ބޮކްސް އޮފީހުގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ކާމިޔާބު ފިލްމު، "ޓައިޓޭނިކް" އަނެއްކާ ވެސް ސިނަމާތަކުގައި އަޅުވަން ތައްޔާރުވެއްޖެ އެވެ.
މަޝްހޫރު ޑައިރެކްޓަރު، ޖޭމްސް ކެމެރަން 1997 ވަނަ އަހަރު ނެރުނު "ޓައިޓޭނިކް" އަށް މިހާތަނަށް 11 އޮސްކާ އެވޯޑު ލިބިފަ ވާއިރު، އެއީ އެންމެ ފުރަތަމަ ބޮކްސް އޮފީސް އާމްދަނީ ބިލިއަނަކަށް އެރި ފިލްމެވެ. ފިލްމުގެ ލީޑު ރޯލުން ފެނުނީ މަޝްހޫރު އެކްޓަރުން ކަމަށްވާ ލިއޮނާޑޯ ޑިކެޕްރިއޯ އަދި ކޭޓް ވިންސްލެޓެވެ.
ފުރަތަމަ ރިލީޒާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގްބޫލުކަމެއް ހޯދި އެ ފިލްމު، މި ފަހަރު އަޅުވަނީ ރިމާސްޓާ ކުރުމަށް ފަހު، ފޯކޭ އެޗްޑީއާރް ފްރޭމްރޭޓަކާ އެކު، ތްރީޑީކޮށެވެ. ފިލްމު އަޅުވަން ހަމަޖެހިފައިވަނީ މި މަހު 14 ގަ އެވެ.
ޑައިރެކްޓަރު ކެމަރަން ބުނި ގޮތުގައި އެ ދުވަސް ހިޔާރު ކުރީ، އެއީ "ޓައިޓޭނިކް" ފިލްމަށް "ބެސްޓް ޕިކްޗާ" އޮސްކާ އެވޯޑު ލިބުނު 1998 ވަނަ އަހަރު ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ތާރީހަށް ވުމުން ކަމަށެވެ.
އެ ފިލްމު އޮރިޖިނަލް ރިލީޒްގެ 25 އަހަރު ފަހުން އަނބުރާ ސިނަމާއަށް ގެންނަން ނިންމީ، ކެމަރަން ބުނި ގޮތުގައި، ސިނަމާގެ ސްކްރީނުން މީގެ ކުރިން "ޓައިޓެނިކް" ނުބަލާ، ފަހުގެ ޖީލުގެ ކުދިންނަށް ހާއްސަކޮށްގެންނެވެ.
މިފަހަރުގެ ފިލްމުގައި ތަފާތުވާނެ އަނެއް ކަމަކީ، އިތުރުކުރި "ޑޮލްބީ އެޓްމޮސް" ސައުންޑާ އެކު ފިލްމުގެ އަޑުގެ ކޮލެޓީ ކަމަށް، މިހާތަނަށް އެންމެ ކާމިޔާބު ފިލްމު، "އެވަޓާ" ވެސް ޑައިރެކްޓުކުރި ކެމަރަން ބުންޏެވެ.
ފިލްމުގެ ކާމިޔާބީތަކުގެ ހަނދާން އާކުރުމުގެ މާނައިގައި ކެމަރަން ފަހުގެ ރިލީޒް ސިފަކުރަނީ "އަ ސެލެބްރޭޝަން އޮފް ލަވް" ނުވަތަ ލޯބީގެ އުފާފާޅުކުރުމުގެ ގޮތަށެވެ.
"ޓައިޓޭނިކް" ގެ ރީރިލީޒެއް މީގެ 10 އަހަރު ކުރިން ވެސް ވަނީ ސިނަމާތަކުގައި އަޅުވާފަ އެވެ. އެއީ 18 މިލިއަން ޑޮލަރު ހަރަދުކުރުމަށް ފަހު އެ ފިލްމު ތްރީޑީ ކޮށްފަ އެވެ.