ބެންކޮކް (ޖޫން 1) - ތައިލެންޑުގެ މަޝްހޫރު ފައްޅިއެއްގައި ގެންގުޅޭ 100 އަށް ވުރެ ގިނަ މިނިކާވަގު ހިފަން އުޅުމުގެ ތެރޭގައި، އެ ފައްޅީގައި ހުރި ފްރީޒަރެއްގެ ތެރޭން މަރުވެފައިވާ 40 ކުދި މިނިކާވަގު ފެނިއްޖެ އެވެ.

މިނިކާވަގުތަކަށް އިހާނަތިކޮށް ހިތާކަމުގެ ޝަކުވާތައް ބޮޑުވެގެން، ކޯޓު އަމުރެއްގެ ދަށުން އެ ޖަނަވާރުތައް ހިފުމުގެ މަސައްކަތް ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެ އޮޕަރޭޝަނު ހިންގުމުގެ ތެރޭގައި ފެނުނު ކުދި މިނިކާވަގުތަކުގެ ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

"އެ ކުދި މިނިކާވަގުތައް ބަހައްޓާފައި ހުރީ ކޮންމެ ވެސް އަގެއް ހުރީމަ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،" އޮފިޝަލަކު ވިދާޅުވި ކަމަށް ރޮއިޓާސް އިން ބުނެފައިވެ އެވެ.

އެހެން ބައެއް ޖަނަވާރުތަކުގެ އެކި ބައިތައް ވެސް އެ ފްރީޒަރުގައި ރައްކާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ތައިލެންޑުގެ ވައިޑްލައިފް އޮފިޝަލުން ކޮއްޓަކަށް ލައިގެން މިނިކާ ވަގު ހިފަނީ. --ފޮޓޯ:އޭއެފްޕީ
ތައިލެންޑުގެ ވައިޑްލައިފް އޮފިޝަލުން ކޮއްޓަކަށް ލައިގެން މިނިކާ ވަގު ހިފަނީ. --ފޮޓޯ:އޭއެފްޕީ

މިނިކާވަގުތަކާ އެކީ ފޮޓޯ ނަގަން ލިބޭތީ، އެ ފައްޅިއަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. ނަމަވެސް، އެ މިނިކާވަގުތަކަށް އިހާނެތިކޮށް ހިތާ، ބައެއް ޓޫރިސްޓުންނަށް ހަމަލާދޭ ކަމަށް ބުނެ ކުރި ޝަކުވާތަކަކާ ގުޅިގެން، އެ ތަނުން މިނިކާވަގުތައް ގެންދިއުމަށް ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމައިފަ އެވެ.

އެ ފައްޅިން 137 މިނިކާވަގު ހިފަން ފެށި މަސައްކަތުގައި މިހާތަނަށް 40 މިނިކާވަގު ހިފާފައިވާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ވައިލްޑް ލައިފް ކޮންޒަވޭޝަން އޮފީހާއި އެ ފައްޅިއާ ދެމެދު 2001 ވަނަ އަހަރު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުން، މާލީ އެއްވެސް މަންފާއެއް ނުވާ ގޮތަށް ޝަރުތުކޮށް، އެ މިނިކާވަގުތައް އެ ފައްޅީގައި ގެންގުޅުމުގެ ހުއްދަ ވަނީ ދީފަ އެވެ. ނަމަވެސް، އެ މިނިކާވަގުތަކާ އެކީ ފޮޓޯ ނެގުމާއި، ކާން ދިނުމުގެ ފުރުސަތު ޓޫރިސްޓުންނަށް ލިބެނީ ފީއެއް ދައްކައިގެންނެވެ. އެކަމުގެ ދިފާއުގައި އެ ފައްޅީގެ އޮފިޝަލުން ވިދާޅުވެފައި ވަނީ، އެ ފައިސާ ބޭނުންކޮށްފައި ވަނީ އެ މިނިކާވަގުތަކަށް ކާންދީ ބެލެހެއްޓުމަށް ކަމަށެވެ.