ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތުގެ ސިއްރުކަން ނުހިފެހެއްޓޭ ގޮތަށް، އިންޑިޔާއިން ދާދި ފަހުން ހެދި ގަވާއިދާ މެދު ހިތްހަމަނުޖެހިގެން، ވަޓްސްއެޕުން، އިންޑިޔާ ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ފޭސްބުކްގެ ސޯޝަލް މީޑިއާގެ އެއް ޕްލެޓްފޯމް ވަޓްސްއެޕުން، އިންޑިޔާގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، މިދިޔަ ފެބްރުއަރީ މަހު އިންޑިޔާއިން ހެދި، އާ ޑިޖިޓަލް ގަވާއިދަކީ، އިންޑިޔާގެ ގާނޫނުއަސާސީއާ ޚިލާފު ގަވާއިދެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ ގަވައިދު ބުނާ ގޮތުން، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި މީހުން ޝާއިއުކުރާ ބައެއް އެއްޗެހި އެންމެ ފުރަތަމަ އެ ޕްލެޓްފޯމްގައި ޝާއިއުކުރާ މީހާ ދެނެގަތުމަށް، އިންޑިޔާ ސަރުކާރުން އެދިއްޖެ ނަމަ، އެމީހެއްގެ ޒާތީ މައުލޫމާތު އިންޑިޔާ ސަރުކާރާ ހިއްސާކުރަންޖެހޭނެ އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު ވަޓްސްއެޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ މީހުންގެ ޒާތީ މުއާމަލާތްތަކުގެ ސިއްރުކަން ރައްކާތެރިކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ހަދާފައިވާ ގަވާއިދެއް ކަމަށެވެ.

އަދި އެފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި، އެފަދަ ކޮންމެ ނިންމުމަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިންޑިޔާއިން އަލަށް ހެދި މިގަވާއިދަށް އަމަލުކުރާ ނަމަ، ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު ދައުރުވާ އެތައް ބިލިއަން މެސެޖެއް ރައްކާކޮށްފައި ބެހެއްޓުން، އެ ޚިދުމަތްދޭ ކުންފުނިތަކަށް މަޖުބޫރުވާނެ އެވެ.

އެއީ ފަހުގެ ތާރީޚެއްގައި ވެސް އެފަދަ މެސެޖެއްގެ އަސްލު ދެނެގަންނަން، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އެދިފާނެ ކަމަށްޓަކަ އެވެ.

ވަޓްސްއެޕުން ބުނީ، މީހުން ޝާއިއުކުރާ ކޮންމެ އެއްޗެއްގެ އަސްލު އުފަންވީ ގޮތް ދެނެގަތުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ. ސަބަބަކީ ވަރަށް ގިނަ މީހުން ވަޓްސްއެޕްގަޔާއި އެހެން ޕްލެޓްފޯމްތަކުގައި ޝާއިއުކުރާ ގިނަ އެއްޗިއްސަކީ، އެހެން ވެބްސައިޓްތަކުންނާއި އެހެން ޕްލެޓްފޯމްތަކުން ކޮޕީ ޕޭސްޓްކުރާ އެއްޗިއްސަށް ވާތީ އެވެ.

ވަޓްސްއެޕްގެ އެންމެ ބޮޑު މާކެޓަކީ ވެސް އިންޑިޔާ އެވެ. އެ ގައުމުގައި އެކަނި ވެސް ވަޓްސްއެޕް ބޭނުންކުރާ 400 މިލިއަން މީހުން އުޅެ އެވެ.