ކާން އިންދާ ސިފައިން ގޮސް ވެލި އަޅާފާނެ އެވެ. ބޫޓުން ތަޅާ އަނިޔާކޮށްފާނެ އެވެ. ނިދިޔަނުދީ އެތައް ދުވަހެއް ވަންދެން ހިފަހައްޓަފާނެ އެވެ. އެއްވެސް ދައުވާއެއް އުފުލުމެއް ނެތި، އެތައް ދުވަހެއް ހޭދަކުރަން ޖެހިދާނެ އެވެ.
އެ ހިތްދަތި ހަނދާންތައް ހުރި އެތައް ބަޔަކު މިހާރު ވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެ އެންމެންނަށް އިއްޔެ އަނެއްކާވެސް އެ ދުވަސްތައް، އެ ރޭތައް ސިކުނޑިއަށް ވެރިވެގެންފާނެ އެވެ. އެކަމަކު ދޫނިދޫގައި ހިންގި "އަލްކަޓްރާޒް" ޖަލު ތަޅާލަން އިއްޔެ ރަސްމީކޮށް ފެށި މަސައްކަތަކީ، އެހެން ބަޔަކަށް އެ އަނިިޔާ ލިބެން ނޭދޭ ކުރީގެ ގައިދީންނަށް އޮތް ހިތްހަމަޖެހުމެކެވެ.
"އެތަނުގައި އަހަންނަށް ކުރިމަތިވި އެންމެ ހިތްދަތި ކަމަކީ ރަނގަޅަށް ކާން ނުދިނުން. ކާއެއްޗިއްސަށް ވެލި އަޅާފާނެ ކައިކައި އިންދާ. އެ ވެއްޔާ އެކީ ކާން ވެސް ޖައްސާ،" ދޫނިދޫ ޖަލުގެ އަނިޔާވެރިކަން ތަޖުރިބާ ކޮށްފައިވާ އަލީ އަހުމަދު، 46، ކިޔައިދިނެވެ.
"އަލްކަޓްރާޒް" ގޮޅީގެ ނަމުން ގައިދީންގެ މެދުގައި މަޝްހޫރު ޖަލު ތަޅައިލުމުގެ މަސައްކަތް ހޯމް މިނިސްޓްރީން އިއްޔެ ފެށުމުން އެންމެ އުފާވި އެކަކީ ވެސް އަލީ އެވެ. އޭނާ ދެކޭ ގޮތުގައި އެތަން ނައްތާލުމަކީ ތާރީހީ މަސައްކަތެކެވެ.
އިންސްޕެކްޓާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވެސް އެ މަސައްކަތް ސިފަކުރެއްވީ ތާރީހީ ކަމެއްގެ ގޮތުގަ އެވެ.
ކުރިން ދަތުރުކުރަން އުޅުނު އަދި މަސްތުވާތަކެތީގެ މަައްސަލައެއްގައި ޖަލަށް ލި އަލީ ބުނީ އޭރު ތަހުގީގަށް ދޫނިދުއަށް ގެންދާ މީހަކު ލައްވާ އެއްބަސް ކުރުވަން ސިފައިން ބޭނުންވާ ކަމަކަށް އެއްބަސް ނުވެ ހިފަހައްޓާލުމަކީ ނާދިރު ކަމެއް ކަމަށެވެ. އޭރުގެ ސަގާފަތަކީ ވެސް އެއްބަސްވަންދެން އަނިޔާކުރުން ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ބިން މައްޗަށް ވައްޓާލައިގެން ތިން ހަތަރު މީހުން ވެގެން ބޫޓުން ތަޅާފާނެ. ނިދިޔަ ނުދީ ތިން ހަތަރު ދުވަހު ބައިންދަ ފާނެ،" އޭރުގެ ހަނދާންތައް އާކުރަމުން އަލީ ކިޔައިދިނެވެ.
