ޓޫރިޒަމް ދާއިރާ އަށް ދިވެހިން ނުލިބުމުގެ ވާހަކަ ދައްކާތާ ގާތްގަނޑަކަށް 50 އަހަރުވީ އެވެ. އެ ދާއިރާ އަށް ބޭނުންވާ ދިވެހިން ނުއުފެއްދުނީ ކީއްވެ ހެއްޔެވެ؟ ސަރުކާރުތަކުން އެ ކަމަށް ޕްލޭނެއް ހަދައި އެކަމާ ގުޅޭ ވާހަކަތައް ދެއްކި ނަމަވެސް މިއަދާ ހަމައަށް އެކަން އޮތި ނުވެ އެވެ. ރާއްޖޭގެ އިގުތިސާދަށް ސީދާ ވަންނަ 20 ޕަސެންޓު އާމްދަނީ ހިއްސާ ކުރަނީ ޓޫރިޒަމަށް ވާއިރު، އެ ދާއިރާ އަށް ދިވެހިންގެ އެހާ ދުރުވަނީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟

މި ފަހުން ރިސޯޓު މުވައްޒަފުން ނުލިބޭ ވާހަކައިގެ އަޑު ގަދަވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް މަތިކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ޓޫރިޒަމް މިނިސްޓްރީގައި އެދުމުންނެވެ. އެގޮތަށް ހުށަހެޅީ، ކުރިމަގުގައި ޓޫރިޒަމް ސެކްޓާ ކުރިއަށް ދާނެ ވަރަށް ބަލާއިރު، ރިސޯޓުތަކަށް މުވައްޒަފުން ނުލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދަކީ 15،500 އެވެ. ބިދޭސީންގެ އަދަދަކީ 36،000 އެވެ. އެހެންވެ، ދިވެހިންނަށް ވުރެ ދެ ގުނަ އިތުރަށް ބިދޭސީން މިހާރު ވެސް ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރެ އެވެ. ދެހާސް ބާވީސް ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ބޯހިމެނުނުގެ ހިސާބުތައް ބެލުމުން އެނގެނީ މިދިޔަ އަށް އަހަރު ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައިވާ ކަމެވެ.

އެ ކަމާ ގުޅޭ ގޮތުން، ލަކްސް މޯލްޑިވްސްގެ ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކުއަލިޓީ އަފީފު ހުސައިން ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ އިން ދިވެހިންނަށް ފުރުސަތު ހަނިވީ، ކުރީގެ ސަރުކާރުތަކުން އެކަން ހައްލުކުރަން އަމަލީ ގޮތުން ފިޔަވަޅުތަކެއް ނޭޅުމުގެ ސަބަބުން ކަމަށެވެ.

ރިސޯޓުގެ ބައެއް މުވައްޒަފުންތަކެއް. މަޓީއިން ބޭނުންވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު 70 ޕަސެންޓަށް ބޮޑު ކުރަން -- ފޮޓޯ: މިހާރު
ރިސޯޓުގެ ބައެއް މުވައްޒަފުންތަކެއް. މަޓީއިން ބޭނުންވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު 70 ޕަސެންޓަށް ބޮޑު ކުރަން -- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ، ދިވެހިންނަށް އަދާކުރެވޭނެ ގިނަ ވަޒީފާތަކެއް ބޭރު މީހުންނަށް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރާއްޖޭގެ އާބާދީ އެހާ ބާރު ސްޕީޑެއްގައި އިތުރު ނުވި ނަމަވެސް، މިހާރު އޮތް ވަރަށް ވުރެ އިތުރަށް ދިވެހިން އެ ދާއިރާގައި ބައިވެރި ކުރެވޭނެ ކަން އޭނާ ގަބޫލު ކުރައްވަ އެވެ.

