ބަނދެ ނިންމާލައި ފުރަތަމަ ދަތުރަށް ނުކުމެ އުޅެނިކޮށް ބިޔަ ގަނޑުފެންގަނޑެއްގައި ޖެހި 1912 ގައި ޓައިޓޭނިކް ދެ ބުރިވި ހާދިސާ އަށް މިހާ ޒަމާންވީ އިރު ވެސް އާންމުންގެ ޝައުގުވެރިކަމެއް ނުގެއްލެ އެވެ. ދެހާސް ހަތެއްގައި ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ކެމެރޮން ގެނެސްދިން "ޓައިޓޭނިކް" ފިލްމަކީ އަދި ވަކިން ބޮޑަށް ޓައިޓޭނިކްގެ ހަނދާންތަކުގެ ތެރެއަށް ފީނަން ޝައުގުވެރިކަން ބޮޑުކޮށް ދިން އެއްޗެކެވެ.

މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ތިން ވަނަ ފިލްމުގެ މަގާމުގައި އޮތް ޓައިޓޭނިކް ގެނެސްދިނީ އޭގެ ތެރެއަށް ހިޔާލީ ލޯބީގެ ވާހަކައެއް ވައްދައިގެންނެވެ. އުފާވެރި ޚަބަރަކީ މިފަދަ ވާހަކަތަކެއް ރައްކާކޮށް ދިނުމަށްޓަކައި ޗައިނާ އިން މިހާރު އަސްލު "ޓައިޓޭނިކް" ގެ ސައިޒްގައި ތީމް ޕާކެއް ތަރައްގީކުރަމުން އައުމެވެ.

މި ތަން ތަރައްގީކުރަނީ ސިޗުއާން ޕްރޮވިންސްގެ ޑަޔިން ކައުންޓީގަ އެވެ. އެއްގަމުގައި ތަރައްގީކުރާ ޓައިޓޭނިކް ތީމް ޕާކާ ވަރަށް ކައިރީގައި ކޯރެއް ވެސް އޮންނާނެ އެވެ. އެއީ ކިޖަންގް ކޯރެކެވެ. އެހެންވެ ބޯޓްގެ ތެރޭގައި ތިބޭ އިރު، ބަނދަރުކޮށްފައި އޮޓް ބޯޓެއްގެ ތެރޭގައި ތިބެވޭކަމުގެ އިހުސާސްކޮށްދޭނެ އެވެ.

"އަންސިންކަބަލް ޓައިޓޭނިކް" ގެ ނަމުގައި ހަދާ ތީމް ޕާކްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އިރު، ބޯޓްގެ ދިގުމިނިުގައި 269.06 މީޓަރު (882 ފޫޓް) ހުންނާނެ އެވެ. ފުޅާމިނަކީ 28.19 މީޓަރު (92 ފޫޓް) އެވެ. މިއީ އަސްލު "ޓައިޓޭނިކް" ގެ ވެސް ސައިޒެވެ.

ތީމް ޕާކްގައި ބެންކްއެޓް ހޯލްތަކާއި ތިއޭޓަރާއި އޮބްޒަވޭޝަން ޑެކްތަކާއި ސްވިމިން ޕޫލް ފަދަ ވަސީލަތްތައް ހުންނާނެ އެވެ. ތީމް ޕާކްގެ އެތެރޭގެ ފަރުމާގައި އަސްލު "ޓައިޓޭނިކް" ތަފާތު ލޭއައުޓެއް ވެސް ހުރި ނަމަވެސް ބޭރުން ބަލާ އިރު އަސްލު ޓައިޓޭނިކާ އެއްވެސް ތަފާތެއް ނުހުންނާނެ އެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2016 ގަ އެވެ. އެކަމަކު މަސައްކަތުގެ ދުވެލި ކުރިން އެހާ ބާރު ނޫން ނަމަވެސް މިހާރު އަލުން މީގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު "ޓައިޓޭނިކް" ތީމް ޕާކް ނިންމައި، ހުޅުވާނެ އިރެއް އިއުލާނެއް ނުކުރެ އެވެ.

މި ޕްރޮޖެކްޓަށް އެއް ބިލިއަން ޔުއާން (145 މިލިއަން ޑޮލަރު) ހޭދަކުރެ އެވެ.

ފުރަތަމަ ދަތުރަށް އިނގިރޭސިލާތުގެ ސަދަޕްމްޓަން އިން ފުރައިގެން އެމެރިކާގެ ނިއު ޔޯކަށް ދަތުރުކުރަނިކޮށް ގަނޑުފެންގަނޑެއްގައި ޖެހި މެދުން ބިނދި، ދެ ބުރިވެގެން އެޓްލާންޓިކް ކަނޑަށް "ޓައިޓޭނިކް" ފެތުނީ އެޕްރީލް 10، 1912 ގަ އެވެ. އެ ބޯޓަކީ އެ ޒަމާނުގައި ބަން އެންމެ ބިޔަ ބޯޓެވެ. "ޓައިޓޭނިކް" ހާދިސާގައި 1،517 މީހުން މަރުވި އިރު، ސަލާމަތްވީ އޭގައި ތިބި 2،223 މީހުންގެ ތެރެއިން އެންމެ 706 މީހުންނެވެ.

"ޓައިޓޭނިކް" ސިފަކޮށްދޭ ތީމް ޕާކެއް ޗައިނާ އިން ތަރައްގީކުރަމުން އަންނަ އިރު 2012 ވަނަ އަހަރު އޮސްޓްރޭލިއާގެ މަހުޖަނު ކްލައިވް ޕާމާ "ޓައިޓޭނިކް 2" ގެ ނަމުގައި ބޯޓްގެ ނަކަލެއް ބަންނަން ނިންމިކަން އިއުލާންކުރި އެވެ. އެކަމަކު ފަހުން އޭގެ އަޑެއްބަޑެއް ނީވެ އެވެ.