ކޮލަމްބޯ (އެޕްރީލް 7) - އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ހިމެނޭ ގޮތުން ބައެއް ގައުމުތަކުން ލަންކާ އަށް ޓްރެވަލް އެޑްވައިޒަރީ ނެރެފި އެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާތީ އެމެރިކާ އިން ވަނީ އެ ގައުމުގެ ރައްޔިތުން ލަންކާ އަށް ދަތުކުރާ އިރު ވިސްނަން އިލްތިމާސްކޮށްފަ އެވެ. ލަންކާގެ މިހާރުގެ އިގްތިސާދީ ހާލަތާ ގުޅިގެން އެ ގައުމުގައި ވަނީ ތެލާއި ގޭސް، ބޭސް އަދި އަސާސީ ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

"ލަންކާގެ އިގްތިސާދީ ހާލަތާ ގުޅިގެން މުޒާހަރާތައް ދަނީ ކުރިއަށް. ގޭސް ސްޓޭޝަންތަކާއި ގްރޯސަރީ އަދި ފާމަސީތަކުގެ ދޮށުގައި ދިގު ކިޔޫތައް ވަނީ ހަދާފައި. މުޅި ގައުމުގައި ދަނީ މުޒާހަރާތައް ކުރަމުން. މުޒާހަރާތައް ހުއްޓުވުމުގައި ސަލާމަތީ ފަރާތްތަކުން ދަނީ ބާރުގެ ބޭނުންކުރަމުން. އާއްމު ދަތުރުފަތުރަށް ވަނީ ބުރޫ އަރާފައި. ލަންކާ އަށް ދަތުރުކުރާ މީހުން އެ ގައުމުގެ ހާލަތުގެ ފަހުގެ އަޕްޑޭޓްތައް ބަލަން ޖެހޭނެ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އޮސްޓްރޭލިއާ އިން ވަނީ ލަންކާގައި ހަމަނުޖެހުންތައް ކުރިއަށްދާތީ އެ ގައުމަށް ދަތުރުކުރާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

"ލަންކާގެ ކަމާބެހޭ ފަރާތްތަކުން ނެރޭ އަމުރުތަކަށް ބަލައި މީޑިއާ އަޕްޑޭޓްތައް މޮނިޓާ ކުރަންވާނެ. ތެޔޮ ނުލިބިދާނެ. ކަރަންޓް ނެތި ގިނައިރު ތިބެން ޖެހިދާނެ. އިމްޕޯޓް ލަސްވާތީ އަސާސީ ބައެއް ތަކެތި ލިބުން ދަތިވެދާނެ،" އޮސްޓްރޭލިއާ ސަރުކާރުން ބުނެފައިވެ އެވެ.

ތެލާއި ގޭސް ލިބުން ދަތިވެ ލަންކާގައި މިއަދު ކުރި މުޒާހަރާއެއް ހުއްޓުވަން ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ތެލާއި ގޭސް ލިބުން ދަތިވެ ލަންކާގައި މިއަދު ކުރި މުޒާހަރާއެއް ހުއްޓުވަން ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ސަރުކާރުން ބުނެފައި ވަނީ އެންމެ އަސާސީ ތަކެތި ވެސް ލިބުން ދަތިވެ، ލަންކާގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

"ލަންކާގައި މާޗް 31 އިން ފެށިގެން ދަނީ މުޒާހަރާތައް ކުރަމުން. އިތުރު މުޒާހަރާތައް ކުރިއަށް ދާނެ ކަމަށް ބެލެވޭ. ލަންކާ ސަރުކާރުން ކުރު ނޯޓިހެއްގެ ތެރޭގައި ބައެއް ފިޔަވަޅުތައް އަޅައިފާނެ. ލަންކާގެ ކަމާބެހޭ ފަރާތްތަކުގެ އަމުރުތަކަށް ތަބާވާން ޖެހޭނެ،" ޔޫކޭ ފޮރިން އޮފީހުން ބުނެފައިވެ އެވެ.

އެޕްރީލް 1 އިން ފެށިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާކަން ކެނެޑާ އިން ވަނީ އެ ގައުމުގެ މީހުންނަށް ހަނދާންކޮށްދީފަ އެވެ. އަދި ކުރު ނޯޓިހެއްގެ ތެރޭގައި ކާފިއު އިއުލާންކޮށްފާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެއްވުންތައް އޮންނަ ހިސާބުތަކާ ކައިރި ނުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ލަންކާގެ ސިޔާސީ ހަލަބޮލިކަން ބޮޑުވެ ކެބިނެޓް އިސްތިއުފާ ދީފައިވާ އިރު އިދިކޮޅު ފަރާތްތަކުން ޑިމާންޑްކުރަމުން ދަނީ ރައީސް ގޯޓާބޭ ރާޖަޕަކްސާ އިސްތިއުފާ ދިނުމަށެވެ.