ޓާފް އަޅައިގެން ކުޅުދުއްފުށީގައި ހެދި ފުޓްބޯޅަ ދަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

އެ ސިޓީ އަށް ވަޑައިގެން ރައީިސް ހުޅުއްވައި ދަނޑަކީ ފީފާގެ ފެންވަަރަށް ޓާފް އަޅައިގެން ހެދި ދަނޑެކެވެ. މިއީ ކުޅުދުއްފށީގައި ކުރިން ގާއިމު ކޮށްފައިވާ ޒޯން 1 ގެ ސްޓޭޑިއަމެވެ.

ދަނޑު ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ވަނީ، ގައުމީ ފުޓްބޯޅަ ޓީމާއި ކުޅުދުއްފުށިން ހޮވި ޓީމަކާ ދެމެދު ކުޅުނު ފުޓްބޯޅަ މެޗު ބައްލަވައިލައްވައިފަ އެވެ. މި މެޗު 6-0 ން ކާމިޔާބުކުރީ ގައުމީ ޓީމެވެ.

ކުޅުދުއްފުށީގެ ޓާފް ދަނޑު ހުޅުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރފުޅުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ކުޅުދުއްފުށީގެ ޓާފް ދަނޑު ހުޅުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރފުޅުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު ފާހާގަކުރީ ކުޅުދުއްފުށި ސްޓޭޑިއަމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުން ކަމަށެވެ. އިތުރު 60 ރަށެއްގައި މިހާރު ވެސް ފީފާގެ ފެންވަރަށް ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ދަނޑުގައި ޓާފް އެޅުމުގެ ކުރިން ހަދަން ޖެހޭ ސަބްބޭސް ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އާރުކޭއެލް ގުރޫޕާ އެެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކުރީ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓްއާ އެވެ.

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތީ މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.