ހިތަދޫ ބަނދަރުން މުދާ ކްލިއާ ކުރަން ނަގާ މުއްދަތު ދިގުވުމަކީ މުދަލުގެ އަގު ބޮޑުވާން މެދުވެރިވާ ސަބަބެއް ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނި ނަމަވެސް އެންމެ ގިނަވެގެން ވެސް އަށް ދުވަސް ތެރޭ ބޯޓުތައް ކްލިއާކުރާ ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެމްޕީއެލް އިން ހިދުމަތްތަކަށް ނަގާ އަގު ބޮޑު ނޫން ކަމަށާއި ނަމަވެސް ލަފާކުރި މުއްދަތަށް ވުރެ އިތުރަށް ބޯޓުފަހަރު ބަނދަރުގައި ބާއްވަން ޖެހޭތީ ހަރަދުތައް ބޮޑުވެ އެކަމުން އަގުތަކަށް އަސަރުކުރާ ކަމަށެވެ.
ނަމަވެސް އެސްއޯއީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްއެސްއެސް އިން މިހާތަނަށް ކުރި 13 ދަތުރުގައި މުދާ ކްލިއާކުރަން އެންމެ ގިނައިން ވެސް ހޭދަވެފައި ވާނީ އަށް ދުވަސް ކަމަށެވެ. މި މުއްދަތު ނެގީ ވެސް ކޮވިޑާ ހެދި އައްޑޫ ލޮކްޑައުންކޮށްގެން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް އޭނާ ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި ބައެއް ފަހަރު ދެ ދުވަސް ތެރޭ ވެސް މުދާ ކްލިއާކޮށްފައި ހުންނާނެ އެވެ.
ޝާހިދު ވިދާޅުވީ މިދިޔަ ތިން އަހަރު ވެސް، މުދާ ކްލިއާ ކުރަން ނަގާ އަގަށް ބަދަލެއް ނުގެންނަ ކަމަށެވެ. ކޮވިޑް ބަލީގެ ހާލަތު ގޯސްވި ވުމުން އަގުތަކަށް ބަދަލު ގެންނަން މަޝްވަރާ ކުރި ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ވަރަކަށް އަގު ބޮޑުކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެމްއެސްއެސް އިން ގެންނަ މުދާ އަގު ބޮޑު ކަމަށް ބުނާތީ ކުންފުނީގެ އެމްޑީ ސައީދު ވިދާޅުވީ އައްޑުއާ ދެމެދު އޮޕަރޭޓްކުރާ ބޯޓުން އައްޑޫ ބަނދަރަށް ގެންދާ މުދަލުގެ އަގު އާންމު އަގުތަކަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންޓެއިނާތަކުގެ އަގު އުޅެނީ މާލެ އަށް އަންނަ ބޯޓުތަކަށް ވެސް ނަގާ އަގުގައި ކަމަށެވެ.
އެ ކުންފުނިން، ކާބޯތަކެއްޗާއި އަވަހަށް ހަލާކުވާ ސާމާނު ގެންނަނީ ޓަނެއް 85 ޑޮލަރަށެވެ.
"އަޅުގަނޑުމެން ދަތުރެއް ކުރަން ނިންމީ 20 ދުވަހުން ކުރާ ގޮތަށް. އޭގެ ބަދަލުގަ މިހާރު ދަތުރެއް ކުރެވެނީ 28 ދުވަހުން. އެހެންވުމުން ދަތުރެއްގެ ޕާ ޑޭ ކޮސްޓް އެބަ ބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މުދާ ކްލިއާ ކުރަން ހަތަރު ވަރަކަށް ދުވަސް ނަގާ ނަމަ ދަތުރުގެ ޖުމްލަ ހަރަދު ކުޑަކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ކުންފުންޏަކަށްވާތީ ދަތުރު ކުރަން ޖެހެނީ ހަރަދުތަކަށް ބަލައިގެން ކަމަށެވެ.
މިދިޔަ މަހު ފަހުކޮޅު ބޭއްވި އެސްއޯއީ ކޮމިޓީގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ހިތަދޫ ބަނދަރުން ނަގާ ފީތައް ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އައްްޑޫ ބަނދަރުން ނަގާ އަގުތައް ބޮޑީ ބަނދަރު ހިންގަން ކުރަންޖެހޭ ހުރިހާ ހަރަދެއް އެމްއެސްއެސްގެ ބޯޓުން ހޯދަން މަސައްކަތް ކުރާތީ އެވެ.