މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) ގުޅިގެން އެކި ދާއިރާތަކުން މީހުން ތަމްރީނުކުރަން އެއްބަސްވެއްޖެ އެވެ.
އެމްޕީއެލްގެ މުވައްޒަފުންނާއި އެހެން މީހުން ވެސް ބައިވެރިކޮށްގެން، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގަން މިއަދު ސޮއިކުރި މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ގެ ދަށުން ޓިވެޓުން ކުރާނެ ކަމަކީ އެމްޕީއެލް އިން ހިންގާ ތަމްރީން ޕްރޮގްރާމްގެ ފެންވަރު ކަނޑައަޅައި، އެ ޕްރޮގްރާމްގެ ބައިވެރިން އިމްތިހާންކޮށް ސެޓްފިކެޓް ދިނުމެވެ.
އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ އެވެ. ޓިވެޓްގެ ފަރާތުން ސޮއިކުރެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޕީއެލް އަކީ ތަފާތު ގިނަ ދާއިރާތަކުން ގިނަ މުވައްޒަފުން ބޭނުންވާ ތަނަކަށް ވާތީ މީހުން ތަމްރީނުކުރުމަށް އެ ކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. އެމްޕީއެލް އަށް ހުނަރުވެރި މަސައްކަތްތެރިން ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް އެ ޕްރޮގްރާމްގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮލިފައިޑް ނުވަތަ ސްކިލްޑް މުވައްޒަފުން ހޯދުމަކީ ވަރަށް ދަތިކަމަކަށް ވެގެންދޭ. އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ މި ޕްރޮގްރާމްގެ ތެރެއިން އެމްޕީއެލްގެ ބޭނުމަށް ވެސް އަދި އެމްޕީއެލް މެދުވެރިވެގެން ރާއްޖޭގެ މުއައްސަސާތަކުގެ ވަޒީފާތަކަށް ދާނެ ޒުވާނުން ތަމްރީނުކުރުމަށް ލިބިގެންދާ ފުރުސަތެއްގެ ގޮތުގައި އަޅުގަނޑު މިފުރުސަތު ދެކެނީ،" ޝާހިދު ވިދާޅުވި އެެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ ސްކޫލްތަކުން އެންމެ ރަނގަޅު ނަތީޖާ ނުލިބޭ ކުދިންނަށް ވެސް ތަމްރީނުވުމުގެ ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެެއް ކަމަށާއި އެގޮތުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފުޅާ ދާއިރާއެއްގައި ހިންގަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެމްޕީއެލްގައި ހިންގާ ޕްރޮގްރާމް ވެސް ވާނީ އެ ޕްރޮގްރާމްގެ ބަޔަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި "ހުނަރު ޕްރޮގްރާމް" ވެސް ފުރަތަމަ ފެށީ އެމްޕީއެލްގަ އެވެ. ހާޝިމް ވިދާޅުވީ އެ ޕްރޮގްރާމްގެ ފައިދާ މިހާރު ވެސް ފެންނަން އެބަހުރި ކަމަށެވެ.
"އެ ޕްރޮގްރާމްގެ ސަކްސެސް އަދިވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެ ދާއިރާއިން[ހެވީ ވެހިކަލް އޮޕަރޭޓްކުރަން]ތަމްރީނު ކުރެވުނު ، މިތަނުގައި ވަޒީފާ އަދާކުރާ ކުދިން އަދި މިތާގައި ވަޒީފާ އަދާނުކުރާ ކުދިން ވެސް [މަސައްކަތުގައި ދެމި އެބަ ތިބި]،" އޭނާ ވިދާޅުވި އެވެ.