ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެއިން ވެކްސިން ފުރިހަމަކުރާ މީހުން އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ފަހު ކަރަންޓީނުވާން ނުޖެހޭ ގޮތަށް އެ ގައުމުން ހަދައިފި އެވެ.
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ފަސޭހަކަމާ އެކު ދަތުރުކުރުމަށް އޮތް އެންމެ ފަހުގެ ހުރަސް ވެސް ނައްތާލެވިފައިވާކަން ހާމަކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރަން ރޮސްލާ އެވެ.
ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވެކްސިން ކާޑާ އެކު އެ ގައުމަށްދާ ނަމަ، ކަރަންޓީނުވާން ނުޖެހޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަނުން ބުނި ގޮތުގައި މި ގެނައި ބަދަލާ އެއްގޮތަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުގެ ފަތިހު 4:00 ގެ ފަހުންނެވެ. އޭގެ ފަހުން ރާއްޖެއިން ވެކްސިން ފުރިހަމަކުރާ މީހުން އެގައުމަށް ގޮސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
ކަރަންޓީނު ނުވެ ދަތުރުކުރެވޭ މީހުންގެ ތެރޭގައި ސިންގަޕޫރުގެ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފެއްދި އެސްޓްރަޒެނެކާ ވެކްސިނާއި ފައިޒާ ވެކްސިންގެ އިތުރުން އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ޖެހި މީހުން ވެސް ހިމެނެ އެވެ. ހައި ކޮމިޝަނުން ކުރި ޓްވީޓުގައި ޗައިނާގެ ސިނަފޯމް ވެކްސިން ހިމެނޭ ކަމެއް ނެތެވެ.
އެކަމަކު ކޮވިޑުން ދިފާއުވުމަށް ރާއްޖެއިން ގިނަ ބަޔަކު ސިނަފޯމް ވެކްސިން ވެސް ފުރިހަމަކުރި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން، އިނގިރޭސިވިލާތުން އެކުލަަވައިލި ރެޑް ލިސްޓުގައި ރާއްޖެ އޮންނަތާ ހަތަރު މަސް ފަހުން ސަލާމަތްވީ މިދިޔަ މަހުގެ މެދު ތެރޭގަ އެވެ. އޭގެ ފަހުން ވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ރާއްޖެއަށް ނުކުރުމަށް އިރުޝާދުދީ ޔޫކޭ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ޓްރެވެލް އެޑްވައިޒަރީއެއް ވެސް ނެރުނެވެ.
އެކަމަކު މިދިޔަ ހަފުތާގެ ތެރޭގައި ކޮންމެހެންކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމުގެ އިރުޝާދު އުވާލި އެވެ.
ދަތުރުކުރުމުގައި ރާއްޖެއަށް ހަމަޖައްސައިދިން ލުއިތަކަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.
އިނގިރޭސި ވިލާތުން ގައުމުތައް ގިންތި ކުރުމުގައި ގެންގުޅެނީ ހަތަރު މިންގަނޑެކެވެ. އެއީ ގްރީން ލިސްޓް، އެމްބާ ލިސްޓް، އެމްބާ ޕްލަސް ލިސްޓް އަދި ރެޑް ލިސްޓެވެ. އެންބާ ލިސްޓުގައި ހިމެނުމުން ރާއްޖެ އަށް އަންނަ އިނގިރޭސި ވިލާތުގެ ޓޫރިސްޓުން އެނބުރި ގައުމަށް ގޮސް ހޮޓާތަކުގައި ކަރަންޓީންވުމުގެ ބަދަލުގައި ގޭގައި ކަރަންޓީނުވެވޭނެ އެވެ.
އަދި އެ ގައުމުން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ނަމަ ޕީސީއާރް ޓެސްޓް ވެސް ހަދާކަށް ނުޖެހޭނެ އެވެ.
ރާއްޖެ އިން އިނގިރޭސިވިލާތަށް ދަތުރުކުރުމުގައި ފަސޭހަތަކެއް ހޯދައިދިން އިރު، ކޮވިޑްގެ ކުރިން ވެސް އަދި ކޮވިޑްގެ ހާލަތުގެ ތެރޭގައި ވެސް އިނގިރޭސި ވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުންދާ އެއް ގައުމެކެވެ. ކޮވިޑްގެ ހާލަތުގެ ކުރިން އެންމެ ޕީކް ސީޒަންގައި މަހެއްގެ މައްޗަށް ރާއްޖެ އަށް 10،000 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ.