މާލެ ލޮކްޑައުން ކުރުމުން ރަށަށް ނުދެވިފައި ތިބި ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 467 މީހުން ކަރަންޓީން ފެސިލިޓީތަކަށް ފޮނުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލޭގައި ތާށިވި މުވައްޒަފުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މުވައްޒަފުން އެ މިނިސްޓްރީގައި ރަޖިސްޓްރީވާން ހުޅުވާލުމުން 582 މީހަކު ލިސްޓުގައި ނަން ނޯޓު ކުރުވި އެވެ. އެކަމަކު އޭގެތެރެއިން 80 މީހުން އުނިކުރީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ކަން ޔަގީން ނުވާތީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން ފެސިލިޓީއަކަށް ނުގެންދެވި ތިބީ 35 މީހުން ކަަމަށެވެ. އަދި 26 މީހަކާ ގުޅޭ ގޮތް ނުވި ކަމަށާއި އަދިވެސް އެކަން ކުރިއަށް އެބަދާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރިސޯޓްތަކުގެ މުވައްޒަފުންގެ އިތުރުން ވެސް އެކި ބޭނުންތަކުގައި މާލެ އައިސް އުޅެނިކޮށް ލޮކްޑައުންކުރުމުން ރަށަށް ނުދެވި ތިބި މީހުން ފޮނުވާލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މީހުންނަށް އެނބުރި ރަށަށް ދެވޭނީ 14 ދުވަހުގައި ކަރަންޓީންގައި ތިބުމަށް ފަހު އެވެ. އެގޮތަށް ހަމަޖައްސާފައި ވަނީ ރަށްރަށުގައި ބަލި ފެތުރުނަ ނުދިނުމަށެވެ.