ޗައިނާގެ ޓޫރިސްޓުން ތިބީ ރާއްޖެ އަންނަން ކެތްމަދުވެފައި ކަމަށާއި އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ގަދަ ތިނެއްގައި އެ ގައުމު ހިމެނޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ތިން އަހަރަށް ފަހު ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުތައް ރަސްމީކޮށް ފެށުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުސޫމް ވިދާޅުވީ ކޮވިޑްގެ ކުރިން ރާއްޖެއަށް ޓޫރިސްޓުން އަންނަ އެންމެ ބޮޑު މާކެޓު ރަސްމީ ސިފައެއްގައި އަލުން ފެށީތީ އުފާކުރައްވާ ކަމަށެވެ.
"ޗައިނާ މާކެޓުގެ ރަންޒަމާނުގައި އައި ވަރަށް މި އަހަރު ނަޔަސް، އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖެ އައި ފުރަތަމަ ފްލައިޓަށް މަރުހަބާ ދެންނެވުމަށް ފަހު އެމަނިކުފާނު ވިދާޅުވީ އެ ފްލައިޓުން އައި ޓޫރިސްޓުން ރާއްޖޭގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާކުރާނެ ކަމަށާއި، އެއާއެކު ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ޗައިނާ މާކެޓަކީ ރާއްޖޭގެ ޕްރޮޑަކްޓާ ވަރަށް ރައްޓެހި މާކެޓެއް. ޗައިނާ މީހުން އެދޭ ކަހަލަ ޕްރޮޑަކްޓެއް ރާއްޖޭގައި އެބައޮތް. މި ތިން އަހަރު އެމީހުން ތިބީ ކެތް މަދުވެފައި،" މައުސޫމް ވިދާޅުވި އެވެ.
ޗައިނާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ވިޒިޓް މޯލްޑިވްސްގެ ފަރާތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އޮތީ ޗައިނާގެ މާކެޓަށް ތައްޔާރަށް ކަމަށެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ދަތުރުތައް ފެށި ނަމަވެސް، ފަހަތުން އަރާ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް އަލުން ވުން ގާތްކަމަށާއި، އެކެއް ނުހޯދިޔަސް ގަދަ ތިނެއްގައި ޗައިނާ މާކެޓް ގުނާލެވޭނެ ކަމުގެ އިތުބާރުު އެބައޮތް ކަމަށް މައުސޫމް ވިދާޅުވި އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވާންގް ލިޖިން ވިދާާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ގިނަ ފްލައިޓްތައް ފެށުމުން ޓޫރިސްޓުން އަންނަ ވަރު އިތުރުވާނެ ކަމަށެވެ. އަދި ޗައިނާގެ މާކެޓު ކުރިއެރުވުމަށްޓަކައި އެ ގައުމުގެ އެމްބަސީން ތިބީ ދިވެހި ސަރުކާރާއެކު ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ޗައިނާގެ ގައުމީ އެއާލައިންގެ ފުރަތަމަ ފްލައިޓް ވަނީ ވީއައީއޭ އަށް ޖައްސައިފަ އެވެ. އަދި އެ ފްލައިޓުން ދަތުރު ކުރި 198 ޓޫރިސްޓުންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ ސަފީރާއި، މިނިސްޓަރު މައުސޫމްގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާ އެކު އެމްއެމްޕީއާރްސީގެ ބައެއް އިސްވެރިން އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.