"އެބޭފުޅުންނަށް [ރިސޯޓުތަކުގެ އެޗްއާރް މުވައްޒަފުން] އިތުރު ކޮމިޝަނެއް އެބަ ލިބޭ. ޕްލަސް މިނިމަމް ވޭޖަށް ބިދޭސީން އެޕްލައިއެއް ނުވޭ. މިސާލަކަށް ބިދޭސީ މުވައްޒަފުން ނަގަން މި ހަވާލު ކުރަނީ ކޮންމެވެސް ދަންނަ އޭޖެންސީއަކާ. އެގޮތަށް މިނަގަނީ 4،000 ޑޮލަރުގެ ޑިޕޮސިޓެއް. އެއްކަލަ 4،000 އިން 1،000 ޑޮލަރު ލިބުނަސް އެއީ ކޮމިޝަނެއްތާ،" އާދަމް ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ، ޓޫރިޒަމް ދާއިރާ ބިނާވެފައި އޮތީ، ޕްރައިވެޓް ސެކްޓަރަށް ކަމުން، އެ ފަރާތްތަކަށް މުވައްޒަފުން ނުލިބޭ ނަމަ ދާއިރާ އަށް ބޭނުންވާ މުވައްޒަފުން އެހެން ގޮތް ގޮތުން ހޯދާނެ ކަމަށެވެ. އެއީ މަޓީގެ ނުވަތަ ދާއިރާގެ އެހެން ވިޔަފާރިވެރިންގެ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިން އުފައްދަން ރިސޯޓުތަކުގެ ވެރިންގެ ޝައުގުވެރިކަމެއް ނެތް!

ރިސޯޓުތަކުގެ ބައެއް އިސްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިންނަށް ވުރެ ބިދޭސީން ގެންގުޅެން މާ ފަސޭހަ އެވެ. އެއް ސަބަބަކީ، ސްކޫލު ނިންމާފައި ނުކުންނަ ކުދިން ވަޒީފާގެ މާހައުލަށް ފިޓު ނުވުމެވެ. ނުވަތަ ރިސޯޓުތަކުގައި އަދާކުރަން ޖެހޭ ބުރަ މަސައްކަތްތައް ކޮށްލާނެ ހިތްވަރު ނެތުމެވެ. އަނެއް ސަބަބަކީ، ދިވެހިންނަށް މާ ގިނަ ގޮތްތައް އޮތުމުން ވަޒީފާ އިން ވަކިވާ ވަރު އިތުރުވުމެވެ. އެހެންވެ، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި އިންވެސްޓް ކުރަން ޖެހިލުންވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަދަދުތަކަށް އައި ބަދަލުތައް -- ގްރެފިކްސް: މިހާރު
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އަދަދުތަކަށް އައި ބަދަލުތައް -- ގްރެފިކްސް: މިހާރު

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޔޫނިއަން ޓީމުގެ ރައީސް އާދަމް ސަލީމު ވިދާޅުވީ، އެ ދާއިރާ ކުރިއަރާ ވަރަށް ދިވެހިން ނުލިބޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މަޓީ އިން ހުށަހެޅި ހުށަހެޅުން އޭނާ އަށް ކަމަކު ނުދެ އެވެ.

އާދަމް ވިދާޅުވި ގޮތުގައި، ޓޫރިޒަމް ދާއިރާގައި ދިވެހިން ވަޒީފާ އަދާކުރަންޖެހޭ ވަރު 30 ޕަސެންޓަށް ދަށްކުރުމަކީ މުޅި މައްސަލަ އަށް އޮތް ހައްލެއް ނޫނެވެ. މިހާރު އޮތް ރޭޝިއޯ އަށް ވުރެ ދިވެހިންނަށް ޓޫރިޒަމް ދާއިރާ އިން ފުރުސަތުތައް އިތުރު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިިނިސްޓްރީގެ މިހާރުގެ އުސޫލުގައިވާ ގޮތުން ރިސޯޓެއްގައި ވަޒީފާ އަދާކުރާ މީހުންގެ 55 ޕަސެންޓާ ހަމަ އަށް ބިދޭސީން ގެންގުޅެވެ އެވެ. އަދި 45 ޕަސެންޓު ދިވެހިން ގެންގުޅެ އެވެ.

އާދަމް ވިދާޅުވީ، އެހެން އޮތަސް އެ ރޭޝިއޯގައި ކަނޑައަޅާފައިވާ ވަރަށް ވުރެ މާ ރަނގަޅަށް ވެސް އަމަލުކުރާ ތަންތަން ވަރަށް ގިނަ ކަމަށެވެ. ލ. އަތޮޅުގައި ހިންގާ ރަހާ ފަދަ ރިސޯޓުތަކުން 70 ޕަސެންޓާ ގާތްކުރާ އަދަދަކަށް ބިދޭސީން ގެންގުޅޭ ކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"50 އަހަރުވީމަ އެކަން ސެލެބްރޭޓު ކުރާ އިރު މި އިންޑަސްޓްރީގައި ވިޔަފާރި ފެށި މީހުންގެ އިހުމާލެއް މިއީ މުވައްޒަފުން 50 އަހަރުވެ ދިޔަ އިރު ތަމްރީނު ނުވެ ހުރުން. ސަރުކާރަކުން މިކަމަށް އެއްވެސް އިރަކު މަސައްކަތެއް ނުކުރޭ. އަދި ނުވިތާކަށް އޯނަރުން ވެސް އެބަ އެނގޭ ރިސޯޓު ފުޅާ ކުރާ އިރު އެވަރަށް މީހުން ބޭނުންވާކަން،" އޭނާ ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ، މި ދާއިރާ އަށް 50 އަހަރުވީ އިރު މި މައްސަލަ ހައްލު ނުވީ ސަރުކާރާއި ޓޫރިޒަމް ދާއިރާގެ ވެރިން ވެސް މިކަމުގައި މާބޮޑު މަސައްކަތްތަކެއް ނުކުރާތީ ކަމަށެވެ.

"50 އަހަރުވީމާ އެކަން ސެލެބްރޭޓު ކުރާއިރު މި އިންޑަސްޓްރީގައި ވިޔަފާރި ފެށި މީހުންގެ އިހުމާލެއް މިއީ މުވައްޒަފުން 50 އަހަރުވެ ދިޔައިރު، ތަމްރީނު ނުވެ ހުރުން. ސަރުކާރަކުން މިކަމަށް އެއްވެސް އިރަކު މަސައްކަތެއް ނުކުރޭ. އަދި ނުވިތާކަށް އޯނަރުންނަށް ވެސް އެބަ އެނގޭ ރިސޯޓު ފުޅާކުރާ އިރު އެ ވަރަށް މީހުން ބޭނުންވާކަން،" އޭނާ ވިދާޅުވި އެވެ.

ދިވެހިން ހިންގާ ރިސޯޓުތަކުގެ މަސައްކަތްތަކަށް މިހާރު ގެންނަނީ މި ސަރަހައްދުގެ ގައުމުތަކުގެ މީހުންނެވެ. ގިނަ ފަހަރަށް އެ ގޮތަށް ގެންނަ މީހުންގެ ދާއިރާގެ މާބޮޑު ތަޖުރިބާއެއް ވެސް ނުހުންނަ ކަމަށް އާދަމް ވިދާޅުވި އެވެ. އެ މީހުން ގެނެސް، ރިސޯޓުތަކުގެ "ކޮލިޓީ ސްޓޭންޑާޑް" އަށް ފިޓު ކުރުމަށް ތަމްރީނު ދެނީ އެވެ.

