ރާއްޖެ އަށް މިހައިތަނަށް ކުރިމަތިވި، އެންމެ ނުރައްކާތެރި އެއް ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހެވެ. އެއީ ދިވެހިންގެ ތެރެއިން ބަޔަކާ އެކު ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަަތެއްގެ މީހުން ހަތިޔާރާ އެކު މާލެ އަރައި، އޭރު އޮތް ސަރުކާރު ވައްޓައިލަން ހަނގުރާމަކުރި ދުވަހެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމާ ހަމައަށް ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރެއްވި ތީމުގެ، މިހާރު ފެންނަން މިހުުރި ފެންވަރަށް އަލުން އިމާރާތްކުރީ އެ ހާދިސާ އަށް ފަހުގަ އެވެ. އެތަން އިމާރާތްކުރުމުގައި، އޭރުގެ ސަރުކާރުގެ ވިސްނުން ގެންގުޅޭނެ ގޮތް މިކަމުން ވެސް ދޭހަވެ އެވެ. ޔަގީންވާ ކަމަކީ އެ ދުވަސްވަރުގައި ރައީސަކު ދިރިއުޅުއްވާ ތަނެއް އިމާރާތް ކުރާ ނަމަ އެންމެ ބޮޑު އިސްކަމެއް ދޭނީ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމެވެ.
ބަރުލަމާނީ ނިޒާމަކުން ރާއްޖެ ހިންގި ދުވަސްްވަރު އޭރުގެ ބޮޑުވަޒީރު އަދި ފަހުން ރައީސްކަން ކުރެއްވި އިބްރާހީމް ނާސިރު ދިރިއުޅުއްވުމަށް ފަހު ދޫކޮށްލައްވާފައި ހުއްޓާ ތީމުގެ އަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށް ހަމަަޖެއްސެވީ އެތަން މިހާރު އެހުރި ފެންވަރަށް އިމާރާތްކުރެއްވުމަށް އިސް ނެންގެވި، ކުރީގެ ރައީސް މައުމޫނެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މައުމޫނުގެ އެ ނިންމެވުމަކީ ސްޓްރެޓީޖިކް ގޮތުން ހަރުދަނާ ރަނގަޅު ނިންމެވުމެއް ކަަމަށެވެ. އޭނާ އެހެން އެ ވިދާޅުވީ ސަލާމާތާއި ރައްްކާތެރިކަމުގެ ގޮތުން، ރާއްޖޭގެ ރައީސުންނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކުރައްވައިގެންނެވެ. އެހެން އެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅިގެން މަޖިލީހުން މިހާރު ކުރިއަށް ގެންދާ ޕާލަމެންޓްރީ އިންކުއަރީގައި ލިބިވަޑައިގެންފައިވާ މައުލޫމާތުގެ އަލީގަ އެވެ.
މާލޭގެ މެދުތެރޭގައި، އަދި ގިނަ ބައެއްގެ ލޮލުގެ ކުރިމަތީގައި އޮތް ތަނެއްގައި ބޮމެއް ބާއްވައި އެ ގޮއްވައިލުމަކީ ސަލާމަތީ ނަޒަރުން ބަލާއިރު ވަރަށް ބިރުވެރި ކަމެކެވެ. ކުށްކުރާ މީހުންގެ ވިސްނުން ގޮސްފައިވާ ހިސާބު އެކަމުން ރަނގަޅަށް ފެނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވަރުގެ ނުރައްކަލާ ކުރިމަތިލަައްވަން ޖެހިވަޑައިގެންނެވި އިރު، ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް ނުރައްކާކޮށްފާނެ ވަރު އަންދާޒާ ކޮށްލެވެ އެވެ. އެހެން ހުރިހާ ބޭފުޅުންނަށް ވުރެ ރައީސަށް ނުރައްކާ އިތުރުވާ އެތައް ސަބަބެއް އެބަހުއްޓެވެ. އަސްލަމްގެ ވާހަކައިގައި އެ ވާހަކަ ވަރަށް ސާފުކޮށް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ. ރައީސުލްޖުމްހޫރިއްޔާ އަކީ ދިވެހި އަސްކަރީ އެންމެހާ ބާރުތަކުގެ ކޮމާންޑާ އިން ޗީފް. ރައީސުލް ޖުމްހޫރިއްޔާއެއްގެ ސަލާމަތާ ރައްކާތެރިކަމަށް މުޅި ދައުލަތުން އިސްކަންދޭ،" އޭނާ ވިދާޅުވި އެވެ.
ތީމުގެ ބިނާކުރުމުގައި މައިގަނޑު ވިސްނުމަކީ ރައްކާތެރިކަން
އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި ތިނެއް ނޮވެމްބަރުގެ އެއް ބަަތަލު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވި ގޮތުުގައި 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާ އަށް ފަހު، ސަލާމަތީ ކަންތައްތަކާ ބެހޭ ބޭރުގެ އެތައް މާހިރުންނެއް ރާއްޖެ އަށް ޒިޔާރަތް ކުރެއްވި އެވެ. ރައީސާއި ވަޒީރުން އަދި ރާއްޖެ އަށް ޒިޔާރަތްކުރައްވާ ބޭރުގެ އިއްޒަތްތެރިންނަށް ސަލާމަތާއި ރައްކާތެރިކަން އޮތް ވަރު އެ ބޭފުޅުން ވަޒަން ކުރެއްވި އެވެ.
މިހާރު އެހުރި ފެންވަރުގައި ތީމުގެ އަލުން އިމާރާތްކުރަން ފުރަތަމަ ޕްލޭން ކުރީ ވެސް، ދީދީ ވިދާޅުވިގޮތުގައި، ބޭރުގެ މާހިރުން ހެއްދެވި ސެކިއުރިޓީ އެސެސްމެންޓަށް ފަހު އެވެ.
"ރައީސާއި ވަޒީރުން އަދި ރާއްޖެ އަށް ޒިޔާރަތްކުރައްވާ ބޭރުގެ އިއްޒަތްތެރިންނަށް ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އަޅަންވީ ފިޔަވަޅުތަކާ ބެހޭ ލަފާ އެ ބޭފުޅުން ދެއްވި. ތީމުގެ ބިނާކޮށްފައި އެހެރީ އެ ހުރިހާ ލަފަޔަކަށް ރިއާޔަތްކޮށްގެން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސަކަށް ސަލާމަތާއި ރައްކާތެރިކަން ދޭން، ތީމުގެއަށް ވުރެ ރަނގަަޅު އެހެން ތަނެއް ރާއްޖެއަކު އަދި ނެތެވެ. އެ ފެންވަރަށް މިހާރު އެހެން ތަނެއް އިމާރާތްކުރަން ވެއްޖެ ނަމަ އެކަމަށް ވަރަށް ބޮޑު ހަރަދެެއް ކުރަން ޖެހޭނެ އެވެ. އަދި އެއީ އެކަމަށް ވަރަށް ގިނަ ދުވަސް ވެސް ހޭދަވާނެ ކަމެކެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި އަލަށް އުފެއްދި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ޕްލެޓޫނެއްގެ ކޮމާންޑަރުކަން ކުރައްވާފައިވާ ކުރީގެ އޮފިސަރަކު ވިދާޅުވި ގޮތުގައި، ސަލާމަތީ ކަންތައްތައް ރަނގަޅަށް ބެލެހެއްޓުމަކީ އެކަމަށް ވަރަށް ގިނަ ވަސީލަތްތައް ބޭނުންވާ ކަމަކަށް ވާއިރު، އެ ވަސީލަތްތައް އެންމެ ފުރިހަަމައަށް ހުރީ ތީމުގޭގަ އެވެ.
"އެއަށް ވުރެ ބަލަަހައްޓަން ފަސޭހަ ތަނެއް ހަގީގަތުގައި ނުހުންނާނެ. ރައީސްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސިފައިންނަށް ބޭނުންވާ ޖާގަ އާއި ވަސީލަތްތައް އެންމެ ރަނގަޅަށް ހުރީ އެތަނުގައި. މުލިއާގެއާ އަޅާ ބަލާ ނަމަ އެތަނަކީ އެތައް ގުނައަކަށް ރައްކާތެރި ތަނެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
އޭނާއަކީ އެސްޕީޖީގައި މަސަައްކަތް ކުރުމަށް ޓަކައި އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނުން ހާއްސަ ތަމްރީނުތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
ސިޔާސީ ބަހުސް
ތީމުގޭގެ ފެންވަރު ރަނގަޅު ކަމުގެ ވާހަކައަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަން ނިންމަން ނުކުތް އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ގިނައިން ދެއްކި އެއް ވާހަކަ އެވެ. ރާއްޖޭގައި ފުރަތަމަ އުފެއްދި އިދިިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނުކުތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މައުމޫނަށް އެންމެ ބޮޑަށް ފާޑުކީ ކަންކަމުގެ ތެރޭގައި ތީމުގޭގެ ކަންތައް ހިމެނެ އެވެ.
