ވޮޝިންޓަން (ޑިސެމްބަރު 8) - ޓައިމް މަޖައްލާގެ މި އަހަރުގެ ޝަޚުސިއްޔަތަކަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ހޮވައިފި އެވެ.
އެމެރިކާގެ ބިލިއަނަރު އަހަރުގެ ޝަޚުސިއްޔަތަކަށް ހޮވާފައި ވަނީ ރިޔާސީ އިންތިޚާބުގައި ހިލަރީ ކްލިންޓަންގެ މައްޗަށް ހޯދި ކާމިޔާބީއާ ގުޅިގެންނެވެ. ޓައިމް މަޖައްލާގެ ޝަޚުސިއްޔަތަކަށް ހޮވުމާ ގުޅިގެން އެންބީސީގެ ޓުޑޭ ޝޯގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މިދިޔަ އަހަރު ޓައިމްގެ ޝަޚުސިއްޔަތަަކަށް ޖަރުމަނުގެ އެންޖެލާ މާކެލް ހޮވުމުން ޓްރަމްޕް ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި އެ މަގާމަށް ޓައިމް އިން ދުވަހަކު ވެސް އޭނާ ނުހޮވާނެ ކަމަަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ޓައިމްގެ ޝަޚުސިއްޔަތުގެ މަގާމަށް ޝޯޓްލިސްޓް ކުރި ފަރާތްތަކުގެ ތެރޭން ދެ ވަނަ ހޯދާފައި ވަނީ ހިލަރީ ކްލިންޓަނެވެ. ލިސްޓުގައި ދެން ހިމެނޭ ފަރާތްތަކުގެ ތެރޭގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަދި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ހިމެނެ އެވެ. ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސިން ވަކިވުމަށް ހިންގި ކެމްޕޭނުގައި އަދާކޮށްފައިވާ ރޯލާ ގުޅިގެން އިނގިރޭސިވިލާތުގެ އިންޑިޕެންޑެންސް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވެސް ވަނީ ޝޯޓްލިސްޓް ކޮށްފަ އެވެ. ޓައިމް މަޖައްލާގެ ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކުގެ ތެރޭގައި ރަން މެޑަލް ހޯދާފައިވާ އެމެރިކާގެ ޖިމްނާސްޓިކް ސިމޯނީ ބައިލްސް، ލަވަކިޔުންތެރިޔާ ބިޔޯންސޭ އަަދި ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގު ހިމެނެ އެވެ.
ޓައިމް މަޖައްލާގެ އެޑިޓަރު ނެންސީ ގިބްސް ވިދާޅުވީ ޓްރަމްޕް ވަނީ އެމެރިކާގެ ސިޔާސީ ޗާޓު އަލުން ކުރައްސަވާފައި ކަމަށެވެ. ޓްރަމްޕް މި އަހަރު ވަނީ ޓައިމް މަޖައްލާގެ ބޭރުގަނޑަށް އެތައް ފަހަރަކު އަރައިފަ އެވެ.
އަހަރުގެ ޝަޚުސިއްޔަތު ހޮވުމަށް ކިޔުންތެރިންނަށް ފެންނަ ނަންތަކަށް ވޯޓު ދިނުމަށް ދައުވަތު ދެ އެވެ. އެކަމަކު އަހަރުގެ ޝަޚުސިއްޔަތަކަށް ހޮވާނެ ފަރާތެއް ކަނޑައަޅަނީ ޓައިމްގެ އެޑިޓަރުންނެވެ.
އަހަރުގެ އެންމެ ނުފޫޒުގަދަ ޝަޚުސިއްޔަތު ހޮވަން ޓައިމް އިން ފަށާފައި ވަނީ 1927 ވަނަ އަހަރު އެވެ. ޓައިމްގެ ޝަޚުސިއްޔަތުންގެ ތެރޭގައި ގާތްގަނޑަކަށް އެމެރިކާގެ ހުރިހާ ރައީސުންނާއި އެޑޮލްފް ހިޓްލާ، އާޔަތުﷲ ޚާމަނާއީ، މަހާތަމާ ގާނދީ އަދި ޕޯޕް ފްރާންސިސް ފަދަ ބޭފުޅުން ވަނީ ހޮވައިފަ އެވެ. ޓައިމްގެ ޝަޚުސިއްޔަތު ހޮވަން ފެށިތާ 90 އަހަރު ތެރޭ އެ ޝަރަފު ފަރުދީ ގޮތުން މިހާތަނަށް ލިބިފައި ވަނީ ހަތަރު އަންހެނަކަށެވެ. އެއީ އެމެރިކާގެ ވަލިސް ސިމްޕްސަން، ކުއީން އެލިޒަބަތު 2، ފިލިޕީންސްގެ ރައީސާ ކޮރަޒޮން އަކީނޯ އަދި މިދިޔަ އަހަރު އެ މަގާމަށް ހޮވުނު ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އެވެ.