ރިސޯޓެއްގައި ރަށުތެރެ ކުނިކެހުމުގައި ދިވެހި އަންހެނުން. ދިވެހިންނަށް ވަޒީފާ އަދާކުރުމަށް ފަހު އަނބުރާ ރަށަށް އާދެވޭނެ ގޮތް ހަދައިދޭ ނަމަ ދިވެހިން މި ދާއިރާއަށް ވަންނަ ވަރު އިތުރުވާނެ ކަމަށް ޓީމުން ބުނޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރިސޯޓެއްގައި ރަށުތެރެ ކުނިކެހުމުގައި ދިވެހި އަންހެނުން. ދިވެހިންނަށް ވަޒީފާ އަދާކުރުމަށް ފަހު އަނބުރާ ރަށަށް އާދެވޭނެ ގޮތް ހަދައިދޭ ނަމަ ދިވެހިން މި ދާއިރާއަށް ވަންނަ ވަރު އިތުރުވާނެ ކަމަށް ޓީމުން ބުނޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާދަމް ވިދާޅުވީ، ބައެއް ރިސޯޓުތަކުގެ އެޗްއާރްތަކުން ބިދޭސީން ރެކްރޫޓު ކުރަނީ އަމިއްލަ މަންފާތަކެއް ހާސިލު ކުރަން ކަމަށެވެ. މިއީ ވެސް ދިވެހިންނަށް ފުރުސަތު ނުލިބޭ އެއް ސަބަބެވެ.

"އެ ބޭފުޅުންނަށް [ރިސޯޓުތަކުގެ އެޗްއާރް މުވައްޒަފުން] އިތުރު ކޮމިޝަނެއް އެބަ ލިބޭ. ޕްލަސް މިނިމަމް ވޭޖަށް ބިދޭސީން އެޕްލައިއެއް ނުވޭ. މިސާލަކަށް ބިދޭސީ މުވައްޒަފުން ނަގަން މި ހަވާލު ކުރަނީ ކޮންމެވެސް ދަންނަ އެޖެންސީއަކާ. އެގޮތަށް މި ނަގަނީ 4،000 ޑޮލަރުގެ ޑިޕޮސިޓެއް. އެއްކަލަ 4،000 އިން 1،000 ޑޮލަރު ލިބުނަސް އެއީ ކޮމިޝަނެއްތާ،" އޭނާ ވިދާޅުވި އެވެ.

ދިވެހިން ގިނައީ ދަތުރުފަތުރާއި ރޫމް ސާވިސަސް ގައި

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2020 ވަނަ އަހަރު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ލޯންޗު ދުއްވުމާއި ފެރީ ހިދުމަތްތައް ދިނުމުގައި 92 ޕަސެންޓް ނިސްބަތް ވަނީ ދިވެހިންނަށެވެ. އެކޮމޮޑޭޝަން ހިދުމަތްތައް ދިނުމުގައި 64 ޕަސެންޓް ދިވެހިން ހިމެނެ އެވެ.

ބޭރު މީހުން ރިސޯޓުތަކުގައި ގިނައީ އެޑްމިނިސްޓްރޭޓިވް ހިދުމަތްތައް ދިނުމާއި ފުޑް އެންޑް ބެވަރޭޖުގެ ދާއިރާގެ ވަޒީފާތަކުގަ އެވެ. ފުޑް އެންޑް ބެވަރޭޖު ދާއިރާގައި މަސައްކަތްކުރާ 66 ޕަސެންޓު މީހުންނަކީ ބިދޭސީންނެވެ.

ޓޫރިޒަމް ދާއިރާގެ މާކެޓިން އެންޑް ސޭލްސް ކުންފުނި ސޮފްޓް އެޓޯލްސްގެ ޑިރެކްޓަރު މުހައްމަދު މަމްދޫހު ވިދާޅުވީ، ރިސޯޓުތަކުގައި ވަޒީފާތަކަށް މުވައްޒަފުން ބޭނުންވަނީ އެކި ދާއިރާތަކަށް އެކި ވަރަށް ކަމަށް ވާތީ، އެހާ ބޮޑު ތަމްރީނެއް ނުލިބޭ ދާއިރާތަކަށް ވެސް ދިވެހިން ހޯދަން ދަތިވާ ކަމަށެވެ.