އެމްޑީޕީން އޭރު ބުނަމުން ދިޔައީ ރާއްޖޭގެ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ފެންވަރު އޭރު ހުރި ގޮތަށް ބަލާއިރު، އެ ފެންވަރުގެ ގަނޑުވަރެއްގައި ދިރިއުޅުއްވަން، ރައީސެއްގެ ހައިސިއްޔަތުން މައުމޫނު ލަދުފުޅުގެން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެހެންވެ، 2008 ގައި ރައީސް މުހަންމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވަން ޚިޔާރު ކުރެއްވީ މުލިއާގެ އެވެ. ތީމުގެ އަށް ބަދަލުކުރީ މަތީ ކޯޓުތަކެވެ.
ތީމުގެ ބިނާކުރަން ޑިޒައިނަރަކު ހޯއްދެވުމުގެ މަސައްކަތް ކުރެއްވި އަލް މަރްހޫމް އަލީ އުމަރު މަނިކު އޭނާގެ ފޮތް "އަޅުގަނޑުގެ ދުވަހުގެ ފޮތް" ބުނާ ގޮތުގައި 1992 ވަނަ އަހަރު ބިނާކުރަން ފެށި، ތީމުގޭގެ އާ އިމާރާތް ބިނާކުރަން 12 މިލިޔަން ޑޮލަރު (185 މިލިޔަން ރުފިޔާ) އޭރުގެ ސަަރުކާރުން ހަރަދުކުރި އެވެ. ޕާޗޭޒިން ޕަވާ އަށް ބަލާ ނަމަ މިހާރު އެއީ 24 މިލިޔަން ޑޮލަރު (370 މިލިޔަން ރުފިޔާ) އަށް ވުރެ ގިނަ ރުފިޔާ އެވެ.
ތީމުގޭގައި ދިރިއުޅުއްވާތީ މައުމޫނަށް އެހާ ބޮޑު ފާޑުކިއުމެއް ކުރިމަތިވެވަޑައިގެންނެވީ މި ސަބަބާ ހެދި އެވެ. އެ އަދަދަށް ފައިސާ ހަރަދުކުރި އިރު ލޮލަށް ފެންނަން ހުރީ އެތަނުގެ ޒީނަތްތެރިކަން ކަމަށް ވާތީ އެވެ. ސަލާމަތީ ގޮތުން އެތަނުގައި ހުރި ސިފަތައް އޭރު ވަޒަންކޮށްލަން ވެސް ނޭނގެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތީމުގެއަށް ބަދަލުވެވަޑައިގެންނެވުމުގެ ކަންތައްތައް އަވަސްކުރަން ކަމާ ބެހޭ ފަރާތްތަކަށްް އަސްލަމް އިލްތިމާސް ކުރެއްވުމާ އެކު ގިނަ ބައެއްގެ ހަނދާނަށް އައީ އޭރު އެމްޑީޕީން ދައްކާފައި ހުރި ވާހަކަތަކާއި، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތީމުގެއާ މެދު އަމަލުކުރި ގޮތެވެ. އޭރުގައި އެތަން އާއްމުކޮށް ހުޅުވާލައި، ނޫސްވެރިންނަށާއި އާއްމުންގެ ބައެއް މީހުންނަށް ވެސް ދައްކައިލި އެވެ.
އޭގެ ސަބަބުން ތީމުގޭގެ ރައްކާތެރިކަމަށް ގެއްލުން ވެފައިވާ ކަމަށް ވެސް، ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުންޏެވެ.
ޖެނެރަލް ދީދީ ވިދާޅުވިގޮތުގައި، ތީމުގޭގެ އެތެރެ އާއްމުންނަށް ދައްކާފައި ވުމަކުން އެތަނުގެ ސެކިއުރިޓީ ބްރީޗެއް ނުވާނެ އެވެ. އެތަނުގެ ސްްޓްރަކްޗާގައި ހުރި ވަރުގަދަކަމާއި އެތަނުގައި ގާއިމްކޮށްފައިވާ ނިޒާމުތަކަށް އެކަމުން އުނިކަން ނާންނާނެތީ އެވެ.
ރާއްޖޭގައި މި ފަހުން ހިނގާފައިވާ ހާދިސާތަަކާ މެދު ވިސްނައި، ރައީސަށް އެކަށީގެންވާ ރައްކާތެރިކަމެއް ދިނުމަށް ޓަަކައި، އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދިިނުމުގެ ޒިންމާ ގާނޫނީ ގޮތުން އެޅިފައިވާ ފަރާތްތަކުން ބަލަން ޖެހޭނީ ސިޔާސީ ގޮތުން ކުރާ ބަހުސަކަށް ނޫނެވެ. އަދާކުރަން ޖެހޭ ޒިންމާއަށެވެ.