ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވެސް ހިންގަމުން އަންނަ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އުޅުއްވި ރަސްމީ ގެކޮޅު، ތީމުގޭގެ ކަރަންޓު ބިލަށް މަހަކު ތިން ލައްކަ އާއި ހަތަރު ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ހޭދަކުރަން ޖެހޭ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ބަޖެޓު ކޮމިޓީގައި ޑީޖޭއޭ އިން ބުނީ އެ މުއައްސަސާގެ ބަޖެޓުގެ ތެރެއިން ބޮޑު ބައެއް ހިންގުމުގެ ހަރަދަށްދާ ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އެއް ހޭދައެއް ކުރަން ޖެހެނީ ތީމު ގޭގެ މެއިންޓަނެންސް އަށް ކަމަށް އެ އިދާރާއިން ބުންޏެވެ.
ތީމުގެއަކީ މައުމޫންގެ ވެރިކަމުގައި، ދައުލަތުގެ އެންމެ އިސްވެރިޔާ ދިރިއުޅުވަން އިމާރާތްކުރި ތަނެކެވެ. ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެ އިމާރާތްކުރި އެ ތަން، މައުމޫންގެ ވެރިކަން ނޮވެމްބަރު 11، 2008 ގައި ބަދަލުވުމަށް ފަހު ބޭނުންކުރަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ބޭނުންތަކަށެވެ.
ޑީޖޭއޭގެ މާލީ ޒިންމާދާރުވެރިޔާ މުހައްމަދު އަލީ ވިދާޅުވީ، ތީމުގެ ރަނގަޅަށް ބެލެހެއްޓުމަށް އަހަރަކަށް ދެ މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި އެ އިމާރާތުގެ ކަރަންޓު ބިލަށް އެކަނި މަހަކު ތިން ލައްކަ އާއި ހަތަރު ލައްކަ ހަރަދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެވްރެޖުކޮށް މެއިންޓެނަންސް އަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ވަރު ހަރަދުވާނެ. މިހެން ދެންނެވިއަސް ބަޖެޓު ލިބޭ ވަރަކުން އެކަމަށް ހޭދަކުރަނީ. އެންމެ އެކަށީގެންވާ ގޮތެއްގައި ތީމުގެ ކަންކަން ބަލަހައްޓާ ނަމަ ދެ މިލިއަނަށް ވުރެ މަތިން ހޭދަވާނެ،" އޭނާ ވިދާޅުވި އެވެ.
ޑީޖޭއޭ އިން ވަނީ އަންނަ އަހަރުގެ ބަޖެޓަށް 579 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވީ ނަމަވެސް އިތުރަށް 220.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ކޮމިޓީގައި ވަނީ ބުނެފަ އެވެ. އެގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނަށް އައި ބަދަލާ ގުޅިގެން ސިވިލް ކޯޓާއި މެޖިސްޓްރޭޓް ކޯޓަށް ބޭނުންވާ އިތުރު މުވައްޒަފުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަށާއި ކޯޓުގެ އަރުޝީފު ބެލެހެއްޓުމަށާއި އިންޓަނެޓް ސްޕީޑު އަޕްގްރޭޑް ކުރުމަށްދާ ހަރަދު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.