މާފުށީ ޖަލުގައި 2003 ގައި ހިނގި ލޭ އޮހޮރުވުމަށް ފަހު ކުރިމަތިވި ސިޔާސީ ހަލަބޮލިކަމުގައި މަދަނީ ބައެއްގެ ގޮތުގައި ފުލުހުން އުފެއްދުމުގެ ކުރިން، ފުލުހުން ކުރަން ޖެހޭ ކަންކަން ވެސް ކުރީ ސިފައިންނެވެ. ތަހުގީގުތައް ވެސް ކުރިއަށް ގެންދިޔައީ ސިފައިންގެ ތެރޭގައި އޮންނަ ވަކި ސެކްޝަނަކުންނެވެ.
ނަން ނިސްބަތްވަނީ އެމެރިކާގެ މަޝްހޫރު ޖަލަކަށް!
ދޫނިދޫ ޖަލުގައި ހަދާފައިވާ އެ ގޮޅިތައް "އަލްކަޓްރާޒް"ގެ ނަމުން މަޝްހޫރުވީ އެމެރިކާގައި އެންމެ ބޮޑެތި ކުށްވެރިން ބަންދުކުރަން 1963 އާ ޖެހެންދެން ބޭނުންކުރި "އަލްކަޓްރާޒް" ޖަލަށް ނިސްބަތްކޮށެވެ. ވަކިން އޮންނަ ރަށެއްގައި ހަދާފައި ހުރި އެ ޖަލަކީ ވެސް ލާއިންސާނީ އަނިޔާ ދޭ ކަމަށް އޭރު މަޝްހޫރު ތަނެކެވެ.
ބޮޑެތި ކުށްތަކުގެ ތުހުމަތުތަކުގައި ހައްޔަރުކުރާ މީހުންގެ އިތުރުން ސިޔާސީ ކުށްވެރިންގެ ގޮތުގައި ބެލެވޭ އެތައް ބަޔަކު ވެސް ދޫނިދޫގެ އަލްކަޓްރާޒްގައި ދުވަސްތައް ހޭދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ތާރީޚީ އިލްމުވެރިިޔާ އަހުމަދު ޝަފީގާއި ދީނީ އިލްމުވެރިން ކަމަށް ވާ މުހައްމަދު އިބްރާހިމް (ބާބުލް އަވާލީ މުހައްމަދު އިބްރާހިމް) އަދި އާދަމް ނަސީމް (ބީއޭ ނަސީމް) ފަދަ ބޭފުޅުން ހިމެނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރި ސިޔާސީ ބައެއް ބޭފުޅުން ވެސް އެ ގޮޅިތަކުގައި ބޭތިއްބި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު، އަލްކަޓްރާޒްގައި ގައިދީންނަށް އަނިޔާކޮށްގެން ގަދަކަމުން ބަޔާން ނަގާ ކަމަށް 1996 ގައި އެމްނެސްޓީ އިންޓަނޭޝަނަލް އިން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވެ އެވެ. އެ ރިޕޯޓްގައި ޝަފީގާއި މުހައްމަދު އިބްރާހިމް އަދި ބީއޭ ނަސީމްގެ ނަން ހިމަނާފައިވެ އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މުހައްމަދު އިބްރާހިމާއި ބީއޭ ނަސީމް، އެއްވެސް ދައުވާއެއް ނެތި ދޫނިދޫގައި ބަންދުކޮށްގެން ގެންގުޅުނީ ސަރުކާރުން ހުއްދަ ނުހޯދައި ދީނީ ނަސޭހަަތް ދެއްވައިގެންނެވެ. އެ ދެ ބޭފުޅުންނަށް ތަބާއަވާ 12 މީހަކު ވެސް ހައްޔަރުކޮށްގެން ގެންގުޅުނު ކަމަށް ރިޕޯޓްގައިވެ އެވެ.
އެމްނެސްޓީން ކަންބޮޑުވި އެއް ކަމަކީ ދޫނިދޫ ޖަލުގައި އެކަހެރިކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ގައިދީން ގެންގުޅުމެވެ.
