މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮރޯނާވައިރަހާ ހެދި، ޓީބީ ބައްޔަށް ދެވޭ ސަމާލުކަން ކުޑަވެ، 2025 އާ ހަމައަށް އަންނަ އިރު އިތުރު 6.3 މިލިއަން މީހުންނަށް އެ ބަލި ޖެހިދާނެ ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.
ޔޫއެސްއެއިޑްގެ އެހީގައި ސްޓޮޕް ޓީބީ ޕާޓްނާޝިޕާއި އިމްޕީރިއަލް ކޮލެޖް ލަންޑަނާއި ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ އިތުރުން އެވްނީ ހެލްތު ގުޅިގެން ހަދާފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަހާ އެކު ކުރިމަތިވެފައިވާ ލޮކްޑައުންތައް މިހާރު ތިން މަހެއްހާ ދުވަހަށް ދެމިގެން ގޮސްފައިވާ އިރު، ޓީބީ ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ.
މި ދިރާސާ ހަދާފައި ވަނީ ޓީބީގެ ހާލަތު ދުނިޔޭގައި އެންމެ ގޯސް ތިން ގައުމުގެ ހާލަތާށް ރިއާޔަތްކުރުމަށް ފަހު އެވެ. އެއީ އިންޑިއާ، ކެންޔާ އަދި ޔޫކްރެއިނެވެ.
ވަރަށް ގިނަ ދުވަސްތަކެއްގެ މަސައްކަތުން ދުނިޔޭގައި ވަރަށް ބޮޑަށް ޓީބީ ކޮންޓްރޯލްކޮށް، މި ބަލި 2030 އާ ހަމައަށް އަނަނަންވާ އިރަށް ނައްތައިލެވޭނެ ކަމަށް ބެލެވުނަސް ކޮވިޑް-19 ގެ ސަބަބުން ޓީބީއާ ގުޅުން ހުރި ކަންކަމަށް ދެވޭ މަސައްކަތްތަށް ވަރަށް ބޮޑު ބުރުލެއް އަރާފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ބަލި ޖެހުމަށް މަގުފަހިވުމާއި ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމާއި ބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައްކަށް ބުރޫ އަރަމުން ދިއުން ހިމެނެ އެވެ.
މީގެ ސަބަބުން ޓީބީ ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވެ، ބަލީގައި މަރުވާ މީހުން ވެސް އިތުރުވެގެންދާނެ ކަމަށް ބުންޏެވެ.
"ކޮރޯނާވައިރަހުގެ ސަބަބުން ގައުމުތަކުގެ ސަރުކާރުތަކާއި މުޅި ސިއްހީ ދާއިރާ މިހާރު ފޯކަސްކުރަން ޖެހިފައި މިއޮތީ އެ ވައިރަހާ ދެކޮޅަށް. މީގެ ސަބަބުން ޓީބީއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ބުރޫއެރުމުގެ ނަތީޖާއަކަށްވާނީ އަނެއްކާ ވެސް މި ބައްޔާ ދެކޮޅަށް ވަރަށް ގިނަ މަސައްކަތްތަކެއް އަލުން ކުރަން ޖެހުން."
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޓީބީ އަކީ ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ ބައްޔެވެ. އަދި 2025 އާ ހަމައަށް އަންނަ އިރު ޓީބީގައި މަރުވާ މީހުންގެ އަދަދު 1.4 މިނިއަނަށް ވުރެ ގިނަވާނެ ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.
މިކަމަށް އިޝާރާތްކޮށް ސްޓޮޕް ޓީބީ ޕާޓްނާޝިޕްގެ އެކްޒެކެޓިވް ޑިރެކްޓަރު ޑރ. ލުޝީޝާ ޑިޓިއު ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީބީއާ ދެކޮޅަށް އެތައް އަހަރެއް ވަންދެން ކުރި ހަނގުރާމަ އަލުން ކުރަން ޖެހިދާނެތީ އެވެ.
"ކޮރޯނާވައިރަހުގެ ސަބަބުން ގައުމުތަކުގެ ސަރުކާރުތަކާއި މުޅި ސިއްހީ ދާއިރާ މިހާރު ފޯކަސްކުރަން ޖެހިފައި މިއޮތީ އެ ވައިރަހާ ދެކޮޅަށް. މީގެ ސަބަބުން ޓީބީއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ބުރޫއެރުމުގެ ނަތީޖާއަކަށްވާނީ އަނެއްކާ ވެސް މި ބައްޔާ ދެކޮޅަށް ވަރަށް ގިނަ މަސައްކަތްތަކެއް އަލުން ކުރަން ޖެހުން." އޭނާ ވިދާޅުވި އެވެ. "މާނަ އަކީ އަހަރެމެން މީގެ އަށެއް ނޫނީ ފަސް އަހަރު ކުރިން މަސައްކަތް ދާނީ ފަހަތަށޭ."
ޓީބީ އަކީ ބެކްޓީރިއާއެއްގެ ސަބަބުން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ޓީބީ ޖެހެނީ ފުއްޕާމެއަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ޓީބީ ޖެހެ އެވެ.