މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތައް، މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފި އެވެ.

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ ކައުންސިލާއެކު ރައީސް މިއަދު ބޭއްވެވި ބައްދަލުވުމުގައި، ކެމިކަލް ގުދަންތައް ބަދަލުކުރަން ރައީސް އެންގެވީ އެކަމުގެ ނުރައްކަލާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

އެ ކައުންސިލްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އާއި ސިފައިންގެ ވެރިންނާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ވެރިންގެ އިތުރުން ރައީސް އޮފީހުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

މީހަކު މަރުވި އަލިފާނުގެ ބޮޑު ހާދިސާ އަށް ފަހު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ މާލެ ސަރަހައްދުގައި މުދާ ގުދަންކުރުމުގައި ސަރުކާރުން ގެންގުޅޭ މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭނާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި މާލެއިން އެފަދަ ގުދަންތައް ބޭރުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އަދި އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތަށް ލަފާ ދީ ކެބިނެޓަށް މިއަދު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ހެނދުނު ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީން ވަނީ މާލޭގައި ހުރި އެފަދަ ގުދަންތައް ބަލައި ދިރާސާ ކުރުމަށް ފަހު ހަދާފައިވާ ރިޕޯޓެއްގެ މައުލޫމާތު ރައީސާ ހިއްސާ ކުރައްވައިފަ އެވެ. މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އެ ބައްދަލު ކުރެއްވުމުގައި އެމްއެންޑީއެފުން ވަނީ ރާއްޖެ އަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާލުމާބެހޭ ގަވައިދެއް މިހާރު ނެތުމުން އެފަދަ ގަވައިދެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި ވީހާ ވެސް އަވަހަކަށް އެ ގަވައިދު ގެޒެޓްކޮށް އަމަލުކުރަން ފެށުން މުހިންމުކަން ފާހަގަކޮށްފައިވެ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ ރޭގެ ހާދިސާއާ ގުޅިގެން މީހުން ހުސްކޮށްފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށްޓަކައި އިންޖިނިއަރިން އެސެސްމެންޓް ހެދުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށެވެ. އެ ގެތަކަށް މީހުން ވަނުމުގެ ހުއްދަ ދޭނީ އެ އެސެސްމެންޓަށް ފަހުގައި ކަމަށް ބުންޏެވެ.

ހާލުގައި ޖެހުނު 443 މީހުންގެ ކަންކަން އޮޅުން ފިލުވައި އޭގެ ތެރެއިން ކިޔަވާ ކުދިން މާދަމާ ސްކޫލަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް އެދިވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަތް ގެއެއް ވަނީ އަނދައިފަ އެވެ.