ލަންޑަން (ޖޫން 9) - ޕާލަމެންޓުގެ ސާފު އަޣުލަބިއްޔަތު ކޮންޒަވެޓިވް ޕާޓީ އަށް ނުލިބުނު ނަމަވެސް މައިނޮރިޓީގެ ތާއީދާ އެކު އާ ސަރުކާރެއް އުފެއްދުމަށް ބޮޑު ވަޒީރު ތެރޭސާ މެއި ނިންމަވައި އެކަމުގެ މަސައްކަތް ފައްޓަވައިފި އެވެ.
ސަރުކާރު އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތުމަށް މެއި މިއަދު ވަނީ ބަކިންހަމް ޕެލަސް އަށް ވަޑައިގެން ރާނީއާ ބައްދަލު ކުރައްވައިފަ އެވެ. މެއި އުއްމީދު ކުރައްވަނީ ނޯދަން އައިލެންޑުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޑިމޮކްރެޓިކް ޔޫނިއަނިސްޓްސް ޕާޓީ (ޑީޔޫޕީ)ގެ ތާއީދު ލިބޭނެ ކަމަށެވެ. އެ ޕާޓީ ވަނީ 10 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އިންތިޚާބުގެ އެއް ގޮނޑީގެ ނަތީޖާ ސާފު ނުވާއިރު ކޮންޒަވެޓިވުންނަށް ވަނީ 650 ގޮނޑީގެ އަޣުލަބިއްޔަތު ކަމަށްވާ 326 ގޮނޑި ހޯދަން ހަތް ގޮނޑި މަދުވެފަ އެވެ. ކޮންޒަވެޓިވުންނަށް 319 ގޮނޑި ލިބުނު އިރު ލޭބާ ޕާޓީ އަށް ލިބިފައި ވަނީ 261 ގޮނޑި އެވެ. އެސްއެންޕީ އަށް 35 ގޮނޑި އަދި ލިބެރަލް ޑިމޮކްރެޓިކުން ވަނީ 12 ގޮނޑި ހޯދައިފަ އެވެ. ކޮންޒަވެޓިވުންނާއި ޑީޔޫޕީގެ ގޮނޑިތައް އެއްކޮށްލުމުން ހައުސް އޮފް ކޮމަންސްގައި 329 ގޮނޑީގެ އަޣުލަބިއްޔަތު ލިބޭނެ އެވެ.
އިދިކޮޅު ލޭބާ ލީޑަރު ޖެރެމީ ކޯބިން ވަނީ މެއި އިސްތިއުފާ ދެއްވަން ގޮވާލައްވައިފަ އެވެ. އަދި ބޮޑު ވަޒީރުގެ މަސްއޫލިއްޔަތު އުފުއްލައްވަން އޭނާ ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ. ލިބެރަލް ޑިމޮކްރެޓިކް ލީޑަރު ޓިމް ފެރޮން ވިދާޅުވީ މެއި ލަދުގަންނަން ޖެހޭނެ ކަމަށާއި އަމިއްލަ ނަފްސަށް އިހުތިރާމް ކުރާ ނަމަ އެކަމަނާ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.