ޖަލުތަކުގައި މިހާރު އަނިޔާތައް ނުކުރާނެ ކަމަށާއި އެފަދަ ކަންކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިނަށް ލ. ހިތަދު އަށް ވަޑައިގެން ރައީސް ވިދާޅުވީ، އެ ރަށުގެ އެމްޑީޕީގެ މެންބަރުންނަކީ އިސްލާހީ ހަރަކާތްތަކުގައި ވަރަށް ކުރިން ބައިވެރިވި ބައެެއް ކަމަށާއި މިއަދު ވެސް އެ ފޯރިއާ އެކީ އެ މީހުން ދެމިތިބި ކަމަށެވެ.
އެ ދުވަހު ފެށި މަސައްކަތް މުޅިން ނުނިމޭ ކަމަށާއި އޭރު ޖަލުތަކުގައި ކުރަމުން ދިޔަ އަނިޔާތަކުން ސަލާމަތް ވާން ބޭނުންވި ކަމަށް ރައީސް ވިދާޅުވި އެވެ. އެކަންތައް މިހާރު މުޅިން ރަނގަޅު ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު އޭރު އެ އަނިޔާކުރި ގޮތަށް އަދި އެއްވެސް މީހަކަށް އިންސާނީ ކަރާމަތް ގެއްލޭ ގޮތަށް ކަމެއް ކުރާ އަޑެއް ނާހަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެފަދަ އަމަލެއް ހިންގާ މީހުންގެ ޝަކުވާ އަތުވެއްޖެ ނަމަ ހޯމް މިނިސްޓްރީން ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ބަރާބަރަށް ފިޔަވަޅު އަޅަމުންދާ ކަމަށާއި އެކަމަކަށް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިތަދޫ އަށް ވެވަޑައިގަތް ވައުދުތައް
- ތާރު އެޅުން
- ދަނޑުގައި ޓާފް އެޅުން
- ވޮލީ ކޯޓެއް އެޅުން
- ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން