މި އޮތީ އަޑުއަހާލަން ރަނގަޅު ވާހަކައެކެވެ. ވިޔަފާރި ކުންފުނިތަކުން، އެއް ކުންފުނި އަނެއް ކުންފުންޏަށް ނުފޫޒުފޯރުވައި، ބިރުދައްކާ ގޮތުގެ ވާހަކަ އެވެ.
ޓޮޝިބާ ކުންފުނިން މިހާރު އެންމެ ބޮޑަށް ބޭނުންވެގެން އުޅެނީ، އެ ކުންފުނީގެ މެމޮރީ ޗިޕް ވިޔަފާރި ވިއްކާލާށެވެ. އަންނަ އަހަރު މާޗް މަސް ނިމުމުގެ ކުރިން އެ ވިޔަފާރި ވިއްކާލައި، މުއާމަލާތު ފުރިހަމަކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ ޓޮކިޔޯ ސްޓޮކް އެކްސްޗޭންޖުން ޓޮޝިބާގެ ނަން އުނިކުރާނެ އެވެ.
ޓޮޝިބާގެ މެމޮރީ ޗިޕް ވިޔަފާރި ގަތުމަށްޓަކައި، މަޝްހޫރު ކުންފުނިތަކުން ތިބީ ފޫގަޅާފަ އެވެ. އޭގެ ތެރޭގައި، އައިފޯނު ވިއްކައިގެން މަޝްހޫރުވި، އެޕަލް ކުންފުނި ވެސް ހިމެނެ އެވެ. އެޕަލް ބޭނުންވަނީ ފޮކްސްކޮން ފަދަ ބައިވެރިންނާ ގުޅިގެން، ގުރޫޕަކަށް ނިސްބަތްވާ ގޮތަށް އެ ވިޔަފާރި ގަތުމަށެވެ.
މި ވިޔަފާރީގެ ތެރެ އަށް ވެސްޓާން ޑިޖިޓަލް ވެސް މިހާރު ވަދެއްޖެ އެވެ. އެ ކުންފުނިން ވެސް ބޭނުންވަނީ ގުރޫޕް ހަދާފައި ވިޔަފާރި އަމިއްލަކުރުމަށެވެ. ޓޮޝިބާގެ މެމޮރީ ޗިޕް ވިޔަފާރި ގަތުމަށްޓަކައި، ވެސްޓާން ޑިޖިޓަލް އިން 17 އާއި 18 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހުށަހަޅާނެ އެވެ. މި އަޑު އަހާފައި އެޕަލް އުޅެނީ ހީކަރުވާތީ އެވެ.
ވެސްޓާން ޑިޖިޓަލް މި ވިޔަފާރީގެ ތެރެ އަށް ވަނުމަކީ އެޕަލް އެއް ގޮތަކަށް ވެސް ރުހޭ ކަމެއް ނޫނެވެ. ޓޮޝިބާއާ އެކު ވިޔަފާރިކޮށްފި ނަމަ، ވެސްޓާން ޑިޖިޓަލް އުފައްދާ މުދާ ނުގަންނާނެ ކަމަށް ބުނެ އެޕަލް ދަނީ ވެސްޓާން ޑިޖިޓަލް އަށް އިންޒާރުދެމުންނެވެ. އަދި ނުވީ ތަނަކަށް "ޕޮކެޓް މަނީ" ދޭނެ ކަމަށް ވެސް ބުންޏެވެ. އެޕަލް އިން ބުނީ ވެސްޓާން ޑިޖިޓަލް ފަހަތަށް ޖެހިލައި ވިޔަފާރި މުއާމަލާތުގެ ހިޔަންޏަށް ވަދެއްޖެ ނަމަ، ހުސްތަން ފުރާލަން 460 މިލިއަން ޑޮލަރު ދަޅަށް ވައްޓާލާނެ ކަމަށެވެ.
ހާޑްވެއާ ވިޔަފާރި އަކީ އެޕަލްގެ ބަލިފަ އެވެ. އެޕަލް އަށް ނިސްބަތްކުރެވޭ އުފެއްދުންތައް ކިތަންމެ މޮޅު ނަމަވެސް، ކަސްޓަމަރުން ހެއްވާލެވޭ ވަރަށް އަގުތަކާ ކުޅެލާކަށް އެޕަލްއަކަށް ނުކެރެ އެވެ. އެޕަލް އިން ޑިޒައިންކުރާ "އޭ ޗިޕް" ފިޔަވައި، އެޕަލް އަށް ބޭނުންވާ ގިނަ ހާޑްވެއާ ޑިޒައިންކޮށް އުފައްދަނީ ވެސް އެހެން ކުންފުނިތައް ލައްވަ އެވެ. އެހެންކަމުން ޓޮޝިބާ ކަހަލަ ބާރުގަދަ ކުންފުންޏަކުން "ގުނަވަނެއް" އަމިއްލަވުން ވާނީ އުދުހިގަންނަން އެޕަލް އަށް ލިބޭ ވަރައަކަށެވެ.