އަލްކަޓްރާޒްގައި ބޮޑު އަނިޔާއެއް ލިބުނު އެކަކީ އަބްދުﷲ މާހިރު (ބެކްބޯން މާހިރު) އެވެ. އޭނާއަށް ވަނަމެއްގެ ގޮތުން ބެކްބޯން ކިޔަނީ ޖަލުގައި ކުރި އަނިިޔާގައި މައިބަދައަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ. އެ އަނިޔާކުރީ، މާހިރު ތުހުމަތުކުރާ ގޮތުގައި، އޭރު ސިފައިންގެ ތަހުގީގުގައި އުޅުއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
މާހިރުގެ ވާހަކަތައް އުމަރު އަބަދުވެސް ދޮގުކުރައްވަ އެވެ.
މާހިރު 2007 ގައި ދިން އިންޓަވިއުއެއްގައި ދޫނިދޫ ޖަލު ސިފަކުރީ "ކަންފަތާއި ނޭފަތުން ލޭ އަންނަން ދެން ތަޅާ ތަނެއް"ގެ ގޮތުގަ އެވެ.
"އެއް ފަހަރު އަހަންނަށް އަނިޔާކުރަމުން ބުނި، ކަލޭ މޮޔަކޮށްލާނަމޭ، ނޫނީ ކަލޭ އުމުރު ދުވަހަށް ޖަލުގައޭ އުޅެން ޖެހޭނީ. އަހަރެން ވަށާލައިފައި ތިބެގެން ބޮލުގައި ބޫޓުންނާއި އަތުން ތަޅަމުން ގެންދިޔަ. އެފަހަރު އަހަރެންގެ ކަންފަތުންނާއި ނޭފަތުން ވެސް ލޭ އައި،" މާހިރު ބުނެފައިވެ އެވެ.
ރަނގަޅު ފެންވަރުގެ އާ ޖަލެއް
އަލްކަޓްރާޒްގެ އަނދިރި މާޒީއާ ދުރަށް ދިއުމުގެ އެއް ފިޔަވަޅަކީ އެތަން ތަޅާލުމެވެ. އެކަން އިއްޔެ ފަައްޓަވައިދެއްވީ، ޖަލުގައި ލިބެމުން ދިޔަ އަނިޔާތައް، ޔާމީންގެ ވެރިކަމުގައި ތަޖުރިބާކުރެއްވި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ އެތަން ތަޅާލުމަށް ފަހު ރަނގަޅު ފެންވަރުގެ އެހެން ޖަލެއް، ދޫނިދޫގައި އަޅާނެ ކަމަށެވެ.
އަލްކަޓްރާޒް ތަޅާލަން ފެށީ މިދިއަ ހަފުތާގައި ރާއްޖެ ޒިޔާރަތްކުރެއްވި، އިންސާނިއްޔަތާ ހިލާފު އަދަބުތަކާ ދެކޮޅު އދ. ގެ ސްޕެޝަލް ރެޕަޓުއާ ނިޒް މެލްޒާ، ރާއްޖޭގެ ޖަލުތަކުގައި ހުރި މައްސަލަތައް ފާހަގަކުރައްވާފައި ވަނިކޮށެވެ.
އޭނާ ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގެ ތެރޭގައި ސާފު ވަޔާއި އަވި ނުލިބޭ ގޮތަށް ޖަލުތައް ހަދާފައިވުން ހިމެނެ އެވެ. އަދި ޖަލުގެ ގޮޅިތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނަ ގައިދީން ތިބުމަކީ ވެސް، އޭނާގެ ކަންބޮޑުވުމެކެވެ.
މެލްޒާގެ ކުރިން، ހޯމް މިނިސްޓްރީން ވަނީ ހާއްސަ ކޮމިޓީއެއް ހަދައި، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަޒަންކޮށްފަ އެވެ. އެ ކޮމިޓީގެ ރިޕޯޓްގައި ވެސް ޖަލުތަކުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ.