ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށްވާ ޝައިހް ހުސައިން ޔޫސުފް ރޭ އަވަހާރަވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރު ތިލްމީޒާ ހުސައިންގެ ބައްޕާފުޅު ހުސައިން ޔޫސުފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކަކަށް ފަހު އިންޑިއާގަ އެވެ.
ބ. ހިތާދު އަށް އުފަން ހުސައިން އަކީ ހައި ކޯޓު އުފެއްދި ދުވަސްވަރު އެ ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އޮކްޓޯބަރު 6، 1980 ގައި ހައި ކޯޓު އުފެއްދުމަށް ފަހު، އެ ކޯޓަށް ފުރަތަމަ އައްޔަން ކުރެއްވި ގާޒީންގެ ތެރެއިން އެއް ބޭފުޅަކީ ހުސައިން އެވެ. ފަހުން ޖަސްޓިސް މިނިސްޓްރީގައި ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ. އެ ދުވަސްވަރު ކޯޓުތައް ހިންގަމުން އައީ ޖަސްޓިސް މިނިސްޓްރީގެ ދަށުން ކަަމަށް ވާއިރު، ކޯޓުތަކުގައި ހިންގާ މައްސަލަތަކާ ބެހޭ ބައިގައި އިސްކޮށް ހުންނެވީ ވެސް ހުސައިން އެވެ. ހުސައިން އެ މިނިސްޓްރީގައި އަދާކުރެއްވީ ޑިރެކްޓަ ޖެނެރަލް ޖުޑީޝަލް އެފެއާޒްގެ މަގާމެވެ.
އެހެންވެ، ބައެއް ގާޒީން ހިމެނޭ ގޮތަށް ޖަސްޓިސް މިނިސްޓްރީގައި އޭރު އުފައްދާފައިވާ ޚާއްސަ ކޮމިޓީ ނުވަތަ މިހާރުގެ ގޮތުން ނަމަ ޖުޑީޝަލް ކޮމިޓީ ޗެއާ ކުރެއްވީ ވެސް ހުސައިން އެވެ. އެ ކޮމިޓީގައި ތިއްބަވަނީ މާލޭގެ ގާޒީގެ އިތުރުން "ޚާއްސަ ގާޒީން" ންނެވެ. ދަށު ކޯޓުން ނިންމާ މައްސަލަތައް ހައި ކޯޓު މަރުހަލާގައި ބާތިލް ކޮށްފި ނަމަ، ދަށު ކޯޓުން އެ މައްސަލަ ބެއްލެވި ގާޒީންނަށް އެއްވެސް ކަމެއް ގޯހުން ގެންދެވިފައިވޭތޯ ބަލަނީ އެ ދުވަސްވަރު އެ ކޮމިޓީންނެވެ.
"އެކަމަކު، ގާޒީންނަށް ހެދިފައި ހުންނަ މިސްޓޭކްސްތައް ކިޔައިދޭން އެ ކޮމިޓީން މަސައްކަތް ކުރާނީ. އެއްގޮތަކަށް ވެސް ކޯޓުގެ ނިންމުންތަކަށް ފާޑުކިޔައެއް ނުހަދާނެ. ރަނގަޅު ކުރަންޖެހޭ ކަންކަން ކޮމިޓީން ބަލަމުން އައީ. އެއީ އޭރު ވެސް ކޮރަޕްޝަން ހުއްޓުވުމަށް އަޅާފައި އޮތް ފިޔަވަޅެއް،" ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވި އެވެ.
"އެހެންވެ، ދިވެހިންނަށް ދީނީ ތައުލީމު އުގަންނައި ދެއްވުމުގައި ވެސް ހުސައިން ވަނީ ވަރަށް ކުރިއްސުރެ ފެށިގެން އިސް ދައުރެއް އަދާކުރައްވާފައި. އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވި،" ފާއިޒް
ފާއިޒް، 1999 ގެ ފަހުކޮޅު ގާޒީކަން ކުރައްވަން ފެއްޓެވިއިރު ކޯޓުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމުގައި ޖަސްޓިސް މިނިސްޓްރީގައި އިސްކޮށް ހުންނެވީ ހުސައިން އެވެ.
ބ. އަތޮޅުގެ މެމްބަރުކަން ވެސް ކުރެއްވި ހުސައިން އަކީ ރާއްޖޭގައި ދީނީ ތައުލީމު ފެތުރުއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް މާލޭގައި އުފެއްދެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ވެސް ހުސިން އެވެ. ދެން ތިއްބެވީ ޝައިހް އުސްމާން އަބްދުﷲ އާއި ޝައިހް އިސްމާއިލް މުހައްމަދު (މީދޫ އިސްމާއިލް) އެވެ.
މީގެ އިތުރުން ރާއްޖެ އިން ބޭރުގައި ކިޔަވަން ބޭނުންވާ ދިވެހިން ހުސައިންގެ އަމިއްލަ ޚަރަދުގައި ރާއްޖެ އިން ބޭރަށް ފޮނުއްވި އެވެ. ޚާއްސަކޮށް ވަރަށް ގިނަ ދަރިވަރުން ހުސައިންގެ ޚަރަދުގައި ޕާކިސްތާނުގައި ކިޔެވި ކަމަށް ފާއިޒް ވިދާޅުވި އެވެ.
"އެހެންވެ، ދިވެހިންނަށް ދީނީ ތައުލީމު އުގަންނައި ދެއްވުމުގައި ވެސް ހުސައިން ވަނީ ވަރަށް ކުރިއްސުރެ ފެށިގެން އިސް ދައުރެއް އަދާކުރައްވާފައި. އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވި،" ފާއިޒް ވިދާޅުވި އެވެ.
މަދީނާ އިން ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެން ދީނީ ނަސޭހަތް ދެއްވުމުގައި ހުސައިން ޔޫސުފް އިސްކޮށް އުޅުއްވި އެވެ. ދިވެހިންނަށް ދީނީ ތައުލީމު އުނގަންނަވައި ދެއްވުމަށް މުހިންމު މަސައްކަތްތަކެއް ފެއްޓެވި އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ވިދާޅުވި ގޮތުގައި، ހުސައިން އަކީ ވަރަށް އޯގާތެރި، ތައުލީމު ފެތުރުއްވުމަށް ބުރަ މަސައްކަތް ކުރެއްވި އުސްތާޒެއް ކަމަށެވެ.
"އެ މަނިކުފާނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވި. އޯގާތެރި އުސްތާޒެއް ނެތި ދިއުމުގެ ފުން ހިތާމައެއް އިހުސާސް ކުރެވޭ،" ފާއިޒްގެ ފޭސްބުކްގައި ލިޔުއްވި އެވެ.