ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލްް ހޮސްޕިޓަލްގައި ދައުލަތުގެ މީޑިއާ، ޓީވީއެމް ފިޔަވައި އެހެން ޗެނަލްތައް އެޅުވުން މަނާކޮށްފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު ހުސެއިން ރަޝީދު ސޮއިކުރައްވައި އެ ތަނުގެ ހުރިހާ ސެކްޝަނަކަށް މިއަދު ފޮނުއްވި މެމޯގައި ވިދާޅުވެފައި ވަނީ ހޮސްޕިޓަލްގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ޓީވީތަކުން ޓީވީއެމް ފިޔަވައި އިތުރު ޗެނަލްތައް އަޅުވައި އަދި ބެލުމަކީ މަނާކަމެއް ކަމުގައި ހޮސްޕިޓަލް އިން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން އެ އެންގުމަށް ހުރިހާ އެންމެން ވެސް އަމަލުކުރަން ވަނީ އަންގައިފަ އެވެ.
ޓީވީއެމް ފިޔަވައި އެހެން ޗެނަލްތައް އެޅުވުން ތިނަދޫ ހޮސްޕިޓަލްގައި މަނާކުރިއިރު، ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންގެ ޓީމެއް ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އެ ހޮސްޕިޓަލަށް ވަޑައިގެން ހުރިހާ މުވައްޒަފުންނާ ބައްދަލުކުރައްވައިފަ އެެވެ.
ތިނަދޫ ހޮސްޕިޓަލްގެ މެނޭޖަރު ހުސެއިން ވިދާޅުވީ މުވައްޒަފުން ގިނައިން ޓީވީ ބަލަން ތިބޭ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެހެންކަމުން އެއީ މަސައްކަތަށް އަހުލުވެރިކުރުވަން ނިންމި ނިންމުމެއް ކަމަށެވެ.
"މުވައްޒަފުންނަށް އަންނަނީ މަސައްކަތް ކުރަން. ޓީވީ ބަލާކަށް ނޫން ދެއްތޯ. އެހެންވެ މަސައްކަތަށް އަހުލުވެރިކުރުވަން ކުރި ކަމެއް މިއީ. އެއްވެސް ގޮތަކަށް ސިޔާސީ ގޮތުން ނިންމި ނިންމުމެއް ނޫން. އެހެން ނޫން ނަމަ ހުރިހާ ޗެނަލްތަކެއް ވެސް މަނާކުރާނެ ދެއްތޯ،" ރަޝީދު ވިދާޅުވި އެވެ.
މިފްކޯއިން ވެސް ވަނީ މިދިޔަ ފެބްރުއަރީ މަހު ޓީވީއެމްގެ ޚަބަރަށް އިސްކަންދޭން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގައިފަ އެވެ.