ކުރިއަށް އޮތް ފަސް އަހަރުގެ އާ ރައީސަކަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރުމާ ގުޅިގެން ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސަވަން މިއަދު ނަން ފޮނުއްވައިފި އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓަ އޮފް ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒުގެ އަރިހުގައި ރިޔާސީ ކެމްޕެއިންގައި ވެސް އެންމެ އިސްކޮށް އުޅުއްވި އަބްދުއްރަހީމް ވިދާޅުވީ، ޓްރާންސިޝަނަލް ކޮމިޓީގެ އޮފީސް އުފައްދަން ގާނޫނުގައި ބުނެފައި ވަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ފަހު ކަމަށް ވިޔަސް ކަމާ ގުޅޭ ކޮމިޓީތަކުގެ މަސައްކަތް ފަށައިގަނެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

އަބްދުއްރަހީމަކީ ޕީޕީއެމް/ޕީއެންސީ ހިންގުމާ ވެސް ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބޭފުޅާ އެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލް އަށް ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހެ އެވެ. އޭގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހަކާއި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެ އެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އެކިއެކި ފަންނީ މާހިރުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހަމަޖައްސަން ގާނޫނުން ލާޒިމްކުރެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އެންމެ ގިނަ ވެގެން ހަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ރައީސް މުއިއްޒު އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ރައީސް މުއިއްޒު އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ކޮމިޓީއެއް އުފައްދަވައިފަ އެވެ.

އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު ކަމަށް އެ އޮފީހުން ބުންޏެވެ. ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިހާބުގައި 19،000 ވޯޓުގެ ފަރަގާ އެކު، ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އިންތިހާބީ ރައީސް މުއިއްޒާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.

"ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރަންޖެހޭ ހުރިހާ ކަމެއް ވީހާ ވެސް އަވަހަކަށް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ބައްދަލު ކުރެއްވުމުގައި ރައީސް އިއްޔެ ދެއްވި އެވެ.