ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން އަންނަ މަހު ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށަން ސޮނޭވާފުށިން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ފެންވަަރު މަތީ އެއް ރިސޯޓުން ބުނި ގޮތުގައި މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދޭން މާލޭގެ އިތުރުން ބ. އޭދަފުށި، ފުވައްމުލައް އަދި އައްޑޫގައި މި ހަފްތާ ބަންދުގަ އާއި އަންނަ ހަފްތާގައި އޯޕަން ޑޭއެއް ބާއްވާނެ އެވެ. އެއް އަަހަރު ދުވަހަށް ހިންގާ އިންޓާންޝިޕް ޕްރޮގްރާމަށް 15 ޒުވާނުން ހޮވާނީ އޯޕަންޑޭގައި ބައިވެރިވާ މީހުންގެ ތެރެއިންނެވެ.
ސޮނެވާފުށިން ބުނީ އިންޓާންޝިޕް ހިންގަނީ އޯލެވެލް އަދި އޭލެވެލް ފުރިހަމަކޮށްފައިވާ އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެންނެވެ.
މީގެ ކުރިން ވެސް ސޮނޭވާ އިން ހިންގި އިންޓާންޝިޕް ޕްރޮގްރާމްގައި 12 ޒުވާނަކު ބައިވެރިވި އެވެ.
"ޖޫނިއަރ ހޮސްޓް ޕްރޮގްރާމް" ގެ ނަމުގައި އެ ރިސޯޓުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ބައިވެރިންނަށް ހާއްސަ ސެޓްފިކެޓެއް ލިބެ އެވެ. މިއީ ޓޫރިޒަމްގެ ދާއިރާ އިން ކުރިއަށް ދިއުމުގެ އިތުރު ބާރެއް ކަމަށް އެ ރިސޯޓުން ބުންޏެވެ.
ސޮނެވާފުށިން ބުނީ މި ޕްރޮގްރާމްގެ ބައިވެރިންނަށް ފުޑް އެންޑް ބެވަރެޖް، ގެސްޓް ރިލޭޝަންސް، ހައުސްކީޕިން، އިންޖީނިއަރިން، އެޗްއާރު އަދި ފައިނޭންސް ދާއިރާއިން ތަމްރީނު ދޭނެ އެވެ.