އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް، އިނގިރޭސި ރާނީ އެލިޒަބަތުއާ ފުރަތަމަ ބައްދަލުވެވަޑައިގަތީ ރާއްޖެ އަށް އެކަމަނާ ކުރެއްވި ދަތުރުފުޅުގައި 1972 ގަ އެވެ. އެއީ ކިޔަވަން އަމީނިއްޔާ ސްކޫލަށް ފަރަހަނާޒް ވެދެވަޑައިގަތް އަހަރެވެ. އަންހެން ކުދިންނަށް ހާއްސަ ސްކޫލަށް ރާނީ ވަޑައިގަތުމުން ކްލާސްރޫމުން މަރުހަބާ ދަންނަވަން ހަވާލުކޮށްފައި އޮތީ ފަރަހަނާޒަށެވެ.

"އަޅުގަނޑުގެ ކްލާހަށް ރާނީ ވަޑައިގަތީމަ އަޅުގަނޑު ތެދުވެފައި ދަންނަވަން ޖެހެނީ ގުޑްމޯނިން ޔުއާ މެޖިސްޓީ. އެކަމަކު ކަން ދިމާވި ގޮތުން ތެދުވެފައި އަޅުގަނޑު އަނގައަކުން ނުބުނި. ޓީޗަރުން ކައިރީގައި ތިބެގެން ފަހަތުން ދެން ބުނާށޭ ވިދާޅުވީމަ ވެސް ހަމަ ހުރި ގޮތަށް ހުރެވުނީ. އެއްޗެއް ނުބުނެވުނު،" ފުރަތަމަ ބައްދަލުވުމުގެ ހަނދާން އާ ކުރައްވައި ފަރަހަނާޒް ވިދާޅުވި އެވެ.

އެކަމަކު އެއީ ރާއްޖެ އިން ވެސް މަދު މީހަކަށް ލިބުނު ހާއްސަ ފުރުސަތެކެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރޯޔަލް ބްރިޓޭނިއާގައި ކަނޑުމަގުން ރާއްޖެ ވަޑައިގަތް ރާނީ ހަމަ ލޮލުން ފެނުމުގެ ނަސީބެވެ. އެކަމަކު އެކަން ވިސްނައިގަނެވޭވަރަށް ވުރެން އޭރު ފަރަހަނާޒްގެ އުމުރުން ހަގެވެ.

އިނިގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް
އިނިގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް

ރާނީ ރާއްޖެ ވަޑައިގަތީ ދެކުނު އިރުމަތީ އޭޝިއާ އާއި އެފްރިކާގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގަ އެވެ.

އޭގެ 37 އަހަރު ފަހެވެ. ރާނީއާ އެކު ދެ ވަނަ ބައްދަލުވުން ފަރަހަނާޒްއަށް ހުރިހާ ގޮތަކުން ވެސް ޚާއްސަ އެވެ. އެއީ ރަސްމީ ސިފައެއްގައި އިނގިރޭސި ރާނީއާ ބައްދަލުވެވަޑައިގަތް ވަގުތުކޮޅެވެ. ރާނީ ފެނިވަޑައިގަތުމުން ފުރަތަމަ ފަހަރު އެއްވެސް އެއްޗެއް ވިދާޅުނުވެވުނު ފަރަހަނާޒްގެ ދެ ވަނަ ބައްދަލުވުން އޮތީ 2009 ވަނަ އަހަރު, ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހައި ކޮމިޝަނަރުގެ ގޮތުގައި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގަ އެވެ.

ސަފީރު ވިދާޅުވީ އެ ވަގުތުކޮޅު ވެސް އިނގިރޭސި ރާނީއާ ބައްދަލުވެވަޑައިގަންނަވާތީ ހުންނެވީ ކުޑަކޮށް ހާސްވެފައި ކަމަށެވެ. އެކަމަކު ރާނީ އާކުރެއްވީ އެކަމަނާ ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގެ ހަނދާންތަކެވެ. ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ހަނދުމަފުޅު ހުރި ދަތުރުގައި ރާއްޖެ ވަޑައިގަތުމަކީ ލިބިވަޑައިގަތް އުފަލެއް ކަމަށް ރާނީ ވިދާޅުވި އެވެ.

ރާނީ އެލިޒަބަތު ރާއްޖޭގައި: އެލިޒަބަތު ރާއްޖެ ވަޑައިގަތީ މާޗް 14، 1972 ގައި
ރާނީ އެލިޒަބަތު ރާއްޖޭގައި: އެލިޒަބަތު ރާއްޖެ ވަޑައިގަތީ މާޗް 14، 1972 ގައި

ރާއްޖޭގައި ހޭދަކުރެއްވި އުފާވެރިކަމުގެ ވަގުތުކޮޅުތައް ވިދާޅުވާން ފެއްޓެވެމުން ފުރަތަމަ ބައްދަލުވުމުގެ މަތިން ހަނދުމަކޮށްދެއްވީ ފަރަހަނާޒް އެވެ.

"އަޅުގަނޑު ދެންނެވިން ރާނީ އަރިހުގައި, އަމީނިއްޔާއަށް ވަޑައިގަތުމުން ތެދުވެ އަނގައިން ބުނަން ނޭނގިފައި ހުރި ކުޑަ ކުއްޖާއަކީ އަޅުގަނޑޭ. ދެން ވަރަށް ހިނިފުޅުވަޑުވާފައި ވިދާޅުވި މިއަދަކު އެއްވެސް މައްސަލައެއް ނެތެއް ނޫންހޭ. ހަމަ ވަރަށް ރަނގަޅަށް ވާހަކަ އެބަ ދައްކަމެއް ނޫންހޭ," ފަރަހަނާޒް ވިދާޅުވި އެވެ.

"ވަރަށް މަޖާ މިޒާޖެއްގެ ބޭފުޅެއްގެ ގޮތަށް އަޅުގަނޑަށް ރާނީ ފެނުނީ އިނގޭތޯ. ރާނީއަކީ އެ ބޭފުޅާއާ ވާހަކަ ދައްކަލީމާ އަނެއް މީހާ ހިތްހަމަޖެހޭ ގޮތަށް ވާހަކަ ދެއްކުމަށް މަގުފަހިކޮށްދެއްވާ ބޭފުޅެއް."

ސަފީރު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ފިރިކަލުންނާ ވެސް ވަރަށް ގާތްކޮށް ވާހަކަ ދައްކަވައި ގިނަ އަހަރުތަކެއް ވަންދެން ދުނިޔޭގައި ހުންނެވުމުގެ ނަސީބާ އެކު މާމަ/މުނިމާމަ ބޭފުޅުން ފެނިވަޑައިގަތުމުގެ އުފާ ލިބިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ޑޮކްޓަރެއް ކަން އެނގިވަޑައިގަތުމުން ފިރިކަލުންގެ މަސައްކަތް ކިހިނެއްތޯ ވެސް އައްސަވައި ހެއްދެވި ކަމަށް ފަރަހަނާޒް ވިދާޅުވި އެވެ.

ރާނީ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި މިދިޔަ ބުރާސްފަތިދުވަހު އެވެ.

ރާނީ އެލިޒަބަތު ރާއްޖޭގައި: އެލިޒަބަތު ރާއްޖެ ވަޑައިގަތީ މާޗް 14، 1972 ގައި
ރާނީ އެލިޒަބަތު ރާއްޖޭގައި: އެލިޒަބަތު ރާއްޖެ ވަޑައިގަތީ މާޗް 14، 1972 ގައި

ފަރަހަނާޒް ވިދާޅުވީ އިނގިރޭސިވިލާތުގެ ރަނިކަމުގައި 70 އަހަރު ހޭދަކުރެއްވި ރާނީ އަވަހަރާވުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް އިނގިރޭސި ރައްޔިތުން ދެކޭ ކަމަށެވެ. އެ ގައުމުގެ އިތުރުން ކޮމަންވެލްތަށް ވެސް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައި ހުންނެވި ބޭފުޅަކަށްވާތީ ގައުމުތަކުން އެކަން ދެކެނީ ފުން ހިތާމައެއްގެ ގޮތުގައި ކަަމަށް ވިދާޅުވި އެވެ.

ހައި ކޮމިޝަނަރެއްގެ ޒިންމާތައް އަދާކުރައްވާ އިރު، ރާނީ ދެއްވާ އެކި ދައުވަތުތަކުން ފުރުސަތު ލިބިވަޑައިގަތެވެ. އޭގެތެރެއިން ވެސް ބަކިންހަމް ޕެލަސްގައި ދެއްވާ ރިސެޕްޝަންގައި ރާނީ ފެނިވަޑައިގަންނަވާނީ ތަފާތުކޮށް ކަމަށް ފަރަހަނާޒް ވިދާޅުވި އެވެ.

ޔޫކޭގައި ގާތްގަނޑަކަށް 200އަށް ވުރެން ގިނަ ގައުމުގެ ސަފީރުން ތިއްބަވާ އިރު އިރު ކޮންމެ ސަފީރަކާ ވެސް ވަކިން ހުއްޓިވަޑައިގެން ވާހަކަފުޅު ދައްކަވައި ހައްދަވަ އެވެ. އުމުރުފުޅުން އެހާ ދުވަސްވެފައި ހުންނެވި އިރު ވެސް ހާއްސަ އިސްކަމަކާއި ވަގުތު ދެއްވައިގެން ކޮންމެ ގައުމަކާ ބެހޭ ގޮތުން ވެސް ވަކިވަކިން އައްސަވާ ހެއްދެވުމަކީ ފަރަހަނާޒްއަށް ފާހަގަކުރެއްވުނު ހާއްސަ ސިފައެކެވެ.

ފަރަހަނާޒްގެ ފަތްކޮޅު 2009 ގައި އިނގިރޭސި ރާނީއަށް އަރުވަނީ.
ފަރަހަނާޒްގެ ފަތްކޮޅު 2009 ގައި އިނގިރޭސި ރާނީއަށް އަރުވަނީ.

އޭނާ ސިފަކުރައްވާ ގޮތުގައި ރާނީއަކީ އެ އުމުރުގައި ވެސް ވަރަށް ހިތްވަރު ގަދަ ހިދުމަތުގައި ފަހަތަށް ޖެހިވަޑައިނުގެންނެވި ޝަހުސިއްޔަތެކެވެ.

"ދިވެހިރާއްޖެއާ ގުޅޭ ގޮތުން ގިނަ ފަހަރަށް އައްސަވާނީ ކްލައިމެޓް ޗޭންޖުގެ ވާހަކަތަކާއި އޭގެ ސަބަބުން ދިމާވާ ދަތިތަކަކީ ކޮބައިތޯ," އޭނާ ވިދާޅުވި އެވެ.

"ރާއްޖެ-ޔޫކޭ ގުޅުން: ބަދަހިކަމުގައި ދެމިއޮންނާނެ"

ފަރަހަނާޒް ވިދާޅުވީ ޔޫކޭ އާއި ރާއްޖޭގެ ގުޅުން މި ފަހުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުން ދެއްކެވީ ރާއްޖޭގައި ފުރަތަމަ ހުޅުވި ޔޫރަޕްގެ ގައުމެއްގެ ހައި ކޮމިޝަނަކީ އިނގިރޭސި ހައި ކޮމިޝަނަށް ވުމެވެ.

