އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާފައިވާ މީހަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ނަސޭހަތްދީ، އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ނަސޭހަތްދީފައި ވަނީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރު ކޮށްފައިވާ މީހުން ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ކަމަށެވެ. މިއީ އެގޮތަށް ހާޒިރުކޮށް ނަސޭހަތްދިން ފުރަތަމަ މީހާ ކަމަށް ފުލުހުން ބުންޏެެވެ.
އެކަމަކު ފުލުހުން ބުނީ އޭނާގެ ރެކޯޑުތަކުގެ ތެރޭގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސްޓަންޓް ޖައްސަމުން ދުއްވުމާއި ޒިގްޒެގްކޮށް ބާރު ސްޕީޑުގައި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި މޮބައިލް ފޯނުން ވާހަކަ ދައްކަމުން ދުއްވުން ހިމެނޭ ކަމަށެވެ. އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުމާއި އެ މީހާގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަދައިން ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ މީހުން ދެނެގަނެ، އެ މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް، ނަސޭހަތްދިނުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތް ދިންއިރު މި ފަހުން ސޯސަން މަގުގައި ނުރައްކާތެރިކޮށް ދުއްވި ސައިކަލަކުން ޖެހި ލިބުނު އަނިޔާތަކުގައި އުމުރުން 26 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފަ އެވެ.
އެ ސައިކަލް ދުއްވި މީހާއަކީ ވެސް ލައިސަންސް ނެތި އަދި ޒިގްޒެގްކޮށް ސައިކަލު ދުއްވި މީހެކެވެ. އެ މައްސަލާގައި ސައިކަލު ދުއްވި މީހާ ހައްޔަރުކޮށް، އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.