ތިމާގެ އިހްސާސްތައް އެހެން މީހުންނަށް ނޭނގޭ ކަމުގެ ޝަކުވާ އެންމެންގެ ވެސް ބޮޑެވެ. އެކަމަކު މި ރޮބަޓު ހާއްސަވަނީ އެހެން މީހުންގެ އިހްސާސްތައް ދެނެގަނެ އެ މީހެއްގެ އިހްސާސްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި އެއްޗަކަށް ވާތީ އެވެ. އެކަނިވެރިންނަށް ވަރަށް ކަމުދާނެ އެވެ.
ކާރު އުފައްދާ ކުންފުނި ޓޮޔޯޓާ އިން ތުއްތު ކުއްޖެއްގެ ސައިޒަށް އުފެއްދި މި ބަޔޮނިކް ރޮބަޓް "ކިރޯބޯ މިނީ" ވާހަކަ ދައްކާނެ އެވެ. އަތުންނާއި ބޮލުން އިޝާރާތްތައް ވެސް ކުރާނެ އެވެ. އަންނަ އަހަރު 400 ޑޮލަރަށް ވިއްކަން ފަށާ މި ރޮބަޓާ އެކު ކާރުގައި ރޮބަޓް ބައިންދަން "ތަންމައްޗެއް" ވެސް ލިބޭނެ އެވެ.
އިންސާނުންނާ މުއާމަލާތުކުރާ އެކި ފާޑުގެ ރޮބަޓް އުފެއްދުމުގެ ވާދަވެރިކަން ޖަޕާނުގައި ވަނީ ވަރަށް ބޮޑުވެފަ އެވެ. އޮފީސްތަކާއި ފިހާރަތަކާއި ގޭތެރޭގެ މަސައްކަތްކުރާ ރޮބަޓުގެ އިތުރުން އިންސާނުންގެ އިހްސާސްތަކާ ގުޅޭ ގޮތުން މަސައްކަތްކުރާ ރޮބަޓް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.