ހޮލީވުޑްގެ އެކްޝަން ތަރި ޓޮމް ކުރޫޒް މުޅިން ތަފާތު ސިފައެއްގައި ފެންނާނެ އޭނާގެ އާ ފިލްމު "ޑިގާ"ގެ ފުރަތަމަ ޓްރެއިލާ ވޯނާ ބްރަދާސް އިން އިއްޔެ އާންމުކޮށްފި އެވެ. 

އެ ޓްރެއިލާއާ އެކު، ފިލްމީ ދާއިރާގެ މާހިރުންނާއި ސަޕޯޓަރުން ބުނަމުން އަންނަނީ މިއީ ކުރޫޒަށް އޭނާގެ ފުރަތަމަ އެކްޓިން އޮސްކާ އެވޯޑު ހޯދައިދޭނެ ފިލްމު ކަމަށެވެ.

ހަތަރު ފަހަރު އޮސްކާ އެވޯޑު ހާސިލްކޮށްފައިވާ "ބާޑްމޭން" އަދި "ދަ ރެވެނަންޓް"ގެ މޮޅު ޑައިރެކްޓަރު އަލެހަންދުރޯ ޖީ. އިނާރިޓޫ އުފައްދާ މި ބްލެކް ކޮމެޑީ ފިލްމުގައި ކުރޫޒް ފެންނަނީ މީގެ ކުރިން ފިލްމަކުން އޭނާ ނުފެންނަ ކަހަލަ މުޅިން ތަފާތު ސިފައެއްގަ އެވެ. ބޮލުން ފަތް ފައިބާ، ބޮޑު ބަނޑެއްލާފައި ހުރި މުސްކުޅިއެއްގެ ސިފައިގައި އޭނާ ފެންނައިރު، މިއީ 2008 ވަނަ އަހަރުގެ "ޓްރޮޕިކް ތަންޑާ"އަށް ފަހު ފިލްމެއްގައި އޭނާގެ ސިފައަށް މިހާ ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.

މި ފިލްމުގައި ކުރޫޒް ކުޅެނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މަހުޖަނު "ޑިގާ ރޮކްވެލް"ގެ ރޯލެވެ.

ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އޭނާގެ ކުންފުނީގެ ސަބަބުން ގްރީންލޭންޑްގެ ގްލޭސިއާއެއް ސަލާމަތްނުކުރެވޭ ވަރަށް ހަލާކުވެ، ދުނިޔެ ނިއުކްލިއާ ހަނގުރާމައެއްގެ ތުންފަތްމައްޗަށް ވެއްޓޭ ހިސާބުން ހިނގާ ކަންތައްތަކުގެ މައްޗަށެވެ. މި ބޮޑު މައްސަލަ ހައްލުކުރަން 18 ޓްރިލިއަން ޑޮލަރު ހަރަދުވާނެކަން އެނގުމުން، އެމެރިކާގެ ރައީސް (ޖޯން ގުޑްމޭން) ނިންމަނީ މި މައްސަލަ އުފެއްދި މީހަކީ ޑިގާ ކަމަށް ވާތީ، އެކަން ހައްލުކުރަން ޖެހޭނީ ވެސް އޭނާ ކަމަށެވެ. އެއާ އެކު، ޑިގާ އަމިއްލައަށް ދުނިޔެ ސަލާމަތްކުރަން ނުކުމެ ކުރާ މަސައްކަތްތައް މަޖާ އަދި ސީރިއަސް ގޮތަކަށް މި ފިލްމުގައި ދައްކާނެ އެވެ.

ލޮސް އެންޖެލިސްގައި ބޭއްވި އިވެންޓެއްގައި ކުރޫޒް ބުނީ މިއީ އޭނާގެ އެކްޓިން ކެރިއަރުގައި މިހާތަނަށް ދިމާވި އެންމެ ބޮޑު އަދި އެންމެ އުނދަގޫ ޗެލެންޖު ކަމަށެވެ. މި ފިލްމަކީ މުޅިން ތަފާތު، އޮރިޖިނަލް ފިލްމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން ރިޒް އަހުމަދު، ސެންޑްރާ ހުލާ، ޖެސީ ޕްލެމަންސް އަދި އެމާ ޑިއާސީ ކަހަލަ ހޮލީވުޑްގެ މޮޅު ތަރިން ފެންނާނެ އެވެ.

ގާތްގަނޑަކަށް 125 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ "ޑިގާ" ރިލީޒްކުރަނީ އަންނަ އޮކްޓޯބަރު މަހު ދޭއްގަ އެވެ.