ކަނޑަށް ޖައްސާ ބޯޓެއް ޕްލެޓް ފޯމުގައި އަޅާފައި އޮއްވައި، ކަހާލައިގެން ގޮސް ދޯންޏެއްގައި ޖެހިގެން މިއަދު ގެއްލުންތަކަށް ލިބިއްޖެ އެވެ.
ފުލުހުން ބުނީ އއ. ކުރަމަތި ރިސޯޓެއްގެ ޕްލެޓްފޯމެއްގައި އަޅާފައި އޮއްވައި ކަހާލައިގެން ގޮސް ދޯންޏެއްގައި ޖެހި، ގެއްލުންވީ ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) ގެ އެއާ ޓެކްސީއަކަށް ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ މޫސުމް ގޯސްވުމުން އައި ކޮޅިގަނޑެއްގެ ސަބަބުންނެވެ. އެއާޓެކްސީ ކަހާލައިގެން ގޮސް ޖެހުނީ އެ ސަރަހައްދުގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ކަމަށާއި އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކަނޑުމަތީގެ ބައެއް ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. މިއަދާއި މާދަމާ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައި ގަދަވުމުގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވަނީ ބުނެފަ އެވެ.