ސްކޮޓްލެންޑްގައި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ފުލުހުންގެ ބަޔަކު، މިނިކާވަގެއް އަތުލައިގަންނަން އެތައް އިރަކު މަސައްކަތްކުރި ފަހުން އެއީ ކުޅޭ އެއްޗެއްކަން އެނގި ބޮޑު މަޖާގަނޑަކަށް ވެއްޖެ އެވެ.
ދަނޑުވެރިޔަކު، ރޭގަނޑުގެ ވަގުތެއްގައި އޭނާގެ ދަނޑުގައި މިނިކާވަގެއް އުޅޭ ކަމަށް ބުނެ ފުލުހުންނަށް ގުޅުމާ އެކު ފުލުހުން އެތަނަށް ދިޔައީ ހަތިޔާރާ އެކުގަ އެވެ. އަދި އެ ހިސާބުގައި ވައިލްޑްލައިފް ޕާކެއް އޮތުމާ އެކު އެތަނުން މިނިކާވަގެއް ފިލާފައިވޭތޯ ވެސް ބެލި އެވެ.
އެހިސާބުގަނޑު އޮތީ އަނދިރިކޮށް ކަމަށް ވާތީ އެއީ އަސްލު އެއްޗެއް ނޫން ކަމާއި ސްޓަފްޑް ޓޯއީއެއްކަން އެނގުނީ މިނިކާވަގު އޮތް ދަނޑަށް ގޮސް އެސޮރު ވަށާލައިގެން 45 ވަރަކަށް މިނިޓް ވަންދެން އެޔާ ކުރިމަތިލައި އަތުލަން މަސައްކަތްކުރި ފަހުންނެވެ.
"ޔޫކޭ ކޮޕް ހިއުމާ" ފޭސްބުކް ޕޭޖްގައި، ދަނޑުގައި މިނިކާވަގު އޮއްވައި ނަގާފައިވާ ފޮޓޯތަކާއެކު ފުލުސް އޮފިސަރުން ވަނީ މި ވާހަކަ ކިޔައިދީފައިވެ އެވެ.
އެމީހުން ބުނި ގޮތުގައި އެއީ ދޮގު ހަދައިގެން މަޖަލަކަށް އެމީހާ ކުރިކަމެއް ނޫނެވެ. ހަގީގަތުގައި ވެސް މިނިކާވަގެއް ކަމަށް ހީކޮށް ބިރުން ފުލުހުންނަށް ގުޅީ އެވެ.