ތޫނިސް (އޮކްޓޯބަރު 7) - ޓިއުނީޝިއާގެ ޓީވީއެއްގެ ހުށަހެޅުންތެރިއަކު ހުދުމުހުތާރުކަމާ ދެކޮޅު ޅެމެއް ކިޔުމުން އެ ސްޓޭޝަން ބަންދުކޮށް، ޕްރެޒެންޓަރު ވެސް ހައްޔަރުކޮށްފި އެވެ.
ޒިތޫނާ ޓީވީގެ ޓޯކް ޝޯ ހުށަހަޅައިދިން އަމަރު އަޔާދު ހައްޔަރުކޮށްފައި ވަނީ "ދައުލަތުގެ ސަލާމަތަށް ނުރައްކާކުރި"ކަމުގެ ތުހުމަތުގަ އެވެ.
ޓިއުނީޝިއާގެ ރައީސް ކައިސް ސައިދު ދާދި ފަހުން، ޕާލަމެންޓް ސަސްޕެންޑްކޮށް ގައުމުގެ ކޮންޓްރޯލް ނަންގަވާފައިވާތީ އެކަމަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ފަރާތަކީ ޒިތޫނާ ޓީވީ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރަމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.
ޓީވީގެ ޕްރެޒެންޓަރު ކިޔާފައި ވަނީ އިރާގުގެ ޅެންވެރިޔާ އަހުމަދު މަތާރުގެ ޅެމެކެވެ. މަތާރު މަޝްހޫރުވެފައި ވަނީ އަރަބި ދުނިޔޭގެ ހުދުމުހުތާރު ވެރިންނާ ދެކޮޅަށް ޅެން ހަދާ ފަރާތެއްގެ ގޮތުގަ އެވެ. އެ ޅެން ކީތާ މާގިނަރެއް ނުވަ އަޔާދު ވަނީ ހައްޔަރުކޮށްފަ އެވެ.
ޓިއުނީޝިއާގެ ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ދެކޮޅަށް ފާޑުކިޔާ ނޫސްވެރިންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ދަނީ ހައްޔަރު ކުރަމުންނެވެ. ބަންދުކޮށްފައި ވަނީ އިދިކޮޅު އައްނަހުޟާ ޕާޓީއާ ގުޅުން އޮންނަ ޓީވީ ސްޓޭޝަނެކެވެ.
ޒިތޫނާ ޓީވީން ބުދަ ދުވަހު ބުނެފައި ވަނީ ސަލާމަތީ ފަރާތްތަކުން އެ ސްޓޭޝަނަށް ވަދެ އިކުއިޕްމަންޓް ހަލާކުކޮށް ވަރަށް ގިނަ ސާމާނު ގެންގޮސްފައިވާ ކަމަށެވެ.
ޒިތޫނާ އިން ބްރޯޑްކާސްޓް ކުރަން ފަށާފައި ވަނީ ޓިއުނީޝިއާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުމެ ކުރި މުޒާހަރާތަކުގައި ޒައިނުލް އާބިދީންގެ ވެރިކަން ވެއްޓުމާ ގުޅިގެން، 2012 ވަނަ އަހަރު އެވެ. ޒިތޫނާ ޓީވީގެ ބައެއް ސާމާނު 2015 ވަނަ އަހަރު ވެސް ހިފެހެއްޓި އެވެ. އެކަމަކު އޭގެ ފަހުން ވެސް އޮޕަރޭޓް ކުރަމުން ދިޔަ އެވެ.
މި އަހަރުގެ ޖުލައި 25 ވަނަ ދުވަހު ރައީސް ގައިސް ނެރުއްވި ރިއާސީ ގަރާރަކުން ވަނީ އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަޝީޝީ މަގާމުން ދުރުކުރުމަށް ފަހު، ސަރުކާރު އުވާލައްވައި ވެރިކަމުގެ ހުރިހާ ބާރުތަކެއް އަމިއްލަ ކުރައްވައިފަ އެވެ. އަދި، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މަޖިލީހުގެ މެމްބަރުންނަށް ގާނޫނުން ލިބިދޭ އިމްތިޔާޒުތައް ވެސް ވަނީ ހިފަހައްޓަވައިފަ އެވެ.
ރައީސް ގައިސް މިދިޔަ ހަފުތާގައި ވަނީ ސިޔާސީ އެއްވެސް ތަޖްރިބާއެއް ނެތް އަންހެން ބޭފުޅަކު ބޮޑުވަޒީރުގެ މަގާމަށް ހަމަޖައްސައިފަ އެވެ.