ކޮލަމްބޯ (މާޗް 15) - ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ގޯސްވުމުން އެ ގައުމަށް ދަތުރު ނުކުރުމަށް އެދި ބައެއް ގައުމުތަކުން ޓްރޭވަލް އެޑްވައިޒަރީ ނެރެފި އެވެ.
ކެނެޑާ އިން ނެރުނު އެޑްވައިޒަރީގައި ވަނީ ލަންކާގެ އިގްތިސާދީ ހާލަތު ގޯސްވެ އެންމެ އަސާސީ ތަކެތި ހޯދަން ވެސް ދަތިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
"ގްރޯސަރީ ފިހާރަތަކާއި ގޭސް ސްޓޭޝަންތައް އަދި ފާމަސީތަކުގައި ވެސް ދިގު ކިޔޫތައް ހަދަން ޖެހޭ. ކަރަންޓް ދަނީ ކަނޑަމުން. އިގްތިސާދީ ނުކުޅެދުންތެރިކަމުގެ ސަބަބުން ޕަބްލިކް ޚިދުމަތްތަކަށް ވެސް ބުރޫއަރާނެ. އޭގެ ތެރޭގައި ސިއްހީ ޚިދުމަތް ހިމެނޭ،" ކެނެޑާ އިން ނެރުނު އެޑްވައިޒަރީގައި ބުނެފައިވެ އެވެ.
ލަންކާ އަށް ދަތުރުކުރާ ކެނެޑާ މީހުން އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ގެންދިއުމަށާއި ތެޔޮ ލިބޭނެ ގޮތް ހޯދުމަށް ވެސް ކެނެޑާ ސަރުކާރުން އިލްތިމާސްކޮށްފައިވެ އެވެ.
ޔޫކޭ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ވަނީ ލަންކާގައި ކާބޯތަކެއްޗާއި ބޭސް އަދި ތެޔޮ ލިބުން ދަތިކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ރައްކާތެރިވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ލަންކާގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކޮލަމްބޯގައި މިއަދު ވަނީ ބޮޑު އެއްވުމެއް ބާއްވަން ނިންމައިފަ އެވެ.
ލަންކާގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ރައީސް ގޯޓާބޭ ރާޖަޕަކްސާ މާދަމާ ގައުމާ މުޚާތަބް ކުރައްވައި ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.