ލަންޑަން (ޖެނުއަރީ 17) - އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއިގެ މައްޗަށް ރޭ ނެގި އިތުބާރު ނެތްކަމުގެ ވޯޓުން އެކަމަނާ ސަލާމަތްވެއްޖެ އެވެ.
އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން ވަކިވުމާ ގުޅޭ ގޮތުން މެއި ހުށަހެޅި ޕްލޭން ބޮޑު ތަފާތަކުން ޕާލަމެންޓުން ފެއިލްވުމާ ގުޅިގެން ނެގި ވޯޓު މެއި ކާމިޔާބު ކުރެއްވީ 325-306 ވޯޓުންނެވެ.
"ސަރުކާރަށް ޕާލަމެންޓުގެ އިތުބާރު އޮތްކަން ޔަގީންވުމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ،" ވޯޓަށް ފަހު މެއި ވިދާޅުވިއެވެ.
ބޮޑު ވަޒީރު ވިދާޅުވީ މި ދަނޑިވަޅު އާއްމު އިންތިޚާބެއް ބޭއްވުމަކީ އިނގިރޭސި ވިލާތަށް އެންމެ ގޯސް ގޮތް ކަމަށެވެ. ޕާލަމެންޓުގެ ބައެއް މެންބަރުން މިހާރު ދަނީ އީޔޫ އިން ވަކިވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާ ވޯޓެއް ނެގުމަށް ތައްޔާރުވަމުންނެވެ.
އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ޕާލަމެންޓުގައި ރޭ ވިދާޅުވީ ބްރެކްސިޓް ވޯޓަށް ފަހު ބޮޑު ވަޒީރު މެއިގެ ސަރުކާރުގެ ނުކުޅެދުންތެރިކަން ހާމަކޮށްދީފި ކަމަށެވެ.