ރިސޯޓެއްގެ މުވައްޒަފުންތަކެއް ކަނޑާލަން ނިންމުމުން މުވައްޒަފުން ކަނބޮޑުވުން ފާޅުކުރަނީ. ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިން ހައްގުތައް ހޯދުމަށް ފާޅުގައި ނުކުމޭ -- ފޮޓޯ: ސޯޝަލް މީޑިއާ
ރިސޯޓެއްގެ މުވައްޒަފުންތަކެއް ކަނޑާލަން ނިންމުމުން މުވައްޒަފުން ކަނބޮޑުވުން ފާޅުކުރަނީ. ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިން ހައްގުތައް ހޯދުމަށް ފާޅުގައި ނުކުމޭ -- ފޮޓޯ: ސޯޝަލް މީޑިއާ

"ގާޑްނާސް ވާން ޖެހޭނީ ވީހާ ވެސް ރަނގަޅު ގާޑްނާސް ކޮޅަކަށް. އެ ވެދާނެ 16 މީހުންނަށް. ހޯދާއިރު އެ ވެދާނެ 16 ވަރަކަށް މީހުންނަށް. ކޮލިފިކޭޝަން އައި ތިންކް އިސް މިސިން،" އޭނާ ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ، ޓޫރިޒަމް ސެކްޓަރުގައި ދިވެހިން ވަޒީފާ ބަދަލުކުރާ ވަރު ވަރަށް ބޮޑަށް އިތުރު ކަމަށާއި އެކަން އެހެންވުމުން، ރިސޯޓުތަކަށް ދިވެހިން ނަގަން އުނދަގޫވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބައިނަލްއަގްވާމީ ބްރޭންޑްތަކުގެ ރިސޯޓުތައް ހިންގާ އިރު ވަރަށް ގިނަ ރިސޯޓުތަކުން "ޑައިވާސް" ނުވަތަ ގިނަ ގައުމުތަކެއްގެ މީހުން ހިމެނޭ ވޯކް ފޯސްއެއް ބޭނުންވެ އެވެ. ރާއްޖޭގެ ރިސޯޓުތަކުގައި އެވްރެޖުކޮށް 50 ގައުމަށް ނިސްބަތްވާ މީހުން މަސައްކަތް ކުރާކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ އަށް ހައްލެއް އެބައޮތް؟

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ޓޫރިޒަމް ދާއިރާ އަށް ދިވެހިން ހޯދުމަށް ދަތިތައް އެބަހުރި ކަމަށެވެ. އެކަމަކު ދިވެހި ޒުވާނުން ވަޒީފާ އަދާކުރުމުގެ އިތުރުން ދިވެހިންގެ އިންވެސްޓްމެންޓްތައް ދާއިރާ އަށް އިތުރު ކުރަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގެސްޓްހައުސްތައް ހަދާ ދިވެހިން އިތުރު ކުރުމަށް ފަންޑު ހޯދޭނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށެވެ.

"ލޯކަލް ޓޫރިޒަމާއި ހޮޓެލް ސްކޫލު މެދުވެރިކޮށް މީހުން ބިނާކުރެވިއްޖެ ނަމަ ވަރަށް ގިނަ ޒުވާނުންނަށް މިހާރަށް ވުރެ ރަނގަޅު ގޮތްތަކެއް ވާނެ. މަޓީ އިން ހުށަހެޅި ހުށަހެޅުމުގައި އެ ބޭފުޅުން އެ ވިދާޅުވީ 10 އަހަރު ވަރު ފަހުން ދާއިރާ ފުޅާވެގެންދާ އިރު ރާއްޖޭގެ އާބާދީ ހުރި ގޮތުން ޝޯޓޭޖެއް އާދެއޭ،" ފައިސަލް ވިދާޅުވި އެވެ.

މިކަން ހައްލުވާނެ އެއް ކަމަކީ، ރަށްރަށާ ކައިރިން ރިސޯޓުތައް ހަދައިއި، ރަށްރަށުގައި އުޅޭ މީހުންނަށް އަމާޒުކޮށް، ވަޒީފާތައް ދިނުމަށް މަސައްކަތް ކުރުން ކަމަށް ދާއިރާ ދިރާސާ ކުރައްވާ ފަރާތްތަކުން ގަބޫލު ކުރައްވަ އެވެ.

