޮއްވާ ވޯލްޑް ކަޕް ބިޑެއްގައި ބައިވެރިވުމުން ސުވާލުތައް ވަނީ އުފެދިފަ އެވެ.
ޔޫކްރޭނުން ވަނީ ޕޮލެންޑާ ގުޅިގެން 2012 ވަނަ އަހަރުގެ ޔޫރޯ ބާއްވައިފަ އެވެ.
ވޯލްޑް ކަޕް 2030 ގައި އޮންނާނެ ގައުމެއް ކަނޑައަޅާނީ ބެލެވޭ ގޮތުގައި މީގެ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.
އެ އަހަރު ވޯލްޑް ކަޕް ބާއްވަން ހުޅަނގު އެފްރިކާގެ މޮރޮކޯ އިން ބިޑެއް ހުށަހަޅާނެ އެވެ. އުރުގުއޭ، އާޖެންޓީނާ، ޕެރެގުއޭ އަދި ޗިލީ ގުޅިގެން ވެސް ބިޑެއް ކުރަން ހަމަޖެހިފައިވާއިރު މިސްރާއި ގްރީސް އަދި ސައުދީ އަރަބިއާ ގުޅިގެން ވެސް ބިޑުކޮށްފާނެ ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ އާއި ޖަޕާނާއި ޗައިނާ ގުޅިގެން އަދި އަލްޖީރިއާ އާއި ކެމަރޫނާއި ޓިއުނީޝިއާ ގުޅިގެން ބިޑުކުރުމުގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ.