ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ސަރުކާރުން ނިންމާފައިވާ މަޝްރޫއާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަ ވާހަކަ ދައްކައިގެން އެ ކަމެއް ދެނެގަނެވިދާނެ ކަމަށާއި އެ މުޅި މަޝްރޫއާ ދެކޮޅުވުމަކީ ސިޔާސީވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ ރަސްމާލެ މަޝްރޫއު ރަނގަޅު ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެއީ އެ ޕާޓީގެ ބަސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ސިޔާސީ މީހުންނަކީ ރާއްޖެއަށް ލިބޭ އިންވެސްޓްމެންޓްތަކަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަންޖެހޭ މީހުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެކަމުގައި އޮތް ކަންބޮޑުވުމެއް އޮތިއްޔާ އެކަމާ ގުޅޭ މީހުންނާ ވާހަކަ ދައްކައިގެން، މަޝްވަރާކޮށް އެކަން ދެނެގަންނާނީ، ކޮބައިތޯ  [ހުރި މައްސަލަތަކަކީ] މުޅި ކަމަކީ، މުޅި އިންވެސްޓްމެންޓަކީ ގޯސް އިންވެސްޓްމެންޓެއް ކަމަށް ދެކިގެން ވާހަކަ ދެއްކުމަކީ އެއީ ސިޔާސީ ވާހަކައެއް،" ޝުޖާއު ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވެސް ކުރިން ވިދާޅުވެފައި ވަނީ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ މަޝްރޫއުއަކީ އެއްގޮތަކަށް ވެސް ހުއްޓާލައިގެން ވާނެ މަޝްރޫއެއް ނޫން ކަމަށާއި ގެއްލުމެއްވާ ނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހުން ޖެހޭނީ ކުޑަކުރަން ކަމަށެވެ.

"އިގުތިސާދީ ގޮތުން ރާއްޖެއަށް އޭގެން ގެއްލުމެއް ލިބޭ ކަމަށް ވަންޏާ އެ ކަންކަން ވެސް އެ އޮންނަ ކޮމާޝަލް އެގްރީމެންޓްސްތަކުގެ ތެރޭގައި އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނު ތެރެއިން އެ ކަންކަން މިނިމައިޒް ކުރެވޭތޯ އަޅުގަނޑުމެން ޖެހޭނީ މަސައްކަތް ކުރަން،" ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ތޯރިގް މިދިޔަ ހަފުތާގައި ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރީ ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލާއި އެ ބިލާ އެކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލަށް ކަމަށް ވިޔަސް، ރަސްމާލެ މަޝްރޫއާ ދެކޮޅަށާއި އެއްކޮޅަށް ވެސް ބައެއް މެންބަރުން ވާހަކަ ދެއްކެވި އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރަށް އެންމެ ބޮޑެތި ތުހުމަތުތައް ކުަރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިންނެވެ. 

އެ މަޝްރޫއާ ގުޅުގައި ޔާމީން ކުރެއްވި ތުހުމަތުތަކަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް އިއްޔެ ރައްދު ދެއްވި އެވެ.