ގުދުސް (ނޮވެމްބަރު 3) - ފަލަސްތީނުގެ ބިމުގައި އިޒްރޭލް އުފަންކުރަން މެދުވެރިވި ބެލްފޯ ޑިކްލަރޭޝަނަށް ފާޑުކިޔާ އެ ގަރާރަށް 100 އަހަރު ފުރުނު ދުވަހާ ދިމާކޮށް ފަލަސްތީނުގެ އެތައް ހާސް ކުދިންނެއް އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި އަށް ސިޓީ ފޮނުވައިފަ އެވެ.
ފަލަސްތީނުގެ ކިޔަވާ ކުދިންގެ މެސެޖް އިއްޔެ ވަނީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓާ ހަވާލުކޮށްފަ އެވެ. އިއްޔެ އަކީ ބެލްފޯ ޑިކްލަރޭޝަނަށް 100 އަހަރު ފުރުނު ދުވަހެވެ.
ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީގެ ތަރުޖަމާން ސޯދިގު އަލް ޚައްދޫރު ވިދާޅުވީ އިނގިރޭސި ބޮޑު ވަޒީރަށް ސިޓީ ފޮނުވުމުގެ ފުރުސަތު ދިނީ ބެލްފޯ ޑިކްލަރޭޝަނާ މެދު ހައި ސްކޫލް ކުދިން ދެކޭ ގޮތް ހާމަކުރަން ކުރަން ކަމަށެވެ.
"ފަލަސްތީނު މީހުންނަށް ބޭއިންސާފު ލިބެމުންދިޔަ ނަމަވެސް އަޅުގަނޑުމެން ބޭނުންވީ ސުލްހަވެރިކަމާ އެކު ޝުއޫރު ފާޅު ކުރަން،" އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ބޮޑު ވަޒީރަށް ފަލަސްތީނުގެ ކިޔަވާ ކުދިން ފޮނުވި ޝުއޫރުތަކުގައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ކުޑަކުދިންނަށް ލިބޭ ހައްގުތައް އެ ކުދިންނަށް ނުލިބޭތީ ސުވާލުކޮށްފަ އެވެ. އަނެއްބައި ކުދިން ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިނގިރޭސިން ބަލައި ނުގަންނަ ސަބަބު އޮޅުން ފިލުވައިދޭން އެދިފަ އެވެ. ބައެއް ކުދިން ވަނީ ބެލްފޯ ޑިކްލަރޭޝަން އަނބުރާ ގެންދިއުމަށް ވެސް އެދިފަ އެވެ. އަދި އެ ޑިކްލަރޭޝަން ވުޖޫދު ނުވި ނަމަ އެ މީހުންގެ ބިންތައް މިއަދު ފޭރިގެންފައި ނުވާނެ ކަމަށް ވެސް ކިޔަވާ ކުދިން ބުނެފައިވެ އެވެ. ފަލަސްތީނުގެ ކިޔަވާ ކުދިން ވަނީ ލައްކައެއްހާ ސިޓީ އިނގިރޭސި ބޮޑު ވަޒީރަށް ފޮނުވައިފަ އެވެ.
ބެލްފޯ ޑިކްލަރޭޝަނަށް ގަރުނެއް ފުރުން ފާހަގަ ކުރަން އިޒްރޭލުގެ ބޮޑު ވަޒީރު މިހާރު އުޅުއްވަނީ ލަންޑަނަށް ވަޑައިގެންނެވެ.
ބެލްފޯ ޑިކްލަރޭޝަނަކީ އިނގިރޭސި ވިލާތުގެ އޭރުގެ ޚާރިޖީ ވަޒީރު އާތާ ބެލްފޯގެ ފަރާތުން އިނގިރޭސިންގެ ޔަހޫދީ ކޮމިއުނިޓީ ލީޑަރަށް 1917 ވަނަ އަހަރު ފޮނުވި 67 އަކުރުގެ ސިޓީ އެވެ. ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވައި 1948 ވަނަ އަހަރުއިޒްރޭލް އުފައްދަން މެދުވެރިވީ މި ލިޔުމެވެ.