ބޮޑު ބަލިމަޑުކަމެއްގެ ތެރެއަށް ދުނިޔެ ވައްޓައިލި 2020 އަކީ "ދަ ވޯސްޓް އިޔާ އެވާ" ގެ ގޮތުގައި ޓައިމް މަޖައްލާގެ ކަވަރުގައި ސިފަކޮށްފި އެވެ.

ބެކްގްރައުންޑް ހުދުން އިން ކަވަރުގެ މެދުގައި ބޮޑު އަކުރުން 2020 އަޅައި ރަތްކުލައިގެ ރަސްގެއެއް ޖަހާފައިވެ އެވެ. ޓައިމްގެ މި އަދަދު ނެރޭނީ މި މަހުގެ 14 ގަ އެވެ.

މި ކަވަރާ އެކު ޓައިމް އިން ބުނެފައި ވަނީ 2020 އަކީ ހުރިހާ ގޮތުން ވެސް ތަކުލީފު ބޮޑު، އުނދަގޫ އަހަރެއް ކަމަށެވެ.

"މިއީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ހިތްދަތި އަހަރަށް ވާނެ. އަދި ޖުމްކޮށް މިއީ މުޅި ދުނިޔެ އަށް ވެސް ވަރަށް ހިތްދަތި ވޭނީ އަހަރެއް،" ކޮވިޑް-19 ގެ ބަލިމަޑުކަމަށް އިޝާރާތްކޮށް ޓައިމް އިން ބުންޏެވެ.

އެމެރިކާ އަކީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހި، އެ ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ގައުމެވެ.

"ޓައިމްގެ "ދަ ވޯސްޓް އިޔާ އެވާ" ގެ ކަވަރާ އެކު ބުނެފައި ވަނީ މީގެ ކުރިން ވެސް ހިތްދަތި އެތައް ކަމެއް ދުނިޔެ ތަޖުރިބާކުރި ނަމަވެސް 2020 ވަނަ އަހަރުގެ މުސީބާތް ފަދަ ކަމެއް އިންސާނީ ތާރީހުގައި ވެސް ކުރިމަތިނުވާ ކަމަށެވެ. އެގޮތުން، އެއް ވަނަ އަދި ދެވަނަ ބޮޑު ހަނގުރާމަ އާއި 1918 ގެ ފުލޫ ޕޭންޑެމިކާއި އިގުތިސާދީ ބޮޑެތި އަޑިގުޑަންތަކުގެ ހަނދާން އާކޮށްފައިވެ އެވެ.

ޓައިމްގެ ކަވަރުގައި، އިންސާނީ ތާރީހުގައި ވެސް އެންމެ ހިތްދަތި އަހަރުގެ ގޮތުގައި 2020 ފާހަގަކޮށް، ކަވަރުގައި ބޮޑު ރަސްގެއެއް ޖެހި އިރު މިއީ މިފަދަ ގޮތަކަށް އެ މަޖައްލާގެ ކަވަރު ގެނެސްދިން ފަސް ވަނަ ފަހަރެވެ.