"އެ ވަރުގެ ކަމެއް ކުރާނީ ގުޅުން ވަރަށް ބޮޑަށް ބަދަހިވީމަ ދެއްތޯ. އަނެއްކާ އަޅުގަނޑުމެން ކޮމަންވެލްތަށް ވެސް ވައްދައިދިން," ފަރަހަނާޒް ވިދާޅުވި އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. މި ވެރިކަމުގައި ސަފީރެއްގެ ގޮތުން ރާނިއާ ބައްދަލުވެވަޑައިގަތުމުން މުހިއްމު ކަމަކަށް ނެންގެވީ އަލުން ކޮމަންވެލްތާ ގުޅެން ރާއްޖެ އިން ބޭނުންވެފައި ތިބުން ކަމަށް ވިދާޅުވި އެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ރާނީ އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ.

ރާނީ ރާއްޖޭގައި: އެކަމަނާ ރާއްޖެވަޑައިގަތީ ދެކުނު އިރުމަތީ އޭޝިއާ އާއި އެފްރިކާގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި.
ރާނީ ރާއްޖޭގައި: އެކަމަނާ ރާއްޖެވަޑައިގަތީ ދެކުނު އިރުމަތީ އޭޝިއާ އާއި އެފްރިކާގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި.

"އަޅުގަނޑުމެންނަށް ލިބޭ ދައުވަތުތައް ވެސް ތަފާތު އެހެން ގައުމުތަކުގެ އެމްބެސެޑަރުންނަށް ލިބޭ ދައުވަތުތަކާ ވެސް. ހައި ކޮމިޝަނަރުންނަށް ވަރަށް ހާއްސަ ގޮތެއް ބަހައްޓަވާ. އަޅުގަނޑު 2019 ގައި ފަތްކޮޅު އަރުވަން ޖެހުނީ އެމްބެސެޑަރެއްގެ ގޮތުގައި. ދެންނެވިން ހައި ކޮމިޝަނާއަކަށް ހުންނަވައި ފަތްކޮޅު ނޭރުވުނީމަ ދެރައޭ. ކޮމަންވެލްތު ވާހަކަ ދެއްކިން, އޭރު އަޅުގަނޑުމެންނަށް ކޮމަންވެލްތަށް ނުވަދެވި އޮތީ. އަޅުގަނޑު ދާން ފެށީމާ ހިނިފުޅު ވަޑުވާލާފައި ވިދާޅުވީ 'އައި ހޯޕް ޔޫ އެންޖޯއި ޔުއާ ސްޓޭ އިން ލަންޑަން ވެން ޔުއާ ދި ހައި ކޮމިޝަނާ'އޭ. ހައި ކޮމިޝަނަރަކަށް މިތާ ހުރުން ވަރަށް މުހިއްމު ކަން އެނގިވަޑައިގަންނަވާތީ އެގޮތަށް އެކަމަނާ ވިދާޅުވީ," ފަރަހަނާޒް ވިދާޅުވި އެވެ.

އޭގެ ދެ ހަފުތާއެއްހާ ދުވަސް ނުވަނީސް ރާއްޖެ ވަނީ އަލުން ކޮމަންވެލްތަށް ވައްދައިފަ އެވެ.

ރާނީ ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅަކީ ފަރަހަނާޒް ދެކެވަޑައިގަންނަވާ ގޮތުގައި އޭރު ވެސް ރާއްޖެއަށް އޮތް ހާއްސަ ކަމެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑު މިހާރު ކިތަންމެ ގަދަޔަސް އޭރު ގައުމެއްގެ ގޮތުގައި ރާއްޖެ އަކީ އަޑު ފަނޑު ގައުމެކެވެ. ދުނިޔޭގެ ގައުމުތަކުގެ އިސްވެރިންގެ ދަތުރުތަކުން އޭރު ޖާގަދެއްވާފައި ނުވާ ކުޑަކުޑަ ރާއްޖެއަށް ރާނީ ވަޑައިގަތުމަކީ, ފަރަހަނާޒް ވިދާޅުވި ގޮތުގައި ތާރީހީ ވަރަށް ބޮޑު ޝަރަފެކެވެ.

