މިއަހަރު ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މެއިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. އަދި އޯކާ މީޑިއާ ގުރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.
ޓީޓީއެމް އަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށް ހާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްްއަގްވާމީ ޓްރެވެލް އެޖެންޓުންގެ ވިއުގައާ ފަސޭހަކަމާ އެކު ގުޅުވާލަދިނުމަށް ކުރިއަށްގެންދާ ޕްލެޓްފޯމެކެވެ.
ވިޔަފާރިތަކަށް އަމާޒުކޮށްގެން އަހަރުން އަހަރަށް ކުރިއަށްގެންދާ މި އިވެންޓަކީ ރާއްޖެ އާއި ބޭރުގެ އެތައް ސަތޭކަ ހޮޓެލިއަރުންނާއި ޓޫރިޒަމް ދާއިރާގެ މާހިރުން އެއް ތަންކޮށްދޭ އިވެންޓެކެވެ.
އުރީދޫން ބުނިގޮތުގައި މި އެއްބަސްވުމާއެކު އެ ކުންފުނިން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ޓީޓީއެމް މެދުވެރިކޮށް އެހީވާނެ އެވެ. އެ ކުންފުނިން ވަނީ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން ޑެސްޓިނޭޝަން މާކެޓިން ކެންޕެއިނެއް ވެސް މި އަހަރުގެ ތެރޭގައި ތައާރަފު ކޮށްފަ އެވެ. މި ކެމްޕޭނުގެ ދަށުން ދުނިޔޭގެ 10 ގައުމެއްގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ.
މި އަހަރުގެ ޓީޓީއެމް ފެއާ ކުރިއަށްދާނީ މިމަހުގެ 24-26 އަށެވެ. މި ފެއާގައި 150 ރިސޯޓާއި 200 އޮޕަރޭޓަރުން ބައިވެރިވާނެ އެވެ.