ޗައިނާގެ އަލްޓްރާ-ފާސްޓް ފެޝަން ބްރޭންޑް، ޝެއިންގެ ބައެއް އުފެއްދުންތަކުގައި ތިމާވެއްޓާއި ސިއްހަތަށް ނުރައްކާތެރި ކެމިކަލްގެ މާއްދާތައް އެކުލެވޭ ކަމަށާއި އީޔޫގެ މިންގަނޑަށް ވުރެ 100 ޕަސެންޓް އިތުރަށް ވެސް ބައެއް އުފެއްދުންތަކުގައި މި ކެމިކަލް އެބަހުރި ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ގްރީންޕީސްގެ ރިޕޯޓެއްގައި ބުނެފި އެވެ.
ގްރީންޕީސްގެ ރިޕޯޓުގައި ބުނެފައިވަނީ ދިރާސާގެ ބޭނުމަށް، ޝެއިންއިން ގަތް 47 އުފެއްދުމެއްގެ ތެރެއިން 15 އުފެއްދުމެއް ނުވަތަ މުދަލުގެ 32 ޕަސެންޓަކީ އީޔޫގެ ރެގިއުލޭޓަރީ ލިމިޓަށް ވުރެ އިތުރަށް ނުރައްކާތެރި ކެމިކަލް ހުރި އެއްޗެހި ކަމަށެވެ.
ދިރާސާ ކުރުމަށް ގްރީންޕީސް އިން ވަނީ އޮސްޓްރިއާ، ޖަރުމަން، އިޓަލީ، ސްޕެއިން އަދި ސްވިޓްޒަލޭންޑްގެ ޝެއިން ވެބްސައިޓްތަކުން ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި އަދި ތުއްތު ކުދިންނަށް ހާއްސަ ހެދުންތަކާއި ފައިވާނާއި ބޫޓު ހިމެނޭ ގޮތަށް 42 އުފެއްދުން ގަނެފަ އެވެ. އަދި ފަސް އުފެއްދުމެއް، ޖަރުމަނުގެ މިއުނިކްގައި ހުންނަ ޕޮޕް އަޕް ފިހާރައަކުން ގަނެފައިވެ އެވެ.
އޭގެ ތެރެއިން ބައެއް ބޫޓުތަކުގައި ފުއްޕާމެޔާއި ކިޑްނީ ފަދަ ގުނަވަންތަކަށް ގެއްލުންވާ "ފާލޭޓް" ކެމިކަލް މަތީ މިންވަރަކަށް ހުރި ކަމަށާއި ތުއްތު ކުދިންގެ ހެދުމަކުން "ފްރްމަލްޑަހައިޑް" ކިޔާ ކެމިކަލެއް ވެސް ފެނިފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އެއީ ނޭވާލާ ނިޒާމަށް ނުރައްކާތެރި ކެމިކަލެކެވެ.
ގްރީންޕީސް އިން ބުނީ މިއީ ވިޔަފާރީގެ ބޭނުމަށް އިންސާނުންނާއި ތިމާވެއްޓަށް ބެލުމެއް ނެތި ޝެއިންގެ ވިޔަފާރި ބިނާކޮށްފައިވާ ކަމުގެ ހެއްކެކެވެ. ޗައިނާގެ ނަންޖިންގައި ހުންނަ ޝެއިން އިން އީޔޫގެ ތިމާވެށީގެ ގަވައިދާ ހިލާފުވެ، މުދާ އުފެއްދުމުގައި މަސައްކަތްތެރިންނާއި ކަސްޓަމަރުންގެ ސިއްހަތު ވެސް ނުރައްކަލަށް ހުށަހަޅާފައިވާ ކަމަށް މި ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
"ޝެއިންގެ ކެމިކަލް ހުންނަ އުފެއްދުންތަކުން ޔޫރަޕްގެ މާކެޓު ފުރިފައިވާއިރު ވެސް، އެކަށީގެންވާ ފިޔަވަޅެއް ކަމާބެހޭ ފަރާތްތަކުން އަޅާފައެއް ނުވޭ. އެކަމުގެ ބުރަ އުފުލަން ޖެހެނީ މަސައްކަތްކުރާ މުވައްޒަފުންނާއި އާންމުން. މިކަމާ މެދު ފިޔަވަޅު އަޅައި ހުއްޓުވަންޖެހޭ." ގްރީން ޕީސް ޖަރުމަނުގެ ޓޮކްސިކް އެންޑް ސާކިއުލާ އިކޮނޮމީ ކެމްޕެއިނާ ވަޔޯލާ ވޮލްގެމަތު ވިދާޅުވެފައިވެ އެވެ.
ޝެއިން އިން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ޒުވާނުންނާއި ކުޑަކުދިންނަށް ވެސް އެތައް ހާސް އާ ޑިޒައިންތަކެއް މާކެޓްކޮށް، އެތައް ހާސް ސަޕްލަޔަރުންގެ ނެޓްވޯކްތައް މެދުވެރިކޮށް ޑެލިވަރީތައް ކުރަމުންނެވެ. އެހެންވެ، އުފެއްދުމުގެ އަވަސްމިނާއި، ކޮލެޓީ ދަށް، އަގުހެޔޮ އުފެއްދުންތަކުގެ ސަބަބުން އެ ބްރޭންޑާ ވާދަވެރި ކުންފުނިތައް ވެސް ޝެއިން އިން ފަހަތަށް ޖައްސާލާފައިވާ ކަމަށް ގްރީންޕީސް އިން ބުނެފައިވެ އެވެ.
މި ރިޕޯޓާ ގުޅިގެން ޝެއިންގެ ތަރުޖަމާނަކު "ޖަސްޓް ސްޓައިލް" ވެބްސައިޓަށް ބުނެފައިވަނީ ކުންފުނީގެ ކޮންމެ އުފެއްދުމަކީ ވެސް ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރުމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ. ޝެއިން އިން އެމެރިކާ އާއި ޔޫރަޕާއި އެހެން ގައުމުތަކުގެ މިންގަނޑުތަކަށް ތަބާވާ ކަމަށާއި އެއްވެސް އުފެއްދުމެއްގައި ނުރައްކާތެރި މާއްދާއެއް ހުރިކަން އެނގޭ ހިސާބުން އެ އުފެއްދުމެއް ވިއްކުން ހުއްޓާލާ ކަމަށް ތަރުޖަމާނު ބުނެފައިވެ އެވެ.
ގްރީންޕީސްގެ ދިރާސާއިން ފާހަގަވި އުފެއްދުންތައް ވެސް މިހާރު ވާނީ ވިއްކުން ހުއްޓާލާފައި ކަމަށާއި ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ތަރުޖަމާނު ވަނީ ބުނެފަ އެވެ.