ސްކޫލްތަކުގައި ޓީބީ ބަލި ފެތުރެމުންދާ ކަމަށް ދެކެވެމުންދާ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

ސީއެޗްއެސްއީގެ ގްރޭޑު 12ގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވްވެ، އެ ކްލާހުގެ ދަރިވަރުންނާއި ޓީޗަރުން އެ ބައްޔަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކުރުމުން، މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެންދާ ޓީބީ އެލިމިނޭޝަން ޕްރޮގްރާމްގެ ދަށުން ދޭތެރެދޭތެރެއިން އެ ބައްޔަށް ދަރިވަރުން ސްކްރީން ކުރާ ކަމަށެވެ.

އެއީ ރާއްޖޭގައި މަދުން ނަމަވެސް ފެނި، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔަކަށްވާއިރު، އެކި އުމުރުގެ ދަރިވަރުން މަދުން ނަމަވެސް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ކޭސްތަކުގައި މިނިސްޓްރީން އަމަލުކުރަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"މި ސްކްރީނިން ޕްރޮގްރާމާ ގުޅުވައިގެން ރާއްޖޭގެ ސްކޫލްތަކުގައި ޓީބީ ބަލި ފެތުރެމުންދާ ކަމަށް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެކެވެ،" ބަޔާނުގައި ވެ އެވެ.

"...ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް މި މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދޭނެ ކަންކަމުގައި އެންމެހާ ފަރާތްތަކަށް މި ފުރުސަތުގައި ޔަގީންކޮށް އަރުވަމެވެ،"

މިނިސްޓްރީން ވަނީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖެ އަކީ މަދުން ނަމަވެސް ޓީބީ ފެންނަ ގައުމެކެވެ. އެކަމަކު ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖެ އިން 2025 އާ ހަމައަށް ޓީބީ ނައްތާލުމަށެވެ.