އައިއެމްޓީއެމް ޕްރައިވެޓް ލިމިޓެޑުން ކޮންމެ އަހަރަކު ވެސް ބާއްވާ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) ފެއާ ސެޕްޓެމްބަރަށް ފަސްކޮށްފި އެވެ.
އައިއެމްޓީއެމްގެ މި ފަހަރުގެ އަމާޒަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ބޭއްވި ފެއާތަކަށް ވުރެ ފުރިހަމަ ފެއާއެއް މި އަހަރު ބޭއްވުމެވެ. އައިއެމްޓީމުން މި އަހަރުގެ ފެއާގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ހިސާބުތަކުގެ އެންމެ މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކާއި ޑެސްޓިނޭޝަން މެނޭޖްމެންޓް ކުންފުނިތަކަށް ވަނީ ދައުވަތު ދީފަ އެވެ.
އައިޓީއެމުން މި އަހަރުގެ ފެއާ ފަސްކުރަން ނިންމީ ސެޕްޓެމްބަރުގައި މި ފެއާގައި ބައިވެރިވެވޭނެ ޓްރެވަލް އެޖެންޓުންނާއި އޮޕަރޭޓަރުންގެ އަދަދު ގިނަ ވުމުންނެވެ. އައިޓީއެމުން ބުނީ އެ ކުންފުނީގެ އަމާޒަކީ މި ފެއާ އިން ވީހާ ވެސް ގިނަ ފުރުސަތުތަކަކަށް މަގުފަހިކުރުން ކަމަށެވެ.
އައިއެމްޓީއެމް ފެއާ އަކީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ އެކޮމަޑޭޝަން ޕްރޮވައިޑަރުންނާއި ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުންނަށް ބޭރުގެ މާކެޓާއި ގުޅުވައިދޭ ޓްރެވަލް އެންޑް ޓްރޭޑް ފެއާއެކެވެ. މި ފެއާ އިން ބައިނަލްއަގުވާމީ މާކެޓުގެ 800 އޮފިޝަލުންނާ ގުޅުވައިދޭނެ އެވެ. މި ފެއާ އިން ރާއްޖޭގައި މިހާރު އިންވެސްޓުކޮށް މަސައްކަތްކުރާ ކުންފުނިތަކާއި އިންވެސްޓުކުރަން ޝައުގުހުރި ކުންފުނިތަކާއި، ރާއްޖޭގެ މާކެޓުގައި މަސައްކަތްކުރަން ކަނޑައަޅާފައިވާ ބޭރުގެ ގިިނަ ކުންފުނިތަކެއް ބައިވެރިވާނެ އެވެ. އެހެންވެ މި ފެއާ އިން ވިޔަފާރީގެ ގިނަ ފުރުސަތުތަކަކަށް ދޮރު ހުޅުވި، އިންވެސްޓްމެންޓު ޑީލްތައް ލިބޭނެ އެވެ.
އައިއެމްޓީއެމް ފެއާ އަކީ ރާއްޖޭގެ އިންބައުންޑް އަދި އައުޓްބައުން ޓޫރިޒަމް ޕްރޮމޯޓުކޮށް، ވޯލްޑް ކްލާސް "މައިސް" ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރާ ފެއާއެކެވެ. މި ފެއާއާ ގުޅޭ ގޮތުން އައިޓީއެމްގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ހާލިދު ވިދާޅުވީ، އުންމީދަކީ ގިނަ، ފަހި ފުރުސަތުތަކެއް މި ފެއާއިން ހޯދައި ދިނުން ކަމަށެވެ.
މި އަހަރުގެ އައިއެމްޓީއެމްގެ ފެއާގެ ކުރިން އައިއެމްޓީއެމްގެ ސަސްޓެއިނަބަލް ޓުއަރިޒަމް ފޯރަމް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ފޯރަމްގައި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި، ދާއިރާއާ ގުޅުން ހުރި އެކި މައުލޫމާތު ހިއްސާކުރުމާއި، މޫސުމީ ބަދަލުތަކާ އެކު ޓޫރިޒަމް ކުރިއެރުވޭނެ ގޮތްތަކާއި، ދާއިރާ ތަރައްގީކުރުމަށް ބޭނުންކުރެވިދާނެ އުކުޅުތަކާއި އީޖާދީ ގޮތްތަކާ މެދު މަޝްވަރާކުރަން ނިންމާފައިވެ އެވެ.
މި ފޯރަމް މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެމްޕެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. އައިއެމްޓީއެމް ފެއާ އޮންނާނީ ފޯރަމަށް ފަހު، 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު އެވެ.
އައިއެމްޓީއެމް ފެއާގެ މި އަހަރުގެ ތީމަކީ "އެޑަޕްޓް އެންޑް ރީތިންކް ޓުއަރިޒަމް ފޯ ރެޒެލިއެންސް" މި އެވެ. މި އަހަރު ބާއްވަނީ މި ފެއާ ގެ ފަސް ވަނަ އެޑިޝަނެވެ.