"ރާނީ ވަޑައިގަތް އިރު ދިވެހި ގައުމުގައި އޭރު ތިއްބެވި ބޭފުޅުންގެ ހިތްޕުޅަކަށް ވެސް އަރާވަޑައިނުގަންނަވާނެ އެވަރުގެ ބޭފުޅަކު ރާއްޖެއަށް އެހާ އަހައްމިއްޔަތު ކަމެއް ދެއްވައިގެން ވިޒިޓްކުރައްވަފާނެއޭ،" އޭނާ ވިދާޅުވި އެވެ.

މާލެ ފައިބައިވަޑައިގެން މަގުތަކުގައި ހިންގަވައި ހެއްދެވި އެވެ. މާލޭގެ އެކި ތަންތަނަށް ޒިޔާރަތްކުރައްވައި ދިވެހިންގެ ދިރިއުޅުމާއި ސަގާފަތް ބައްލަވާލައްވަން އިސްކަމެއް ދެއްވެވި އެވެ. އޭގެ ފަހުން އައްޑުއަށް ވަޑައިގަތެވެ.

އެކަމަނާ ރާއްޖެ ވަޑައިގަތް އިރު ރާއްޖޭގައި ޓޫރިޒަމް ވެސް ފުޅާވެފައި ނެތެވެ.

"މުޅި ބައިނަލްއަގުވާމީ ދުނިޔެއަށް ރާއްޖެ ފާހަގަކޮށްލެވޭނެ ވަރުގެ ކަމެއް އޭރު އެ ކޮށްދެއްވީ. ބޮޑެތި ވެރިން ވަޑައިނުގެން ތިއްބެވި އެހާ ކުޑަ ގައުމަކަށް ވަޑައިގެންނެވުން," ފަރަހަނާޒް ވިދާޅުވި އެވެ.

ރާއްޖެއަށް ބެހެއްޓެވި ގާތްކަމުގެ ތެރެއިން ސްކޫލްތަކުގައި ކިޔަވާ ފޮތްތައް ވެސް އިނގިރޭސި ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްދިނެވެ. ކޮމަންވެލްތުގެ ގައުމުތަކަށް ވެދިން އެހީތަކުގެ ތެރޭގައި ރާއްޖެއަށް ވަރަށް ގިނަ އަދަދަކަށް ސްކޮލަޝިޕް ހަމަޖައްސަވައި ދެއްވެވި އެވެ. މި ނޫން ވެސް އެކި ދާއިރާތަކުން އިނގިރޭސި ސަރުކާރުގެ އެހީ ރާއްޖެއަށް ލިބިފައިވާ ކަން ފަރަހަނާޒް ފާހަގަކުރެއްވި އެވެ.

ރާއްޖެއަށް އޮތް ލޯބި ރާނީ ހާމަކޮށްދެެއްވި އެއް ކަމަކީ ރާއްޖޭގެ ވެރިންނާ ބޭއްވެވި ގާތް ގުޅުމެވެ. ކުރީގެ ރައީސް މައުމޫންއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވިއިރު، އެމަނިކުފާނަށް ޖީސީއެމްޖީގެ ޝަރަފް އެރުވި އެވެ. މިއީ، ރާނީ އަރުވާ ހާއްސަ ޝަރަފެކެވެ.

ރާނީގެ ރަސްމީ ގަނޑުވަރު ވިންޑްސާއަށް ދައުވަތު ދެއްވި ގައުމުތަކުގެ އިސްވެރިންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ. މިއީ ވެސް ފަރަހަނާޒް ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ކުރީއްސުރެން ރާއްޖެއާ މެދު ގެންގުޅުއްވި ގާތްކަމުގެ ރަމްޒެކެވެ.

