އަންނަ މަހުގެ 11 ގައި ފަށާ ރޯދަމަހާ ދިމާކޮށް ގެންނަ މުދަލުގެ ކްލިއަރިން މަސައްކަތް ދެ ގުނަ އަވަސްކޮށް، ކާބޯތަކެތިން ނަގާ ޓެރިފްތަކުގެ އަގު ކުޑަކުރާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޖީހު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ، ހިދުމަތްތައް އަވަސްކޮށް، ފަސޭހައިން މުދާ ކްލިއާ ކުރެވޭނެ ގޮތްތައް ފަހިކުރުމަށް ކަމަށެވެ.
ރޯދަމަހުގައި ކާބޯތަކެތީގެ އަގު ކުޑަކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ރޯދަމަހު އާންމުކޮށް ބޭނުންކުރާ ހުރިހާ ތަކެތީގެ ކްލިއަރެންސް ޓެރިފްތަކުން 10 ޕަސެންޓު ކުޑަކުރާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ އެކަން ކޮށްދޭ ގޮތަށް. ހާއްސަކޮށް ޕެރިޝަބަލް ކާބޯތަކެތީގެ ތެރެއިން އަޅުގަނޑުމެން ނަގާ ޗާޖަސްތައް ކުޑަކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވި ގޮތުގައި، އެމްޕީއެލް އިން މިހާރު ވެސް ނަގަމުން އަންނަނީ މީގެ 12 އަހަރުު ކުރިން ކަނޑައަޅާފައިވާ ޓެރިފްތަކެކެވެ. އޭނާގެ އުންމީދަކީ މި ރޯދަމަހާ ދިމާކޮށް، 10 ޕަސެންޓް ކުޑަކުރުމުން ވިޔަފާރިވެރިން ތަކެތީގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމެވެ.
ރޯދަމަހު ކްލިއަރެންސް މަސައްކަތް އަވަސް ކުރުމަށްޓަކައި އެމްޕީއެލް ސަރަހައްދުގެ ކަނޑުތޮށީގައި އަޅާފައި ހުރި ބާޖާއި ލޯންޗުފަހަރު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހުރިހާ ޓަގެއް، ހުރިހާ ބާޖެއް، ހުރިހާ ލޯންޗެއް ބޭރުކޮށްލީ އެ ތަނުން. އެ ސަރަހައްދުގައި ބޮޔެއް އަޅާފައި ހުރިހާ އެއްޗެއް އެ ތަނަށް ބަދަލުކުރީ. ބަދަލުކޮށް މުޅި އޭރިއާ ހާއްސަ ކޮށްލީ އިންޑިއާ އިން އަންނަ ބޯޓު ފަހަރަށް ހިދުމަތް ދިނުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
ކުރިން އެ ސަރަހައްދުގެ ތޮއްޓަށް ކައިރި ކުރެވެނީ އެއް ފަހަރާ ދެ ބޯޓެވެ. އެކަމަކު، މިހާރު ގެނައި ބަދަލުގެ ސަބަބުން އެއް ފަހަރާ ހަތަރު ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ކުރެވޭނެ އެވެ. އެހެންވެ، މުޅި ކްލިއަރެންސް މަސައްކަތް ދެ ގުނަ އަށް އަވަސް ވާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި މަސް ނިމޭ އިރު ކަނޑު ތޮށި ހުސްކުރާނެ ކަމަށެވެ. އަދި ދާއިމީ ގޮތެއްގައި އެކަން އެގޮތަށް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.