ސެމްސަންގް އަދި ވާވޭ އަކީ ވާދަވެރި ދެ ކުންފުނި ނަމަވެސް، މާޒީ ހަނދާން ނައްތާލައި، ވިޔަފާރިގައި ގުޅުން ހަރުދަނާކުރަން މަސައްކަތްފަށައިފި އެވެ. ވާވޭ ބުނި ގޮތުގައި އެ ކުންފުނީގެ "ޕީ30 ޕްރޮ" އަށް ބޭނުންވާ ހުރިހާ އޯލެޑް ސްކްރީނެއް އުފައްދަން ސެމްސަންގް އަށް އޯޑަރުދޭނެ އެވެ.
"ވާވޭ ޕީ30 ޕްރޮ" އަށް ބޭނުންވާ ހުރިހާ ސްކްރީނެއް، ސެމްސަންގް ލައްވައި އުފައްދަނީ، ސެމްސަންގަށް ވުރެ ކުޅަދާނަ ކުންފުންޏެއް ނެތުމުން ކަމަށް ވާވޭން ބުންޏެވެ. އަދި ބުނީ ގިނަ ބަޔަކު ލައްވައި ސްކްރީންތައް އުފެއްދުމަކީ ރަނގަޅު ކަމެއް ނޫންކަން ތަޖުރިބާކުރެވިފައިވާ ކަމަށެވެ.
ވާވޭ ބައެއް ފޯނުތަކުގެ ސްކްރީންތަކަށް މީގެ ކުރިން ކޫސަނި މައްސަލަތަކެއް ދިމާވެފައި ވެ އެވެ. ސައުތު ކޮރެއާގެ އެލްޖީ އަށް އޯޑަރުދީގެން އުފެއްދި އޯލެޑް ޕެނަލްތަކަށް ވެސް މައްސަލަ ދިމާވިކަން ފާހަގަކުރަމުން ވާވޭން ބުނީ، އިންޑަސްޓްރީގައި އެންމެ ކުޅަދާނަ ކުންފުންޏަކީ ސެމްސަންގް ކަމަށެވެ.
މަސްރަހުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، ވާވޭ ފޯނުތަކަށް އޯލެޑް ޑިސްޕްލޭ އުފެއްދުމަށް އިޚުތިޔާރުކޮށްފައި ވަނީ ހަމައެކަނި ސެމްސަންގެވެ. މާނަ އަކީ ޕީ30ޕްރޮ ނޫން ފޯނުތަކަށް ބޭނުންވާ ޑިސްޕްލޭ އުފައްދައިދޭ ކުންފުންޏަކަށް ވެސް ވާނީ ސެމްސަންގެވެ.
ސެމްސަންގަކީ ވަރަށް ގިނަ ކުންފުނިތަކަށް އޯލެޑް ޕެނަލް އުފެއްދައިދޭ ކުންފުންޏެކެވެ. އެޕަލް އައިފޯނަށް ވެސް އޯލެޑް ޕެނަލް އުފައްދައިދޭ ކުންފުނިތަކުގެ ތެރޭގައި ސެމްސަންގް ހިމެނެ އެވެ. ނަމަވެސް، ސެމްސަންގް ޕެނަލްތަކުގައި ވެސް ބައެއް ފަހަރު މައްސަލަޖެހެ އެވެ.
ވާވޭ މިހާރު ބޮޑަށް މަސައްކަތްކުރަނީ އޭޝިއާގެ މި ސަރަހައްދަކީ ސްމާޓް އިލެކްޓްރޯނިކްސް އަށް ފަރިތަ ތަނަކަށް ހެދުމަށެވެ. ސެމްސަންގް، އެލްޖީ އަދި ވާވޭ ފަދަ ކުންފުނިތައް ގުޅިގެން މޮބައިލް އިލެކްޓްރޯނިކްސް މުޅިން ބަދަލުކޮށްލަން އަންނަނީ ވިސްނަމުންނެވެ. މިއީ ހުޅަނގަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ބެލެވެ އެވެ.