މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ރިހާނާ މިހާރު އުޅެނީ ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ މަހުޖަނަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ސައުދީ ޓޮޔޮޓާ ކުންފުނީގެ ހިއްސާ އޮންނަ ހަސަން ޖަމީލުގެ އާއިލާގެ މިލްކިއްޔާތު އަގު 1.5 ބިލިއަން ޑޮލަރަށް އަރާ ކަމަށްވެ އެވެ.

ރިހާނާ، 29، އާއި ޖަމީލް، 29، ސްޕެއިންގައި މި ހަފުތާގެ ތެރޭގައި ޗުއްޓީ ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް މީޑިއާތަކުގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުގައި ދެ މީހުން ފެންނަނީ ވަރަށް ގައިގޯޅިކޮށެވެ.

ސައުދީ ޕްރޮފެޝަނަލް ފުޓްބޯޅަ ލީގު ސްޕޮންސާކޮށްފައިވާ ކުންފުނީގެ ހިއްސާދާރު ޖަމީލް ވަނީ ރީހާނާއާ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށް ދީފަ އެވެ. އެގޮތުން އަމިއްލައަށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ވެސް ކުރި އެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ރިހާނާ މީގެ ކުރިން ވަނީ މަޝްހޫރު ބައެއް އެހެން މީހުންނާ ރައްޓެހިވެގެން އުޅެފަ އެވެ.

ރިހާނާ އާއި ޖަމީލް އެކުގައި: ދެ މީހުން އުޅެނީ ރައްޓެހިވެގެން.
ރިހާނާ އާއި ޖަމީލް އެކުގައި: ދެ މީހުން އުޅެނީ ރައްޓެހިވެގެން.

އޭގެ ތެރޭގައި ލަވަކިޔުންތެރިން ކަމަށްވާ ޓްރާވިސް ސްކޮޓާއި ކްރިސް ބްރައުން އަދި މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއާ ވެސް ހިމެނެ އެވެ.

މަޝްހޫރު މޮޑެލް ނައޯމީ ކޭމްޕްބެލް އާއި ޖަމީލް ގައިގޯޅިކޮށް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް މީޑިއާތަކުގައި މިދިއަ އަހަރު ދައުރުވި އެވެ.

ރިހާނާއި ޖަމީލް އުޅެނީ ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން ކަމަށް ރިހާނާގެ ގާތް އެކުވެރިން ގާތު ބުނެފައިވެ އެވެ.