ރިސޯޓުގެ މަގެއްގައި މުވައްޒަފަކު ހިނގާލަނީ. ދިވެހިންނަށް ފުރުސަތުތައް އިތުރު ކުރަން ސަރުކަރުން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޓީމުން ބުނޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ރިސޯޓުގެ މަގެއްގައި މުވައްޒަފަކު ހިނގާލަނީ. ދިވެހިންނަށް ފުރުސަތުތައް އިތުރު ކުރަން ސަރުކަރުން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޓީމުން ބުނޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޓީމުގެ ރައީސް އާދަމް ވިދާޅުވީ، ރިސޯޓުތަކަށް ދާން ދިވެހިންގެ މެދުގައި ޝައުގުވެރިކަން އުފެއްދޭނީ، ވަޒީފާ އަދާކުރުމަށް ފަހު ގެ އަށް ދެވޭނެ އުސޫލެއް އޮވެގެން ކަމަށެވެ. އޭނާ ވިދާޅުވީ، ރަށާ 30 މިނެޓު ދުރުގައި އޮންނަ ރަށްތަކަށް ރިސޯޓުތަކުގެ މުވައްޒަފުންނަށް މަސައްކަތް ނިންމާފައި ގެއަށް ދެވޭނެ ފަދަ އުސޫލުތަކެއް ހެދުން މުހިއްމު ކަމަށެވެ.

"އަސްލު އެ ދުވަހު ގޮސް އެދުވަހު ގެ އަށް އާދެވޭނެ ގޮތެއް އޮތް ނަމަ ވަޒީފާ އަށް ދިވެހިން އިތުރުވާނެ. އަދި އަންހެނުންނަށް ހާއްސަކޮށް، ހެނދުނު ވަޒީފާ އަށް ގޮސް، ހަވީރު ވަޒީފާ އަށް އަންނަ ނަމަ އެކަން ވާނެ،" އޭނާ ވިދާޅުވީ، އެވެ.

އާދަމް ވިދާޅުވީ، ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ގިނަ މީހުން ވަޒީފާތަކަށް އެހާ ބޮޑަށް އަހުލުވެރި ނުވަތަ ތައްޔާރު ނޫން ކަމަށެވެ. އެއީ އެޑިއުކޭޝަން ސިސްޓަމާއި ދަރިން ބޮޑުކުރާ ގޮތުގެ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޖީލުގައި މި ދިމާވާ ކަންތައްތަކަށް މުޅި މުޖުތަމައު ޒިންމާ ނަގަން ޖެހޭނެ. ވަޒީފާގެ މުހިއްމު ކަމަށް އަހުލުވެރި ނުކުރެވޭ. މިހާރު އެ ކުއްޖާ 12 ނިމެންދެން ގޭގައި ކަމެއް ވެސް ކޮށްލަން ނުޖައްސާނެ. އެކަމަކު މިއީ ހައްލު ކުރެވޭނެ ކަމެއް،" އާދަމް ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ދާދި ފަހުން ނެރުނު "ހިއުމަން ކެޕިޓަލް ރިވިއު"ގައި ވާ ގޮތުން ރާއްޖޭގެ ސްކޫލު ތައުލީމުގައި 12 އަހަރު ކުދިން ހޭދަ ކުރި ނަމަވެސް އެ ކުދިންނަށް ލިބެނީ އުމުރުން އަށް އަހަރުގެ ތައުލީމެވެ. ތައުލީމީ ދާއިރާގެ ފެންވަރާއި ލިބޭ ތައުލީމު ވަރަށް ދަށެވެ. އެކަމަކު މިއީ ސިޔާސަތު އެކުލަވައިލާ ފަރާތްތަކަށް ހައްލުކުރަން ޖެހޭ ކަމެކެވެ. ހަމައެކަނި ޕްލޭނެއް ހަދާފައި އެ ޕްލޭން އިއުލާނު ކުރުމުން ސަރުކާރަށް މައްސަލައެއް ހައްލެއް ނުވާނެ އެވެ. ބޭނުންވަނީ އަމަލީ ގޮތުން ފިޔަވަޅުތައް އެޅޭނެ ވަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ތަންފީޒު ކުރުމެވެ.