ކޮލަމްބޯ (އެޕްރީލް 26) - ސްރީ ލަންކާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުންދާތީ އެ ގައުމަށް ދަތުރު ކުރުމުގައި ބައެއް ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީ ނެރެފި އެވެ.
ޓްރެވަލް އެޑްވައިޒަރީ ނެރުނު ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސި ވިލާތް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ. އިނގިރޭސި ވިލާތުން ބުނެފައި ވަނީ ރިސްކް އެލާޓް ލެވެލް 3 ގެ ލިސްޓަށް ލަންކާ ލާފައިވާ ކަމަށެވެ.
އޮސްޓްރޭލިއާގެ ޑިޓާޕްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް އިން ވަނީ އެ ގައުމުގެ ރައްޔިތުން ލަންކާ އަށް ދަތުރު ނުކުރުމަށް އަންގައިފަ އެވެ.
އެމެރިކާ އިން ބުނެފައި ވަނީ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލެވެލް 2 ޓްރެވަލް ހެލްތު ނޯޓިސް ލަންކާ އަށް ނެރެފައިވާ ކަމަށެވެ.
ސްރީ ލަންކާގައި ފަހަކަށް އައިސް ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވެފައި ވަނީ ސިންހަޅަ އާ އަހަރުގެ ހަފުލާތަކަށް ފަހު އެވެ. ލަންކާ އިން މިހާރު ވަނީ ސަރުކާރުގެ ހުރިހާ ރަސްމީ ހަފުލާތަކެއް ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ނުބާއްވާ ގޮތަށް ނިންމައިފަ އެވެ. އަދި ޕްރައިވެޓް އިވެންޓްތަކާއި ބައްދަލުވުންތަކާއި ޕާޓީތައް ވެސް ކުރިއަށް އޮތް ދެ ހަފުތާގައި ނުބާއްވަން ވަނީ އަންގައިފަ އެވެ.
ވެރިރަށް ކޮލަމްބޯ އަކީ ކޮވިޑުގެ ހައި ރިސްކް ޒޯނެއްގެ ގޮތުގައި ސްރީ ލަންކާ ޕަބްލިކް ހެލްތު އިންސްޕެކްޓާސް ޔޫނިއަން (ޕީއެޗްއައި) އިން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ. ވެސްޓަން ޕްރޮވިންސްގެ ގަމްޕަހާ އަދި ނޯތު ވެސްޓަން ޕްރޮވިންސްގެ ކުރުނެގަލަ ވެސް ވަނީ ހައި ރިސްކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
ލަންކާ އިން އިއްޔެ ވަނީ 793 މީހުން ޕޮޒިޓިވްވެ ހަތަރު މީހުން މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 101,379 މީހުން ޕޮޒިޓިވްވެ 642 މީހުން މަރުވެފަ އެވެ.