ރާނީ އަވަހާރަވުމާ އެކު އެކަމަނާގެ ޒިންމާތަކާ ދޮށީ ދަރިކަލުން ޗާލްސް ރަސްމީކޮށް ވަނީ ހަވާލުވެވަޑައިގެންފަ އެވެ. ރަސްމީކޮށް ތަޚުތަށް އިސްވެވަޑައިގަތް ރަސްގެފާނުގެ ދައުރުގައި ވެސް ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން ބަދަހިކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ފަރަހަނާޒަށް އެބައޮތެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކިންގް ޗާލްސްއަކީ ކުރިން ވެސް ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ. ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމަކަށްވެ ދުނިޔޭގެ ސަމާލުކަން ވެސް ލިބިފައި އޮތް ގައުމަކަށް ވުމާ އެކު ކިންގް ޗާލްސްގެ ރަސްކަމުގައި މާބޮޑު އަހައްމިއްޔަތު ކަމެއް ރާއްޖެއަށް ލިބޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ވިދާޅުވި އެވެ.

މި ފަހުން ވެސް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް އިނގިރޭސި ސަރުކާރުގެ ފަރާތުން ލިބެމުން އަންނަނީ ތައުލީމީ ދާއިރާއަށެވެ. މުހިއްމު ދާއިރާތަކުން ރާއްޖެއަށް ސްކޮލަޝިޕްގެ ފުރުސަތުތައް ފަހިކޮށްދެއްވަ އެވެ. އެންމެ ފަހުން ބޭއްވި ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމާ ގުޅިގެން ވެސް ރާއްޖެއަށް އެފަދަ ފަހި ފުރުސަތުތަކެއް އޮތްކަމުގެ އުއްމީދު އާވެފައިވާ ކަމަށް ފަރަހަނާޒް ވިދާޅުވި އެވެ.

ރާނީ އެލިޒަބަތު، ދަރިކަލުން ޗާލްސްއާ އެކު: އެކަމަނާ އަވަހާރަވުމުން ރަސްކަމަށް ޗާލްސް ވަނީ އިސްކުރައްވާފައި.
ރާނީ އެލިޒަބަތު، ދަރިކަލުން ޗާލްސްއާ އެކު: އެކަމަނާ އަވަހާރަވުމުން ރަސްކަމަށް ޗާލްސް ވަނީ އިސްކުރައްވާފައި.

ރާނީ ފަސްދާނުލައްވާ ދުވަހެއް ރަސްމީކޮށް އިނގިރޭސި ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ. ރާނީ އަވަހަރާވުމުގެ ހިތާމަފާޅުކުރަމުންދާ އިރު ރާއްޖެ ވެސް ހިމެނޭ ގޮތަށް ހުރިހާ ކޮމަންވެލްތުގެ ގައުމުތަކުން އެކަމުގައި ބައިވެރިވާކަން ބަލައިގަންނަކަން ފަރަހަނާޒް ފާހަގަކުރެއްވި އެވެ.

"ކުރިމަގުގައި ވެސް އިނގިރޭސިވިލާތާ އެކު އަޅުގަނޑުމެންގެ ގުޅުން ވަރަށް ބަދަހިކޮށް ކުރިއަށް ގެންދެވޭނެ. ވަރަށް ވަރުގަދަ ގުޅުމެއް މިހާރު މިއޮތީ. އެކިއެކި ވަރަށް ގިނަ އެހީތައް އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ," ފަރަހަނާޒް ވިދާޅުވި އެވެ.

ތިމާވެއްޓަށް ލޯބި އޮތް ބޭފުޅަކު ރަސްކަމަށް އިސްވުމަކީ, ފަރަހަނާޒް ދެކެވަޑައިގަންނަވާ ގޮތުގައި, ރާއްޖެއަށް އޮތް ފައިދާއެކެވެ. ރާނީ ރާއްޖެއާ މެދު ބޭއްވެވި ހާއްސަކަމާއި ލޯބި ފަނޑުވުމެއް ނެތި ބަދަހިކަންމަތީގައި ދެމިއޮންނާނެ ކަަމަށް ވިދާޅުވި އެވެ.