ރިސޯޓްތަކުގެ ކުއްޔަށް ދޭ މުއްދަތު އިތުރުކޮށް ދިނުމުގެ ފީ ދެ އަހަރު ތެރޭގައި ސަރުކާރަށް ދައްކައި، ނިންމަންޖެހޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރެވެން ނެތް ކަމަށާއި އެ އިސްލާހު ރަނގަޅު ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ރިސޯޓްތައް ހެދުމަށާއި ޓޫރިޒަމްގެ ބޭނުމަށް ބިން ބިމާއި ރަށްރަށް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 50 އަހަރު ކަމަށް ކަނޑައަޅައި، މިހާރު ހުރި ރިސޯޓްތަކާއި ބިންތަކުގެ މުއްދަތު އިތުރު ކުރާ ނަމަ އޭގެ ފީއަކީ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ކަމަށް ޓޫރިޒަމްގެ ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ފީ ދައްކަންޖެހޭނީ އިތުރު ކުރެވޭ މުއްދަތަށް ފައިސާ ބަހާލުމުން އެ އަހަރަކަށް ޖެހޭ މިންވަރު އެ އަހަރަކަށް ދައްކާ އުސޫލުން ކަމަށް އެ ގާނޫނުގައި ކުރިން އޮތީ ބުނެފަ އެވެ.

އެކަމަކު 2014 ގައި ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައީ ކުއްޔަށް ހިފާ މުއްދަތު އިތުރު ކުރުމުގެ ފީ ދެ އަހަރު ތެރޭގައި ސަރުކާރަށް ދައްކައި، ނިންމަންޖެހޭނެ ކަމަށެވެ. ކޮންމެ ތިން މަހުން އެއް މަހު ފައިސާ ދައްކާ އުސޫލުން ދެ އަހަރު ތެރޭގައި އެ ފައިސާ ދައްކައި، ޚަލާސް ނުކޮށްފި ނަމަ އެތަނެއްގެ މުއްދަތު އިތުރުކޮށްދީފައި އޮތްގޮތުން ބާތިލްވާނެ ކަމަށް 2014 ގައި ގާނޫނަށް ގެނައި އެ އިސްލާހުގައިވެ އެވެ.

މުއްދަތު އިތުރު ކުރުމުގެ ފީ ދެ އަހަރު ތެރޭގައި ދައްކަންޖެހޭ ގޮތަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފް އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލްކުރަން އެކީޓާސް ލީގަލް ކޮންސަލްޓެންސްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން ކޯޓުން އިއްޔެ ހުކުމްކުރީ އެ އިސްލާހު ގާނޫނު އަސާސީއާ ޚިލާފް ނޫން ކަމަށެވެ.

އެ އިސްލާހަކީ މާޒީގައި ހިނގާފައިވާ ކަންކަމަށް ގާނޫނު ނުހިގުމުގެ އުސޫލާއި ޚިލާފަށް ފާސްކުރި އިސްލާހެއް ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ މާޒީގައި ހިނގާފައިވާ ކަމަކަށް ގާނޫނެއް ހިނގާނެ ކަމަށް އެ ގާނޫނެއްގައި ކަނޑައަޅައިފި ނަމަ އެކަން ކުރެވޭނެ ކަމަށާއި އެއީ ގާނޫނީ އުސޫލާ ޚިލާފް ކަމެއް ނޫން ކަމަށެވެ.

އެ އިސްލާހު މަޖިލިސް މެމްބަރުން ފާސްކުރީ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށް ދައުވާގައި ބުނެފައި އޮތަސް އެފަދަ ކަމެއް ފެންނަން ނެތް ކަމަށާއި އެހެންވެ އެއީ ގާނޫނު އަސާސީއާ ޚިލާފަށް ފާސްކުރި އިސްލާހެއް ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ.

ގާނޫނަށް ގެނައި އިސްލާހުގެ އިތުރުން ރިސޯޓްތައް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރަން ފީ ނެގުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހު ވެސް ބާތިލްކުރަން އެ މައްސަލާގައި އެދިފައިވެ އެވެ. އެކަމަކު ކޯޓުން ނިންމީ އެ ގަވާއިދަށް ގެނައި އިސްލާހުތައް ވެސް ރަނގަޅު ކަމަށެވެ.

ރިސޯޓްތައް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރަން ފީ ނެގުމުގެ ގަވާއިދަކީ ގާނޫނަށް ގެނައި އެ އިސްލާހުގެ ދަށުން ކުލީގެ ފައިސާ ސަރުކާރަށް ދައްކަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދެވެ.